ހަބަރު

އާސަންދަ ކުންފުނިން އޯޕަން ބިޑިން ޕްރޮސެސް އަކަށް

އާސަންދަ ކުންފުނީގެ ޕްރޮކިއުމަންޓް މަސައްކަތްތައް އޯޕަން ބިޑިން ޕްރޮސެސްއެއްގެ ތެރެއިން ކުރަން ނިންމައިފި އެވެ.

އެ ކުންފުނީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ކުންފުނީގެ އެ ޕޯޓަލް ލޯންޗު ކޮށްދެއްވީ އެސިސްޓަންޓް މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު އާއި ޗީފް ފައިނޭންޝަލް ކޮންޓްރޯލާ މޫސާ ރަޝީދެވެ.

ދައުލަތުން ރައްޔިތުންންނަށް ހިލޭ ބޭސްފަރުވާގެ ހިދުމަތްދޭ އާސަންދަ ކުންފުނިން ލޯންޗުކުރި މި ޕޯޓަލްއާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން އެ ކުންފުނިން ބުނީ ޕްރޮކިއުމަންޓުގެ ހުރިހާ މަސައްކަތްތަކެއް އާއްމުންނަށް ފެންނާނެ ގޮތަށް ހުޅުވާލައިގެން ކުރިއަށްގެންދަން ނިންމީ "ޒީރޯ ޓޮލަރެންސް" ގެ ދަށުން ވީހާވެސް ޓްރާންސްޕޭރަންޓުކޮށް ޕްރޮކިއުމަންޓުގެ މަސައްކަތްތައް ކުރަން ކަމަށެވެ.

"މި ކުންފުނީގަ ހިނގާ ހުރިހާ ކަމެއްވެސް ވަރަށް ތެދުވެރި ކަމާއެކު ހިންގުމަކީ ވަރަށް މުހިއްމު ކަމެއް. ޕަބްލިކް ފައިނޭންސް އިން ހަރަދު ކުރާއިރު މި ތަނުން ކުރަމުންދާ ކަންތައްތައް ކިހިނެތްތޯ ޕްލޭން ކުރެވިފަ އޮތީ ޕްރޮސެސް ހިނގަނީ... ކޮންބަޔަކަށްތޯ އެވޯޑް ކުރެވިފަ އޮތީ މި ކަންކަމަކީ ކޮރަޕްޝަން ހުއްޓުވުމަށް ވަރަށް މުހިއްމު ކަމެއް. އަދި މިތަނުން ކުރަމުންދާ މަސައްކަތްތަކުގައި ތެދުވެރިކަމާއެކު ކުރުމަށް މުހިއްމުކަމެއް މިއީ" އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.

އާސަންދައިން އޯޕަން ބިޑިން ކުރިއަށްގެންދަނީ ދެ ސްޓޭޖަކަށް ބަހާލައިގެންނެވެ. މިއަދު ފަށާފައިވަނީ ފުރަތަމަ ސްޓޭޖުގެ މަސައްކަތްތަކެވެ. އެގޮތުން، މި ސްޓޭޖުގައި ޓެންޑާ އިއުލާނު ވެބްސައިޓް އަށް އަޕްލޯޑު ކުރުމުން މައުލޫމާތު ކަރުދާހާއި މައުލޫމާތު ސެޝަން އަށް ހަރަދުވާ މީހުންގެ މައުލޫމާތާއި ބިޑް ސަމިޓް ކުރާ މީހުންގެ މައުލޫމާތުގެ އިތުރުން އިވެލުއޭޝަން ޝީޓާއި ޓެންޑާ ޕްރޮސެސްގެ ހުރިހާ މައުލޫމާތެއްވެސް ފެންނާނެ އެވެ. މިއީ އާސަންދައިން 25،000 ރުފިޔާ އިން މަތީގެ އަގުތަކުގެ އެއްޗެހި ގަތުމަށް ކުރާ ޓެންޑާ ތަކަށެވެ.

އިބްރާހިމް ރަޝީދު ވިދާޅުވި ގޮތުގައި ދެވަނަ ސްޓޭޖުގައި ހުރިހާ ވެންޑަރުން ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީވާން ހުޅުވާލާއިރު އެ ވެންޑަރަކާ ގުޅޭ ދާއިރާއަކުން ޓެންޑާ އެއް އަޕްލޯޑް ކޮށްފި ނަމަ ނޮޓިފިކޭޝަން ލިބޭ ގޮތް ހަމަޖައްސާނެ އެވެ. އަދި މި ސްޓޭޖް ނިމޭ އިރު ޕްރޮކިއުމަންޓުގެ އެންމެ ކުދި މުއާމަލާތްތަކުގެ މައުލޫމާތުތައްވެސް ވެބްސައިޓް އަށް އަޕްލޯޑް ކުރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އިތުރަށް ވިދާޅުވީ، އެ ކުންފުނީގެ ދަށުން ހިންގާ ހުޅުމާލެ ހޮސްޕިޓަލާއި އެ ކުންފުނީގައިވެސް މިދިޔަ އަހަރުުތަކުގައި ގޮތް ނޭނގޭ ޕްރޮޖެކްޓުތަކެއް ހިނގި ކަމަށެވެ. އަދި ފައްޓާފައި ނުނިމި ހުރި ޕްރޮޖެކްޓުތަކެއް ހުރި ކަން ފާހަގަކުރައްވާ އެ ޕްރޮޖެކްޓުތައް އެހެން ހުރުމުގެ ސަބަބުން އެ ކުންފުނިން ކޮންމެ ދުވަހަކު ކުރަން ޖެހޭ މަސައްކަތްތަކަށް ލަސްވެ ބުރޫ އަރާފައިވާ ކަމަށް ވިދާޅުވި އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.

އާސަންދަ ކުންފުނީގެ ހިދުމަތުގެ ތެރެއަށް ކޮރަޕްޝަން އިންތިހާއަށް ވަދެފައިވާ އޮތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މި އަހަރު ވިދާޅުވެފަ އެވެ. އަދި އެކަމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން ވަރަށް ގިނަ ފައިސާތަކެއް އިސްރާފުވެގެންދާ ކަމަށްވެސް ރައީސް ފާހަގަކުރައްވާފައި ވެ އެވެ.

މީގެ އިތުރުން، މި އަހަރު އާންމުކުރި އާސަންދައިގެ އޮޑިޓް ރިޕޯޓުން ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއްވެސް ފެންމަތިވެ އެ ކުންފުންޏަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކޮށްފައި ވެ އެވެ.