ހަބަރު

ގުޅުން ބަދަހިކުރާނެ ކަމުގެ ޔަގީންކަމާ އެކު ރައީސްގެ ތަހުނިޔާ އިންޑިއާއަށް

Aug 15, 2015

ރާއްޖެ-އިންޑިއާގެ ގުޅުން ބަދަހިވާނެ ކަމުގެ ޔަގީންކަމާ އެކު ރައީސް އަބްދުﷲ ޔާމީން އިންޑިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި އެވެ.

އެގައުމުގެ ރައީސް ޕްރަނާބު މުކަރުޖީ އާއި ބޮޑު ވަޒީރު ނަރެމްދުރަ މޯދީ އަށް މިއަދު ފޮނުއްވި ތަހުނިޔާގެ މެސެޖްގައި ވިދާޅުވެފައި ވަނީ އިންޑިއާގެ ރައްޔިތުންނަށް އިތުރު ފާގަތި ކަމާއި ކުރިއެރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި މިނިވަން ދުވަހުގެ ތަހުނިޔާ އާއި އުފާވެރިކަން އެ ގައުމުގެ ރައްޔިތުންނަށް ފޮނުއްވަމުން ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ދެ ގައުުމުގެ ގުޅުން ބަދަހިވާނެ ކަމަށެވެ.

މިއަދުގެ މުނާސަބަތުގައި ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިިސްޓަރަށް ވެސް ވަނީ މެސެޖެއް ފޮނުއްވައިފަ އެވެ. އެ މެސެޖްގައި ދުންޔާ ވަނީ، ރާއްޖެއިން އިންޑިއާގެ ރަހުމަތްތެރިއެއްގެ ގޮތުގައި އޮވެގެން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ސަރަހައްދުގެ މައްސަލަތަކުގައި އިންޑިއާ އިން ރާއްޖެއާ ގުޅިގެން މަސައްކަތް ކުރުމުގައި ދެމި އޮންނާނެ ކަމަށް ވެސް ދުންޔާ ވަނީ ވިދާޅުވެފަ އެވެ.

އިންޑިއާ އިން މި ފާހަގަ ކުރަނީ އެ ގައުމުގެ 69 ވަނަ މިނިވަން ދުވަހެވެ.