ހަބަރު

ކުނި މެނޭޖް ކުރުމުގެ ގައުމީ ސިޔާސަތު އަންނަ މަހު އިއުލާން ކުރަނީ

Aug 16, 2015

ކުނި މެނޭޖް ކުރުމުގެ ގައުމީ ސިޔާސަތު އަންނަ މަހުގެ ތެރޭގައި އިއުލާން ކުރައްވާނެ ކަމަށް އެނާޖީ މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިއަދު ފެށި ތްރީއާރް ފޯރަމް ކޮންފަރެންސް ހަވާސާގައި ބޭއްވި އަތޮޅު ކައުންސިލްތަކުން "ސާފު ރާއްޖެ ސްޓޭޓްމެންޓް" ގައި ސޮއި ކުރުމުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން  މިނިސްޓަރު ތޯރިގު ވިދާޅުވީ ކުނި މެނޭޖް ކުރުމުގެ ސިޔާސަތު އެކުލަވައިލުމުގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާ ކަމަށާއި އެ ސިޔާސަތަށް އަމަލު ކުރުމުގެ ހުއްދަވެސް މިހާރު ލިބިފައވާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ކުރިޔަށް މިއޮތް ސެޕްޓެމްބަރު މަހުގެ ތެރޭގައި ކުނި މެނޭޖް ކުރުމުގެ ގައުމީ ސިޔާސަތު ރަސްމީކޮށް އިއުލާން ކުރެވިގެންދާނެ." މިނިސްޓަރު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މި ސިޔާސަތުގެ ދަށުން ކުނި މެނޭޖް ކުރުމުގެ ސްޓެރެޓަޖީ ތަކެއް ހިމެނިފައިވާނެ ކަމަށާއި އެ ސްޓެރެޓަޖީތަކުގެ ދަށުން 2018 ވަނަ އަހަރާ ހަމައަށް ކޮންމެ ރަށެއްގައި ކުނި މެނޭޖް ކުރުމުގެ ބޭސިކް ނިޒާމެއް ގާއިމުކޮށް 10 އަހަރުގެ މުއްދަތަށް ބެހިގެންދާ ގޮތަށް އެ ނިޒާމްތައް ފުރިހަމަ ވަސީލަތްތަކާއެކު ގާއިމު ކުރާނެ ކަމަށެވެ. އަދި ރަށްރަށުގައި މައިގަނޑު ކުނި އުފެދޭ ތަންތަނުން ފީއެއް ނަގައި އެއިން މެނޭޖް ކުރުމުގެ އުސޫލްތަކެއް ވެސް ތަންފީޒު ކުރަމުންދާނެ ކަމަށެވެ.

މިއަދު ބޭއްވި ބައްދަލުވުމުގައި ކުނި މެނޭޖް ކުރުމުގެ ގައުމީ ސިޔާސަތާބެހޭ ޕްރެޒެންޓޭޝަނެއް ވަނީ އެނާޖީ މިނިސްޓްރީން ހުށަހަޅައިދީފަ އެވެ.