އޮފްބީޓް

ބިސް ކާން ނުދޭތީ ފިރިމީހާ ދޫކޮށް ފިލައިފި

އެހެން ހުރިހާ ކަމަކަށް ވުރެ ވަކި އެއްޗެތި ކެއުމުގެ ހުއްދަ ނުދީ ހިފެހެއްޓުމަކީ ބައެއް މީހުން މާ ރުޅިގަދަ ވާ ކަމެކެވެ. އެހެން ކޮންމެ ކަމެއް މަނާ ކުރިޔަސް ކާހިތްވާ އެއްޗެއް ކެއުން މަނާ ކޮށްގެން ނުވާނެ އެވެ. ވަކި އެއްޗެއް ކައިފައި ވަކި އެއްޗެއް ނުކާން އެންގުމަކީ އެއްވެސް މީހަކު ގަބޫލުކުރާނެ އުސޫލެއް ނޫނެވެ. އިންޑިޔާގެ އުއްތަރު ޕްރަދޭޝްގައި ހިނގި މި ހާދިސާ އަކީ ވެސް ވަކި އެއްޗެއް ނުކާން އެންގުމުން ހިނގި ކަމެކެވެ.

ބިހާ ނުލާ ދިރިއުޅެން ޖެހުމުން ގޯރާޕޫރް ޑިސްޓްރިކްޓްގެ ގެޔަކަށް ނިސްބަތްވާ އަންހެންމީހާ ވަނީ އޭނާގެ ފިރިމީހާ ދޫކޮށްލާފައި ގޮސްފަ އެވެ. އޭނާ މީގެ ހަތަރު މަސް ކުރިން ފިލައިގެން ދިޔަ ކަމަށް ވަނީ ލޯބިވެރިޔާ އާ އެކުގަ އެވެ.
އެނބުރި އައުމުން ފުލުހުން ސުވާލު ކުރުމުން އަންހެންމީހާ ބުނީ އޭނާ ފިރިމީހާގެ ގެއިން ފިލީ ބިސް ކެއުމަށް މަނާ ކުރާތީ ކަމަށެވެ. ބިހަކީ އޭނާ އެންމެ ކާހިތްވާ އެތި ކަމަށް ވެސް އަންހެންމީހާ ބުނި ކަމަށް ވެއެވެ.

ހިންދުސްތާން ޓައިމްސްގެ ހަބަރުގައި ބުނާ ގޮތުން ގިނަ ދުވަސް ތަކަކަށްފަހު އަންހެންމީހާ އެނބުރި ގެއަށް އައި ނަމަވެސް އަނެއްކާވެސް ދެމަފިރިންގެ މެދުގައި ބިހާ ބެހޭ ގޮތުން އަރާރުން އުފެދި އަންހެންމީހާ ވަނީ ދެ ވަނަ ފަހަރަށް ވެސް ގެއިން ފިލައިގެން ގޮސްފަ އެވެ.
އަންހެންމީހާގެ ލޯބިވެރިޔާ ވެސް އޭނާގެ ގޭގައި ނެތުމުން ދެ މީހުން އެކުގައި ފިލައިގެން ދިޔައީ ކަމަށް ބެލެވޭ ކަމަށް އިންޑިއާގެ ނޫހަކުން ބުނެފައި ވެއެވެ.

އަންހެންމީހާގެ ފިރިމީހާ އަކީ ވަޒީފާއެއް ނެތި އެ ދުވަހަކުޖެހޭ މަސައްކަތެއް ކޮށްގެން އާމްދަނީ ހޯދަމުންދާ މަސައްކަތު މީހެކެވެ. އެހެންވެ ކޮންމެ ދުވަހަކު އަންހެނުންނަށް ބިސް ގަނެދޭނެ ވަރަށް ފައިސާ ނުލިބޭ ކަމަށް އެ ފިރިހެންމީހާ ބުނެފައި ވެއެވެ. ފިރިހެންމީހާ އިތުރަށް ބުނީ އޭނާގެ އަންހެނުން ވަރަށް ބިސް ކާހިތްވާކަން އޭނާ މިހާރު ރައްޓެހިވެގެން އުޅޭ މީހާއަށް އެނގެ އެވެ. އެހެންވެ އެ މީހާ ކޮންމެ ދުވަހަކު އެ އަންހެންމީހާއަށް ބިސް ގެނެސްދެ އެވެ.

"އޭނައަކީ ވަރަށް ބިހަށް ވަރު ހުންނަ މީހެއް. އެހެންވެ އޭނާ ރައްޓެހިވި ފިރިހެންމީހާ ކޮންމެ ދުވަހަކުވެސް އޭނާއަށް ބިސް ގެނެސްދޭ،" ހިންދުސްތާން ޓައިމްސް އަށް އަންހެންމީހާގެ ފިރިމީހާ ކިޔައިދީފައި ވެއެވެ.