އޮފްބީޓް

ކައިވެނި ޕާޓީއަށް ޕިއްޒާ ގެނައިމަ މެހެމާނުންވީ އުފާ

ކައިވެންޏެއް އިންތިޒާމް ކުރުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. ޚާއްސަކޮށް ޖީބަށް ލުއިކޮށް މެނޫ އެއް ސެޓް ކުރަން ޖެހިއްޖެނަމަ އެއީ ވަރަށް ބޮޑު ކަމަކަށް ވެއެވެ. އެހެންވެ ކައިވެނީގެ ޕާޓީއަށް ޚާއްސަ މެނޫއެއް ހަމަނުޖެއްސިގެން އެންމެ ފަހުން ޕިއްޒާ އަށް އޯޑަރު ކުރަން އިނގިރޭސި ވިލާތުގެ ދެމަފިރިއަކު ގަސްތުކުރި އެވެ.

ކޯންވޯލްގައި ދިރިއުޅޭ ވިކްޓޯރިއާ އާއި ޓޮމް ބްރައުނީ އެންމެ ފަހު ވަގުތު ނިންމީ ކައިވެނީގައި ބައިވެރިވި އާއިލާގެ މީހުންނަށާއި މެހެމާނުންނަށް ޕިއްޒާ އޯޑަރު ކުރާށެވެ. މި ޕާޓީގައި އެންމެން ވަރަށް މަޖާކޮށް ޕިއްޒާ ކާން ތިބި މަންޒަރު ފެނުމުން މިއީ ހަމަ ވަރަށް ރަނގަޅަށް ކުރެވުނު ކަމެއް ކަމަށް ވިކްޓޯރިއާގެ ދެމަފިރިންނަށް މިހާރު ގަބޫލު ކުރެވެ އެވެ.
ކައިވެނި ޕާޓީއަށް ޕިއްޒާ އޯޑަރު ކުރާނިއްޔާ ކިޔައިގެން އެންމެ ފުރަތަމަ ވާހަކަ ދެކެވުނީ ޖޯކަކަށެވެ. ނަމަވެސް މަޝްހޫރު ޕިއްޒާ އުފައްދާ "ޑޮމިނޯޒް" ގެ އެހީތެރިކަމާއެކު މިކަން ހަގީގަތަކަށް ހެދުނީ އެވެ.

ކައިވެނިކުރި ދެމަފިރިންނަކީ އޭނާ ފޯރާ ބައެއް ނޫނެވެ. އެހެންވެ ޑޮމިނޯޒް އަށް ގުޅާފައި 350 ޕައުންޑްގެ ބަޖެޓަކަށް ފައްތައިގެން ޕިއްޒާ އޯޑަރު ކުރި އެވެ. މި ފައިސާއަށް ބޮޑު ފޮށީގައި ބަންދުކޮށްފައިވާ 30 ޕިއްޒާ އާއި 20 ގާލިކް ބްރެޑް، 20 ޗިކަން ސްޓްރައިޕްސް ފޮށި، އަދި 20 ފޮށި ވެޖަސް (ތެލުލި އަލުވި) ލިބުނެވެ.

"އަހަރެމެން ކައިވެނީގެ ހުރިހާ ކަމެއް އިންތިޒާމު ކުރަމުން ދިޔައިރު ކެއުމަށް ބަހައްޓާނެ އެއްޗެއް ނުނިންމިގެން އެންމެ ފަހު ވަގުތު ޕިއްޒާ އޭ އޯޑަރު ކުރާނީ ކިޔަން ފެށީ މަޖަލަކަށް. ނަމަވެސް އެންމެ ފަހު ވަގުތު ޑޮމިނޯޒް އަށް ގުޅައިގެން ހަމަ ޕިއްޒާ ގެންނަން ޖެހުނީ،" 26 އަހަރުގެ އަންހެންމީހާ ބުންޏެވެ.

ޕިއްޒާ ގެންނަ ވާހަކަ ބުނީމާ އެންމެ ކުރިން އާއިލާގެ މެމްބަރުންނާއި މެހެމާނުން ވެސް މޫނު ހަދާލި އެވެ. ނަމަވެސް ހޫނު ހޫނު ޕިއްޒާ އާއި ގާލިކް ބްރެޑްގެ ވަސް ޕާޓީއަށް އައިސް ތިބި މީހުންގެ ނޭފަތުގައި ޖެހުމާއެކު އެންމެންވެސް ހިތްހަމަޖެހުނެވެ.

ކައިވެނީގެ ޕާޓީއަކަށް މީގެ ކުރިން ޑޯމިނޯޒް އިން ޕިއްޒާ ތައްޔާރު ކޮށްދީފައެއް ނުވެ އެވެ. އެހެންވެ މިކަންވީ އެ އޯޑަރު ފުރިހަމަކޮށްދިން ޑޮމިނޯޒް އައުޓްލެޓްގައި ތިބި ސްޓާފުންނަށް ވެސް ވަރަށް މަޖާ ކަމަކަށެވެ. އެހެންވެ ޕިއްޒާ ޑެލިވަރީކުރަން ވެސް ގިނަ އަދަދެއްގެ ސްޓާފުން އައިސް ކައިވެނި ކުރި ދެމަފިރިންނާއެކު ފޮޓޯ ނަގާ ހެދި އެވެ.