ކެޓްރީނާ ކައިފް

ކެޓުރީނާ އާއި ވިކީ ރައްޓެހިވީތަ؟

ދިވާލީ ޕާޓީތަކަށް ބޮލީވުޑް ތަރިންތައް ވަރުގެ ކޮޅަށް ނަލަހެދިގެން ކޮޅު ކޮޅަށް ދާ މަންޒަރުތައް މީޑިއާ އިން މި ދުވަސްވަރު ވަރަށް ގިނައިން ފެނެ އެވެ.

ނަމަވެސް ހުރިހާ އެންމެންނަށް ވުރެ ވެސް ގިނަ ބަޔެއްގެ ލޮލުގައި އަޅައިގަތް ފިލްމީ ޖޯޑެއް ވެއެވެ. އެއީ ވިކީ ކޯޝަލް އާއި ކެޓުރީނާ ކައިފްގެ ޖޯޑެވެ. ދެ ތަރިން އެކުގައި ދިވާލީ ޕާޓީއެއްގައި ވަރަށް ގާތްކޮށް އުޅޭ މަންޒަރުތައް މީޑިއާގައި ދައުރުވަމުން ދާއިރު އެއްބަޔަކު ބުނަނީ ހަގީގަތުގައި ވެސް އެމީހުން ރައްޓެހިވެގެން އުޅޭކަން ޔަގީން ވެއްޖެ ކަމަށެވެ.

ނަމަވެސް މި ދެ ތަރިންގެ ބައެއް އެކުވެރިން ބުނަނީ ކެޓުރީނާ އާއި ވިކީގެ މެދުގައި އޮންނަނީ ގާތް އެކުވެރި ކަމެއް ކަމަށާއި ލޯބީގެ ގުޅުމެއް ނެތް ކަމަށެވެ.

ޕާޓީއަށް ދިޔަ ތަރިންގެ ފޮޓޯ ނަގަން ބޭރުގައި ތިބި ފޮޓޯގްރާފަރުންގެ ސަމާލުކަން މާ ބޮޑަށް އެ ދެ އެކްޓަރުންނަށް ލިބޭ ކަން އެނގުމުން ވިކީ އާއި ކެޓުރީނާ ގެޔަށް ދިޔައީ ވަކި ވަކިންނެވެ.

ވިކީ އާއި ކެޓުރީނާގެ ލޯބީގެ ވާހަކަތައް ދެކެވޭތާ މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ. ނަމަވެސް މި ދެ ތަރިން އަބަދުވެސް ބުނަމުން ދަނީ އެމީހުން މުޅިން ސިންގަލް ކަމަށެވެ.

މި ދެ ތަރިން އެކުގައި ފިލްމެއް ކުޅެން ސޮއިކޮށްފިކަމުގެ ޚަބަރުތަކެއް ވެސް މިދޭތެރެއަކުން ވަނީ މީޑިއާގައި ދެކެވިފަ އެވެ. މިއީ ވެސް ލޯބީގެ ވާހަކަތައް އިތުރަށް ހޫނުވާން މެދުވެރި ކަމެކެވެ.