ހަބަރު

ގައުމީ ފިލްމު އެވޯޑްސްގެ އެނބުރި އައުން އޮކްޓޯބަރު 15 ގައި

Aug 15, 2015

ފިލްމީ ދާއިރާގެ އެންމެ ޝަރަފްވެރި އެވޯޑް ވަޅުލެވިފައި އޮތް ތަނުން އަނެއްކާވެސް ނެގީ އެވެ. ގައުމީ ފިލްމު އެވޯޑްސްގެ އާ ހަފުލާއެއް މި އަހަރުގެ އޮކްޓޯބަރު މަހުގެ 15 ގައި އޮންނާނެކަން ނެޝެނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އިން އެ ވަނީ އިއުލާނުކޮށްފަ އެވެ.

މި ހަފުލާ ވެގެން ދާނީ ގައުމީ ފިލްމު އެވޯޑްސް އާއި ފިލްމީ ދާއިރާއާ ދެމެދު ފައްކާނުކުރެވި އޮތް ލޯބީގެ ހަ ވަނަ ފެނިލުމަށެވެ. އެންމެފަހުން ގައުމީ ފިލްމު އެވޯޑްސްގެ ޝަރަފްވެރި ހަފުލާއެއް ބާއްވާފައި ވަނީ 2008 ވަނަ އަހަރު އެވެ.

އެފަހަރުގެ މޮޅު ފިލްމަކަށް ހޮވުނީ އަހުމަދު ނިމާލު ޑައިރެކްޓްކުރި "ވާ ލޯބި އެނގޭ ނަމަ" އެވެ. އެ ފިލްމު 12 އެވޯޑް ގެންދިޔައިރު މި ފިލްމު އެވޯޑްސްގައި ދެން މި އަދަދަށް އެވޯޑް ކާމިޔާބުކޮށްފައި ވަނީ ފިލްމު "އަމާނާތް" އެވެ.

ގައުމީ ފިލްމު އެވޯޑްސް ތައާރަފްކޮށްފައި ވަނީ 1995 ވަނަ އަހަރު އެވެ.

މި އެވޯޑް އަލުން ތައާރަފްކޮށް ރަސްމީކޮށް އިފްތިތާހުކުރުމަށް މިރޭ ނެޝެނަލް އާޓް ގެލަރީގައި ބޭއްވި ހަފުލާއެއްގައި ވާހަކަ ދައްކަވަމުން އެންސީއޭގެ އެގްޒެކެޓިވް ކޯޑިނޭޓަރެއް ކަމުގައިވާ އަބްދުﷲ މުއާޒް ވިދާޅުވީ އެވޯޑް އަނބުރާ މި ގެނެވުނީ ނިކަން ބުރަ މަސައްކަތްތަކެއް ކުރެވިގެން ކަމަށާއި މިއީ ފަންނުވެރިންނަށް ލިބިގެންދާނެ އާ އުއްމީދަކަށް ވާނެ ކަމަށެވެ.

ހަފުލާ ޝަރަފްވެރިކޮށްދެއްވި، ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހަސަންމަނިކު ވިދާޅުވެފައި ވަނީ ފަންނުވެރިން ގެއްލިގެން ދިއުމަށް ފުރުސަތު ދީގެން ނުވާނެ ކަމަށާއި ސަރުކާރުގެ ސިޔާސަތުތައް ގަތައި އަމުނަމުން ދަނީ ގައުމުގައި ތިބި ފަންނުވެރިންނަށް މިފަދަ ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް ކަމަށެވެ.

އެވޯޑް ރަސްމީކޮށް އިފްތިތާހުކުރި ނަމަވެސް މި އެވޯޑް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގޮތުގެ އެއްވެސް ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ކުރިން ބޭއްވި އިވެންޓެއްގައި މުއާޒް ވިދާޅުވެފައި ވަނީ މި އަހަރުގެ އެވޯޑްސް ހަފުލާގައި ވަނަތައް ދިނުމަށް ހަމަޖެހިފައި ވަނީ 2008-2013 އަށް ނުކުތް ފިލްމުތަކަށެވެ. އޭގެ ތެރޭގައި ކުރު ފިލްމާއި ޑޮކިއުމެންޓްރީ ވެސް ހިމެނެ އެވެ.