ލައިފްސްޓައިލް

ފަގީރު ކުދިންނަށް ކައްކާ ކާންދިން ކާފަ މަރުވެއްޖެ

އިންޓަނެޓުގައި އެންމެ މަގްބޫލު ކައްކާ ކާފަ، ނާރަޔަނާ ރެޑީ މަރުވެއްޖެ އެވެ. ކައްކާ ކާފައަށް މަޝްހޫރުކަން ލިބުނީ އޭނާ ޔޫޓިއުބުގައި ކުރިޔަށް ގެންދާ "ގްރޭންޑްޕާ ކިޗަން" ކިޔާ ޗެނަލްގެ ސަބަބުންނެވެ. އިންޑިއާގެ ތެލަންގަނާ އަށް އުފަން މި ކާފަ މަރުވީ މިދިޔަ އޮކްޓޯބަރު 27 ވަނަ ދުވަހު އެވެ.

މި ކާފަ ވަނީ އޭނާގެ ކުކިން ޗެނަލުން ދައްކައިގެން ގިނަ އަދަދެއްގެ ކާ އެއްޗެތި ތައްޔާރުކޮށް ޔަތީމު ކުދިންނަށް ހިލޭ ކާންދީފަ އެވެ. ބަނޑުފުރާނަ މުއްތި ކުރާނެ ފައިސާނެތް އެތައް ކުދިންނެއްގެ ބަނޑު އޭނާ ވަނީ ފުރާދީފަ އެވެ. މި ޗެނަލް ވުޖޫދަށް އައީ 2017 ގަ އެވެ. އޭގެ ފަހުން ކޮންމެ ދުވަހަކު އެތައް ބަޔަކު ދަނީ ފަގީރު ކުދިންނަށް ކާފަ މީރު ކާއެއްޗެތި ކައްކައިދޭ މަންޒަރު ބަލަމުން ގެންގޮސްފަ އެވެ.

މީގެ އިތުރުން އޭނާ ވަނީ ކޭއެފްސީ-ސްޓައިލް ޗިކަން، ކުކުޅު ބިރިޔާނީ، އެމެރިކަން ލަޒާނިއާ، އޯރިއޯ ޕުޑިން އަދި ގުލާބް ޖާމޫން ފަދަ ވަރަށް ގިނަ އެއްޗެތި ކައްކާނެ ގޮތް ވެސް ގިނަ ބަޔަކަށް ދަސްކޮށްދީފަ އެވެ.

ކާފަގެ މަގްބޫލުކަން ދުނިޔޭގެ އެތައް ބައެއްގެ ކައިރީގައި ބޮޑުވެގެން ދިޔައީ ހަމައެކަނި އޭނާ ކައްކަން ދަސްކޮށްދޭ މީރު ކާއެއްޗެތީގެ ސަބަބަކުން ނޫނެވެ. ކުޑަކުދިންނަށް އޭނާ ބަހައްޓާ އޯގާތެރިކަމުގެ ސަބަބުންނެވެ.

ކާފަ އޭނާގެ ޔޫޓިއުބު އެކައުންޓްގައި ލިޔެފައިވާ ގޮތުގައި އޭނާގެ ޗެނަލުން ކައްކާތަން ދައްކައިގެން ގިނަ ބައެއްގެ މުނިފޫހި ފިލުވައިދީ އަދި އެ ކައްކާ ސާމާނު ފަގީރު ކުދިންނަށް ޚައިރާތު ކުރެ އެވެ. އޭނާގެ އަމާޒަކީ ޔަތީމު ފަގީރު ކުދިންނަށް ބޭނުންވާ ކާނާ އާއި އަންނައުނު އަދި ސްކޫލަށް ބޭނުންވާ ސާމާނު އަދި އެކުދިންގެ އުފަން ދުވަހަށް ދޭނެ ހަދިޔާއެއް ހޯދުމެވެ.

ކާފަ މަރުވުމުގެ ކުރިން އެންމެ ފަހުން ތައްޔާރުކުރީ "ކްރިސްޕީ ޕޮޓޭޓޯ ފިންގާޒް" އެވެ. އެއީ މިދިޔަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ. އޭނާގެ ސިއްހަތު ގޯސްވުމުގެ ސަބަބުން އެ ދުވަހުގެ ފަހުން އޭނާ އެއްވެސް ކާއެއްޗެއް ތައްޔާރުކުރާތަނެއް ނުފެނެ އެވެ.

މިދިޔަ ހަފުތާގައި އޭނާ އެންމެ ފަހު ފަހަރަށް އޭނާގެ ޗެނަލް އަށް އަރާ އޭނާގެ ސިއްހަތާ ބެހޭ ފަހުގެ މައުލޫމާތުތައް ބެލުންތެރިންނާ ހިއްސާ ކުރި އެވެ.

ކާފަގެ މަރުގެ ޚަބަރުން އޭނާގެ އެތައް ހާސް ފޭނުންނެއްގެ ލޮލުން ކަރުނަ އޮހޮރިގެން ދިޔަ އެވެ. އަދި އޭނާ ކާންދިން ފަގީރު ކުދިން މާ ބޮޑަށް ކާފަ މަތިން ހަނދާންކޮށް ރޯނެކަން ޔަގީނެވެ.