ހަބަރު

އޭވިއޭޝަނާއި އެއާޕޯޓް ސެކިރިޓީއާބެހޭ ކޯހެއް ފަށައިފި

Aug 16, 2015

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑާއި އެއާ ޕޯޓްގެ ސެކިއުރިޓީއާބެހޭ ސެކިއުރިޓީ ކޯހެއް ފަށައިފި އެވެ.

މިއަދު ފެށި ބޭސިކް އޭވިއޭޝަން ސެކިއުރިޓީ ކޯހަކީ އެއާޕޯޓްގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާއި ފްލައިޓު ތަކުގައި ދަތުރު ކުރާ ފަސިްންޖަރުންގެ ސަލާމަތާއި ރައްކާތެރި ކަމށް ކުރަން ޖެހޭ ކަންތައްތައް ދަސްކޮށްދޭ ކުރު ކޯހެކެވެ.

މިއަދު ފެށީ މި ކޯހުގެ 51 ވަނަ ބުރެވެ. މި ކޯސް ކުރިޔަށްދާނީ އަންނަ މަހުގެ 15 އަށެވެ. މި ބުރުގައި އޭވިއޭޝަންގެ 14 މުވައްޒަފަކު ބައިވެރިވި އެވެ. އޭގެ ތެރޭގައި ހަތަރު އަންހެނުން ވެސް ހިމެނެ އެވެ.

ކޯސް ފެށުމުގެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހައިރު ވިދާޅުވީ އޭވިއޭޝަން ސެކިއުރިޓީގައި މަސައްކަތް ކުރާ މުވައްޒިފުން ނަކީ "މަސައްކަތުގައި ކުށެއް ކޮށްގެން ނުވާނެ ބައެއް" ކަމަށާއި އެއާޕޯޓުގައި އުޅޭ އަދި ފްލައިޓު ތަކުގައި ދަތުރުކުރާ އެތައް ބައެއްގެ ފުރާނަ އޮންނަނީ އޭވިއޭޝަން ސެކިއުރިޓީ މުވައްޒިފުންގެ އަތްމަތީގައި ކަމަށެވެ.

މިކޯހުގައި އަތުންނާއި އެކްސްރޭ މެޝިން ބޭނުންކޮށްގެން ހަތިޔާރު ދެނެގަތުމާއި ޕާކް ކޮށްފައި އޮންނަ ފްލައިޓުތައް ރައްކާ ތެރި ކަމާ އެކު ދަމަހައްޓާނޭ ގޮތް ދަސްކޮށްދޭ އިރު އޭވިއޭޝަންގެ ދާއިރާގައި ހިނގާފައި ހުރި އަދި ހިނގަމުންދާ ލާއިންސާނީ ޓެރެރިޒަމް ގެ އަމަލުތަކަށް ހޭލުންތެރި ކުރުވައިދޭނެ އެވެ.  

މި ކޯސްގެ ތަމްރީނުތަކުގައި ބައިވެރިން މާދަމާ ސިފައިންގެ އަސްކަރީ ތަމްރީނު މަރުޒު ކ. ގިރިފުއްޓަށް ދަތުރު ކުރާނެ އެވެ. އަދި އަންނަ އާދިއްތަ ދުވަހުން ފެށިގެން ކޯހުގެ ބައިތައް ކުރިޔަށްދާނީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގެ އެކި ސަރަހައްދުތަކުގަ އެވެ.