މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ފަނޑިޔާރު އާދަމް މުހައްމަދު އަބުދުﷲގެ ތަހުގީގު އަޑުއެހުން ފަސްކުރެވިފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.
ޖޭއެސްސީއިން ފަނޑިޔާރު އާދަމް މުހައްމަދުގެ މައްސަލަގެ ދެ އަޑު އެހުމެއް މިހާތަނަށް ވަނީ ބާއްވާފައެވެ. ފުރަތަމަ އަޑުއެހުން ފެށުމާއެކު ފަނޑިޔާރު އާދަމްގެ ވަކީލަށް ޑރ. ޖަމީލް ހަމަޖައްސަވާފައިވާތީ އެ އަޑުއެހުން ކުރިއަށް ނުގެންގޮސް ވަނީ ނިންމާލާފައެވެ.
މައްސަލަ ބަލާ ޖޭއެސްސީގެ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓެވި މަސްތޫރު ހުސްނީ އެ ދުވަހު ވިދާޅުވީ ޖަމީލަކީ ސުޕްރީމް ކޯޓުން މިހާރު ބަލަމުންދާ މައްސަލައެއްގެ ހަސްމެއް ކަމަށެވެ. އެ ގޮތުން ފަނޑިޔާރު އާދަމް ވެސް ބައްލަވާ އެ މައްސަލައިގެ ހަސްމަކު ދިފާއީ ވަކީލެއްގެ ގޮތުގައި އައްޔަނު ކުރެއްވުމަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު ކަމެއް ކަމަށް ކޮމިޓީއަށް ގަބޫލު ކުރެވޭ ކަމަށެވެ. އެހެންކަމުން އަޑުއެހުން ކުރިއަށް ނުގެންގޮސް ވަނީ ނިންމާލާފައެވެ.
އޭގެ ފަހުން ބޭއްވި އަޑުއެހުމަށް ފަނޑިޔާރު އާދަމް ވަޑައިގެންނެވީ ވަކީލަކާއެކު ނުލައި އެކަންޏެވެ. އަދި ވަކީލަކު ހަމަޖެއްސުމަށް އިތުރު ފުރުސަތެއް ދިނުމަށް ވަނީ އެދިފައެވެ. އެ ދުވަހުގެ އަޑުއެހުން ނިންމާލީ މާދަމާ އަޑުއެހުމެއް ބާއްވާނެކަން އިއުލާނު ކުރުމަށްފަހު އެވެ. އަދި އެއީ ފަނޑިޔާރު އާދަމަށް ދެވޭނެ ފަހުގެ ފުރުސަތުކަމަށްވެސް ޖޭއެސްސީން އެ ދުވަހު ވަނީ ބުނެފައެވެ.
ނަމަވެސް ޖޭއެސްސީން މިރޭ ބުނީ މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ފަނޑިޔާރު އާދަމް މުހައްމަދު އަބުދުﷲގެ ތަހުގީގު އަޑުއެހުން ފަސްކުރެވިފައިވާ ކަމަށެވެ. ތަހުގީގު އަޑުއެހުން ފަސްކުރެވިފައިވަނީ ފަނޑިޔާރު އާދަމް މުހައްމަދު އަބުދުﷲ ދަތުރުފުޅެއްގައި ފުރާވަޑައިގަތުމަށް ހަމަޖެހިފައި ވާތީ ކަމަށާ އެނބުރި ވަޑައިގެންނެވުމުން މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ.
ޖޭއެސްސީއިން ބަލަން ނިންމާފައިވަނީ ސުޕްރީމް ކޯޓުން އިހުތިސޯސުން ބޭރު ކޮށްފައިވާ ކަންކަން ބެލުމަށް އެ ކޮމިޝަނުން އެކުލަވާލި ކޮމެޓީގެ ރިޕޯޓްގައި ހިމެނޭ މައްސަލަތެކެވެ. ޖޭއެސްސީއިން އެގޮތަށް ނިންމުމުގައި ސައުތު އެފްރިކާގެ ރިޓަޔާޑް ޖަސްޓިސް ޔޮހާން ކްރީގްލާ މަސައްކަތް ފުރިހަމަ ކުރުމަށްފަހު ހުށަހަޅާފައިވާ "އެސެސްމެންޓް އޮފް ދަ ޖަސްޓިސް ސެކްޓަރ ރިފޯމް ޕްރޮޕޯޒަލްސް" ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ނުކުތާތަކަށް ރިއާޔަތްކޮށްފައިވާ ކަމަށް ކޮމިޝަނުން ބުންޏެވެ. އޭނާ ވަނީ އެ ރިޕޯޓްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކި ކުރަން ލަފާ ދެއްވާފަ އެވެ.
