ހަބަރު

ތްރީއާރު މިންގަނޑަށް 99 ރިސޯޓަކުން އެއްބަސްވެއްޖެ، ހާއްސަ އެވޯޑެއް ދެނީ

Aug 16, 2015

ތިމާވެއްޓަށް ގެއްލުން ނުވާނެ ގޮތަށް އުފެދޭ ކުނި ނައްތާލުމަށް އެއްބަސްވެ، ތްރީ އާރު ޑެކްލަރޭޝަންގައި ރާއްޖޭގެ 99 ރިސޯޓަކުން މިއަދު ސޮއިކޮށްފި އެވެ. އަދި އެކަން އެންމެ ރަނގަޅަށް ކުރާ ރިސޯޓްތަކަށް، ސަރުކާރުން، "ތްރީއާރު" އެވޯޑް ދޭން ވެސް ވަނީ ނިންމައިފި އެވެ.

"ތްރީ އާރު" މިންގަޑަކީ ތިމާވެއްޓަށް ގެއްލުން ނުވާނެ ގޮތަށް އުފެދޭ ކުނި ނައްތާލުމަށް ކަނޑައަޅާފައިވާ ބައިނަލް އަގުވާމީ މިންގަނޑެކެވެ.

އެކަމާ ސަރަހައްދީ ކޮންފަރެންސް ރާއްޖޭގައި ފެށުމަށް ދަރުބާރު ގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ރިސޯޓްތަކުގެ ފަރާތުން ސޮއި ކުރެއްވީ، ރިސޯޓްތައް ތަމްސީލް ކުރާ ގައުމީ ޖަމްއިއްޔާ މަޓީގެ ޗެއާމަން މުހައްމަދު އުމަރު މަނިކު، އެމްޔޫ މަނިކެވެ. އަދި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވި އެންވަޔަރުމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް އެވެ.

އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވީ ރާއްޖޭގެ އެންމެ މައިގަނޑު ދާއިރާ ކަމަށް ޓޫރިޒަމް ބިނާވެފައި ވަނީ ތިމާވެށީގެ މައްޗަށް ކަމަށެވެ. އަދި ރާއްޖޭގައި ހެދިފައި ހުރި ގާނޫނުތަކާއި ގަވާއިދުތަކުން އެކަން ކަށަވަރުކޮށްދޭ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ މިއަދު ތިމާވެށި ރައްކާތެރި ކުރަން ޖެހެނީ ދަރިންގެ ދަރިންނަށް މި ރާއްޖެ ގެންގޮސްދިނުމަށް ކަމަށެވެ.

"ރާއްޖޭގެ ރިސޯޓްތަކަކީ މިކަމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާ ބައެއް. އެކަން ވަނީ ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަ ކޮށް ރާއްޖޭގެ އެތައް ރިސޯޓަކަށް އެވޯޑްތައް ވެސް ލިބިފައި. މިއަދު އެބޭފުޅުން ތްރީއާރު ޑެކްލަރޭޝަންގައި ސޮއި ކުރައްވަން އައިސް މިތިބަ ތިއްބެވުމަކީ އެކަން އިތުރަށް ކަށަވަރުކޮށްދޭ ކަމެއް،" ނައިބު ރައީސް ވިދާޅުވި އެވެ.

އެކަމަށް ހިތްވަރު ދިނުމުގެ ގޮތުން، ތްރީއާރު މިންގަނޑަށް ފުރިހަމަޔަށް ކުނި ނައްތާލާ ރިސޯޓްތަކަށް ގައުމީ ފެންވަރުގެ އެވޯޑެއް އަންނަ އަހަރުން ފެށިގެން ސަރުކާރުން ދޭނެކަން ނައިބު ރައީސް އިއުލާން ކުރެއްވި އެވެ. އެއީ އެވޯޑް ދޭނީ ތްރީއާރު އެވޯޑްގެ ނަމުގައި ކަމަށް ވެސް ވިދާޅުވި އެވެ.

"މިއީ އެފަދަ ބޭފުޅުންނަށް ލިބޭނެ ހިތްވަރެއް ކަމަށް އަޅުގަނޑު އުންމީދު ކުރަން،" ނައިބު ރައީސް ވިދާޅުވި އެވެ.

މިއަދުން ފެށިގެން އަންނަ ބުދަ ދުވަހަށް ދަރުބާރުގޭގައި ބާއްވާ ފޯރަމްގައި 33 ގައުމަކުން 141 ބޭފުޅަކު ބައިވެރިވެ ވަޑައިގަންނަވަ އެވެ. އެ ފޯރަމްގައި މައިގަނޑު ގޮތެއްގައި އޮންނާނީ ތްރީ އާރު މިންގަޑަށް ތަބާވުމަށް ގައުމުތަކަށް ހުރި ހުރަސްތރައް ނައްތާލައި އެކަމަށް ހިތްވަރު ދިނުމަށް ކަންތައްތަކެއް އެކުލަވާލުމެވެ.