ވިޔަފާރި

އުރީދޫގެ "އެކު" ކެމްޕެއިން ލޯންޗުކޮށްފި

އުރީދޫ މޯލްޑިވްސް އިން "އެކު" މި ނަމުގައި އާ ބްރޭންޑް ކެމްޕެއިން އެއް ލޯންޗުކޮށްފި އެވެ.

އާ އަހަރާ ދިމާކޮށް އުރީދޫގެ ބްރޭންޑް ކެމްޕެއިން ލޯންޗު ކުރީ މިއަދު ގައުމީ ޔުނިވާސިޓީގެ ބިސްނަސް ސްކޫލުގެ އޮޑިޓޯރިިއަމްގަ އެވެ. ލޯންޗިން ހަފްލާގައި ޔުނިވާސިީގެ މާކެޓިން ކިޔަވާ ދަރިވަރުން ވަނީ ބައިވެރިވެފަ އެވެ. އަދި އުރީދޫގެ މާކެޓިން ޓީމުގެ ފަރާތުން އާ ކެމްޕެއިން ލޯންޗު ކުރުމަށް ކުރި މަސައްކަތްތަކާއި މާކެޓިން ޓީމުގެ ތަޖުރިބާތައްވެސް ހިއްސާ ކުރި އެވެ.

ހަފްލާ އަށްފަހު ވާހަކަދައްކަވަމުން، އެ ކުންފުނީގެ ޑިރެކްޓާ ޑިސްޓްރިބިއުޝަން އެންޑް ބްރޭންޑް، ހުސައިން ނިޔާޒް ވިދާޅުވީ "އެކު" ކެމްޕެއިން ލޯންޗު ކުރީ ގައުމީ ދުވަހާ ގުޅުވާފައި ކަމަށާއި ބްރޭންޑް ކެމްޕޭންގައި ދައްކުވައިދޭން ބޭނުންވަނީ ރާއްޖޭގެ އެކި ރަށްރަށުގަ އާއި އާއިލާތަކުގެ ގުޅުންތަަކަށް ކަމަށެވެ.

"ރާއްޖޭގައި ކޮންމެވެސް ވަރަކަށް އެބަ އުޅޭ އެއްބަޔަކު އަނެއް ބަޔަކާ ގުޅުމުގެ މައްސަލަ. މިއީ ކޮމިއުނިކޭޝަން ގުޅުމެއް ނޫން. އެކަމަކު އެކީ ގުޅުމުގެ މައްސަލަތަކެއް އެބަ ދިމާވެ. މި ކެމްޕެއިންގަ ފޯކަސް ކުރަނީ އެކީގަ ކިހިނެތްތޯ އުޅޭނީ. ރާއްޖޭގެ އާއިލާތައް ވެސް އެބައުޅޭ އެއް ގެއެއްގައި އުޅޭއިރު ވެސް ވަކިވަކިން ކައްކައިގެން އުޅޭ ބައެއް އާއިލާތައް. އަޅުގަނޑުމެން މި އިޝްތިހާރުތަކުގައި އެފަދަ އާއިލާތައް ޓެލެކޮމިއުނިކޭޝަން މެދުވެރިކޮށް އެކުގައި އުޅެވޭނެ ގޮތް އެބަ ދައްކުވައި ދެން،" ނިޔާޒް ވިދާޅުވި އެވެ.

އުރީދޫގެ މި ކެމްޕެއިން އިސްތިހާރުތައް އަންނަ އަހަރުވެސް ބޭނުން ކުރާނެ އެވެ. އަހަރަކު އެއްފަހަރު ބްރޭންޑް ކެމްޕެއިންތައް އުރީދޫން ކުރިއަށްގެންދެ އެވެ. މިދިޔަ އަހަރު އުރީދޫން ނެރުނު "ތަފާތު" ކެމްޕެއިން އަށްވެސް ގިނަ ބަޔެއްގެ ތަރުހީބު ލިބުނެވެ.