ޖޭއެސްސީއިން ސުޕްރީމް ކޯޓާ ގުޅޭ ގޮތުން ތައްޔާރުކުރި ރިޕޯޓް އާންމުކޮށް ރައްޔިތުންގެ މަޖިލީހަށް ހިއްސާ ކޮށްފައިވެ އެވެ. އެ ރިޕޯޓްގައިވާ ގޮތުން 17 މައްސަލައެއް ފާހަގަ ކޮށްފައިވެ އެވެ. އޭގެ ތެރެއިން ބަލަނީ 15 މައްސަލައެއް ކަމަށްވެ އެވެ.
މި މައްސަލަތައް ބަލައި ތަހުގީގު ކުރުމަށް އުއްތަމަ ފަނޑިޔާރަށް ވެސް ޖޭއެސްސީއިން ހާޒިރުވުމުގެ ޗިޓް ފޮނުވި އެވެ. ނަމަވެސް އުއްތަމަ ފަނޑިޔާރު ވަނީ އެކަމާ ދެކޮޅު ހައްދަވާފައި ޖޭއެސްސީއާ ދެކޮޅަށް ނޫސް ބަޔާނެއް ނެރުއްވާފަ އެވެ. ޖޭއެސްސީއިން އުޅެނީ ޝަރުއީ ދާއިރާ ވަކި ބައެއްގެ ކޮންޓްރޯލްގެ ދަށަށް ގެންދަން ކަމަށް ވިދާޅުވެފައިވެ އެވެ. އަދި ސުޕްރީމް ކޯޓުގެ ހުކުމްތަކާ ގުޅޭ މައްސަލަތައް ޖޭއެސްސީއަަށް ނުބެލޭނެ ކަމަށް ވެސް ބަޔާނުގައި ވިދާޅުވެފައިވެ އެވެ. އެ ބަޔާން އުއްތަމަ ފަނޑިޔާރު ނެރުއްވައި ހަގީގަތް އޮޅުވާލަން މަސައްކަތް ކުރައްވާފައިވާ ކަމަަށް ބުނެ ޖޭއެސްސީއިން ވަނީ ވަކި ސުލޫކީ މައްސަލައެއް ބަލަން ނިންމާފަ އެވެ.
މީގެކުރިން ޖޭއެސްސީއިން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ ހުންނެވި އަބްދުﷲ ދީދީގެ މައްސަލައެއް ބަލައި އޭނާ ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފަ އެވެ. އޭނާ މިހާރު ވަނީ ފަނޑިޔާރު ކަމުން ވަކިކޮށްފަ އެވެ. އޭނާގެ މައްސަލަ ވެސް ޖޭއެސްސީއިން ކުރިއަށް ގެންދިޔައީ އާންމުކޮށް ހުޅުވާލައިގެން ބޭއްވި އަޑުއެހުމެއްގަ އެވެ.
އޭގެ އިތުރުން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ، ޖޭއެސްސީގެ ރައީސްކަން ވެސް ކުރައްވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދުގެ މައްސަލައެއް ބެލުމަށްފަހު އެ ތިން ފަނޑިޔާރުންނަށް ނަސޭހަތް ދިނުމަށް ވެސް ޖޭއެސްސީއިން ވަނީ ނިންމާފަ އެވެ. ނަމަވެސް އުއްތަމަ ފަނޑިޔާރު އެ ނަސޭހަތުގެ ލިޔުމާ ވެސް ހަވާލުވެވަޑައިނުގެންނެވި އެވެ.