ހަބަރު

އަންނަ ޖީލުތަކަށް ރާއްޖެ ގެންގޮސްދެވޭނީ ތިމާވެއްޓަށް ރައްކާތެރިވެގެން: ނައިބު ރައީސް

Aug 16, 2015
1

ކުރިއަށް އަންނަން އޮތް ޖީލުތަކަށް ރާއްޖެ ގެންގޮސްދެވޭނީ، ތިމާވެށި މި ގޮތުގައި ދެމެހެއްޓިގެން ކަމަށް ނައިބު ރައީސް އަހުމަދު އަދީބު މިއަދު ވިދާޅުވެއްޖެ އެވެ. 

ތްރީއާރު ފޯރަމް ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މުޅި އިގްތިސާދަށް ފައިދާ ކުރާ ޓޫރިޒަމެއް އުފެއްދުނީ ރާއްޖޭގެ ރީތިކަން ހަމަ އެގޮތުގައި ކާބަފައިން އަހަރުމެންނާ ހަމަޔަށް ގެނެސްދީފައި ވާތީ އެވެ. އަދި އަހަރުމެންގެ މިއަދުގެ ޒިންމާ އަކީ ވެސް ރާއްޖެ މި ގޮތުގައި ދެން އަންނަ ޖީލަކަށް ވެސް ގެންގޮސްދިނުން ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

"ދަރިންގެ ދަރިންނަށް މި ރާއްޖެ މި ގޮތުގައި ގެންގޮސް ދިނުމަށް މަސައްކަތް ކުރަން ޖެހޭނީ މިއަދު. އެކަމަށް މަސައްކަތް ކުރުމުގެ ޒިންމާ އޮތީ އަހަރުމެންނަށް،" ނައިބު ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު އިންޑަސްޓްރީ އިން އަބަދުވެސް ތިމާވެއްޓަށް އިސްކަން ދޭ ކަމަށެވެ. އެގޮތުން ޓޫރިޒަމްގެ ގާނޫނުގެ ދަށުން ކޮންމެ ޕްރޮޖެކްޓެއް ވެސް ހިންގަން ޖެހެނީ އީއައޭ ހަދައިގެން ކަމަށެވެ. އަދި އޭގެ ފަހުން ހެދުނު ގަވާއިދުތަކުގައި ވެސް ޓޫރިޒަމާ ގުޅުން ހުރި މަސައްކަތްތަކަކީ ތިމާވެއްޓަށް އަސަރު ނުކުރާނެ ގޮތަށް ކުރެވޭ ކަންތައްތަކެއް ކަމުގައި ވެސް ހިމަނާފައިވާ ކަމަށް އަދީބު ވިދާޅުވި އެވެ.

"މިހާރުވެސް ރިސޯޓްތަކުން ކުނި ނައްތާލުމާއި އެތަނުގެ އެހެން އޮޕަރޭޝަންތައް ހިންގުމުގައި ތިމާވެއްޓަށް ރައްކާތެރި ވުމުގައި އަމަލު ކުރަން ޖެހޭ މިންގަނޑުތަކަށް އަމަލު ކުރޭ. ތިމާވެއްޓަށް ރައްކާތެރިވާ އޭގެ މުހިންމުކަން ދަންނަ އިންޑަސްޓްރީ އެއްގެ ގޮތުގައި ޓޫރިޒަމް މި ފެންނަނީ،" ނައިބު ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރިސޯޓްތަކުން އަންނަނީ ތިމާވެށި ރައްކާތެރި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އަދި އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ދުނިޔޭގެ އެކި ފަރާތްތަކުން ވެސް ރާއްޖެއަށް އެވޯޑްތައް ދީފައިވާ ކަމަށެވެ. އަދި ތްރީއާރު ޑެކްލަރޭޝަންގައި ރާއްޖޭގެ ގިނަ ރިސޯޓްތައް ސޮއި ކުރުމަކީ އޭގެ ހެއްކެއް ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.