ހަބަރު

ފުނާޑު ސްޕޯޓްސް އިން ފުވައްމުލަކުގައި ސްޕޯޓްސް ޕާކެއް ހަދަން ފަށައިފި

Aug 16, 2015
1

ފުނާޑު ސްޕޯޓްސް އާއި ފުނާޑު ކައުންސިލް ގުޅިގެން، ސްޕޯޓް ޕާކެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.

ފުނާޑު ސްޕޯޓް ކްލަމްގެ ސްޕޯޓްސް ކޯޑިނޭޓަރު ހުސެއިން އަހުމަދު ވިދާޅުވީ ގިނަ އަދަދެއްގެ އައުޓްޑޯ ކުޅިވަރުތައް ކުޅެވޭ ގޮތަށް ހަދަމުން ގެންދާ ޕާކުގެ މަސައްކަތް އަންނަ އަހަރު ނިމޭނެ ކަމަށެވެ.

"ޕާކުގެ މަސައްކަތް ނިމޭއިރު ވޮލީ އާއި ފުޓުބޯޅައިގެ އިތުރުން ސްކޭޓާއި ބަށި ފަދަ ކުޅިވަރުތައް ކުޅެވޭނެ. މި ޕާކު ހަދަމުން މިދަނީ ކައުންސިލާވެސް ގުޅިގެން،" ހުސެއިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ ދެ މަހެއްހާ ދުވަސް ކުރިން އުފެދިފައިވާ ފުނާޑު ސްޕޯޓްސް ކުލަބަށް، ސްޕޯޓްސް ޕާކު ހަދަން ބޭނުންވާ ބިން ފުނާޑު ކައުންސިލުން ހަވާލުކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ މަގުސަދަކީ ފުވައްމުލަކުގައި ކުޅިވަރު ދިރުވައި އާލާ ކުރުން. އެހެންވެ މުޅި އަހަރަށް ދެމިގެންދާ ގޮތަށް އެކި ހަރަކާތްތައް ކުރިއަށް ގެންދާނެ،" ހުސެއިން ވިދާޅުވި އެވެ.

ފުނާޑު ސްޕޯޓްސް އިން ނިމިގެން ދިޔަ މިނިވަން 50 އަހަރު ފާހަގަ ކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ހިންގާފައިވެ އެވެ. މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ވޮލީ އާއި ފުޓުބޯޅަ މުބާރާތެއް ވެސް ބޭއްވި އެވެ. މީގެ އިތުރުން ކުޅިވަރު ކުރިއެރުވުމުގެ ގޮތުން ރެފްރީގެ ގޮތުގައި ދެ އަންހެން ކުދިން ތަމްރީންކޮށްފައިވެ އެވެ. މީގެ އިތުރުން ވެސް ބައެއް ތަމްރީން ޕްރޮގްރާމްތައް ދަނީ ހިންގަމުންނެވެ.

ހުސެއިން ވިދާޅުވީ ފުނާޑުގައި ހަދާ ސްޕޯޓްސް ޕާކު ހެދުމަށް ބޭނުންވާ ފައިސާ ހޯދަނީ އަމިއްލަ ފަރާތްތަކާއި ސަރުކާރުގެ އެހީގައި ކަމަށެވެ.

"ފުވައްމުލަކުގެ ވިޔަފާރިވެރިންނާއި ހެޔޮ އެދޭ ފަރާތްތަކުގެ އެހީލިބޭނެ މީގެ އިތުރުން މިކަން ކުރުމަށް ސަރުކާރުގެ އެހީ ވެސް ބޭނުންވާނެ،" ހުސެއިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުނާޑު ސްޕޯޓްސް އިން ވަރަށް އަވަހަށް ބޮޑު ވޮލީ މުބާރާތެއް ވެސް ބާއްވާނެ ކަމަށެވެ.

"މުޅި ފުވައްމުލަކަށް ހުޅުވާލައިގެން ބާއްވާ ވޮލީ މުބާރާތް ވަރަށް އަވަހަށް އިއުލާނު ކުރެވޭނެ،" ހުސެއިން ވިދާޅުވި އެވެ.