އަބްދުﷲ ޖާބިރު

ތްރީލައިން ވިޕާ ގުޅިގެން ޖާބިރުގެ ނުރުހުން އެމްޑީޕީއަށް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދުގެ ބަދަލުގައި ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރު އައްޔަން ކުރަން ރުހުން ދޭން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް ތްރީލައިން ވިޕެއް ނެރުމުން ދިޔާނާގެ ފިރިކަލުން، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މަޖިލީހުގައި ނުރުހުން ފާޅު ކުރައްވާ ތިން ބާރުގެ ނިޒާމް އެމްޑީޕީން ގަޑުބަޑުކޮށްލައިފި ކަމަށް . ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސުޕްރީމް ކޯޓަށް ބޭފުޅަކު އައްޔަން ކުރުމުގެ މައްސަލަ އެޖެންޑާ ކޮށްފައި ވަނިކޮށް، ވޯޓަށް އެހުމުގެ ބައި ގަޑިއިރު ކުރިން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ވަނީ ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ވަނީ މަހާޒަށް ރުހުން ދޭން ތްރީލައިން ވިޕެއް ނެރެން ފާސްކުރި އެވެ.

އޭގެ ފަހުން އެޖެންޑާގައިވާ ގޮތަށް ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ތަޅުމަށް ރިޕޯޓް އިއްވަމުން ދަނިކޮށް ޖާބިރު ނިޒާމީ ނަންގަވައި ވިދާޅުވީ ފަނޑިޔާރު އައްޔަން ކުރަން މަޖިލީހުން ގާނޫނު އަސާސީގައިވާ އިޖުރާއަތްތަކާ ހިލާފަށް އަމަލު ކޮށްފައިވާ ކަމަށެވެ.

ޑީއާރުޕީގެ ލީޑަރުގެ މަގާމުގައި ވެސް ހުންނެވި ޖާބިރުގެ ނިޒާމީ ނުކުތާއާ ގުޅިގެން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ ނިޒާމީ ނުކުތާއެއް ކަމުގައި ބަލައި ނުގަނަވޭ ކަމަށާއި މަޖިލިސް ހިނގަމުން ދަނީ ގާނޫނުތަކާއި މަޖިލީހުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

އިންތި ރިޕޯޓް އިއްވަމުން ދިޔައިރު ވެސް ޖާބިރު ގެންދެވީ އަޑުގަދަ ކުރައްވަމުންނެވެ.

ފަހުން ރިޕޯޓަށް ބަހުސް ކުރައްވަން ލިބުނު ފުރުސަތުގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ރައްޔިތުންގެ މަޖިލީސް މިހާރު ހިނގަމުން ދަނީ މަޖިލީހުގެ ގަވާއިދުތަކާ ރޫހާ އެއް ގޮތަށް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ މަޖިލިސް ހިނގަމުން ގެންދަނީ އެމްޑީޕީގެ ހަރުގެއެއް ހިންގާ އުސޫލުން ކަމަށެވެ.

އެމްޑީޕީ މީހުނަށް ގާނޫނު އަސާސީ އެނގެންޖެހޭ، މަޖިލީހަކީ އެމްޑީޕީގެ ހަރުގެއެއް ނޫން، މަޖިލީހުން ކަންކަން ފާސް ކުރަން ތްރީލައިން ވިޕެއް ނުނެރެވޭނެ
އަބްދުﷲ ޖާބިރު | ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު

"އެމްޑީޕީ މީހުންނަށް އެނގޭނެ ކަމަށް ބަލަން ގާނޫނު އަސާސީގެ ކަންކަން. މަޖިލީހުގެ ރައީސް ކަމުގައި ރައީސް ނަޝީދު އިންނަވައިގެން، ޖުޑިޝަލް ސާވިސް ކޮމިޝަންގައި އެމަނިކުފާނު އިންނަވައިގެން، ޖުޑިޝަރީ ވެސް، މި މަޖިލިސް ވެސް، އެމްޑީޕީގެ ހަރުގެއެއްގެ ގޮތުގައި ދަނީ އޮޕަރޭޓް ކުރަމުން، އެ ކަށް ކުށްވެރިކުރަން،" ޖާބިރު ވިދާޅުވި އެވެ.

ގާނޫނު އަސާސީގައި ފަނޑިޔާާރުން އައްޔަން ކުރުމުގައި އޮންނަނީ ފަނޑިޔާރު ކަމަށް ކުރިމަތިލާ ބޭފުޅުން ޖޭއެސްސީން އިންޓަވިއުކޮށް، އެ ކޮމިޝަންގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާ ނަންތަކުގެ ތެރެއިން މަޖިލީހުން ރުހުންދޭ ބޭފުޅަކަށް ކަމަށާއި މަޖިލީހުގެ ގަވާއިދުގައި އޮންނަނީ ޖުޑިޝަރީ ކޮމިޓީން ދިރާސާ ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ސުޕްރީމް ކޯޓަށް އައްޔަން ކުރަން ރައީސް ސޯލިހް ފޮނުއްވި ނަންތައް ދިރާސާ ކުރަން ފޮނުވީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަކަށް ނޫން ކަމަށާއި އެ ނަންތައް ދިރާސާ ކުރުމަށް ފޮނުވީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕަށް ކަމަށް ޖާބިރު ވިދާޅުވި އެވެ. އެއީ ގާނޫނު އަސާސީއާ ހިލާފަށް ކުރި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާނޫނު އަސާސީގައި ނޯވޭ ވަކި ޕާޓީއަކަށް ފެންނަ ގޮތަކަށް ތްރީލައިން ވިޕެއް ނެރެގެން ފާސް ކުރާކަށް، ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓެއް ތަޅުމަށް އިއްވާނެ ކަމެއް ނެތް، އެމްޑީޕީގެ ޕީޖީ ގްރޫޕުން ނެރުނު ތްރީލައިންގެ ވިޕްގެ ރިޕޯޓް އިއްވުން މާ ރަނގަޅު ވާނެ، މި މަޖިލީހުގައި ޑްރާމާ ކުޅޭނެ ކަމެއް ނެތް،" ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވީ އެމްޑީޕީން ރާއްޖޭގެ ތިން ބާރު ވަކިކޮށްފައިވާ ނިޒާމު ގަޑުބަނޑު ކޮށްފައިވާ ކަމަށެވެ. ރައީސް އޮފީހުން ސްޓޭމްޕް ޖަހާފައި ފޮނުވާ ކަންކަން އެއްވެސް ދިރާސާ ކުރުމެއް ނެތި ހަމަ އެ ގޮތަށް ތަންފީޒު ކުރާ ތަނަކަށް މި މަޖިލީސް ވެގެން ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެމްޑީޕީން ނެރުނު ތްރީލައިން ވިޕާ އެއް ގޮތަށް ސުޕްރީމް ކޯޓަށް މަހާޒް އައްޔަން ކުރަން ރުހުން ދިނުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރި އެވެ. މަހާޒަށް ރުހުން ދިނުމަށް ފާސްކުރީ ވޯޓުގައި ބައިވެރިވި 55 މެންބަރުންގެ އިއްތިފާގުންނެވެ. މަހާޒަށް ރުހުން ލިބޭ ވަރަށް ވޯޓު ލިބުމުން ދިޔާނާގެ ނަމަށް ވޯޓަކަށް ނާހަ އެވެ.