އުރީދޫ މޯލްޑިވްސްގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ކަމާއި އެގްޒެކެޓިވް ބޯޑު ޑިރެކްޓަރުގެ މަގާމަށް އިންޑިއާގެ ސުރޭޝް ކަލްޕަތީ ޗިޑަމްބަރަމް ހަމަޖައްސައިފި އެވެ.
އުރީދޫ މޯލްޑިވްސްގެ މައި ހިއްސާދާރު ކަމުގައިވާ ވަތަނިއްޔާ އިންޓަނޭޝަނަލް އެފްޒެޑް - އެލްއެލްސީން ނޮމިނޭޓް ކޮށްފައިވާ ރެޕްރެޒެންޓެޓިވްގެ ގޮތުގައި އުރީދޫ ބޯޑަށް ހަމަޖެއްސެވި ސުރޭޝް މީގެ ކުރިން ވަނީ އުރީދޫ ގްލޯބަލް ސާވިސަސްގެ ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމު ވެސް އަދާ ކުރައްވާފަ އެވެ.
އޭނާ ވަނީ ޓެލެކޮމިއުނިކޭޝަން، ރީޓެއިލް، އަދި މެންފެކްޗަރިން ފަދަ އިންޑަސްޓްރީތަކުގައި މަސައްކަތް ކުރައްވާ ފައިނޭންސްގެ ދާއިރާ އިން 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވާފަ އެވެ.
ބާލާ އިންސްޓިޓިއުޓް އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގައި މެނޭޖްމަންޓްގެ ދާއިރާއިން މާސްޓާސް ހާސިލު ކުރައްވާފައިވާ ސްރޭޝް އަކީ އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓަންޓްސް އޮފް އިންޑިއާގެ މެންބަރެއްވެސް މެއެވެ.