ހަބަރު

ކުނި މެނޭޖް ކުރުމުގެ ހޭދަ މުސްތަގުބަލުގައި ބޮޑުތަނުން އިތުރުވާނެ: ޖިހާދު

Aug 16, 2015

ކުރިޔަށް އޮތް ތަނުގައި ކުނި މެނޭޖް ކުރުމަށް ދައުލަތުން ކުރަންޖެހޭ ހޭދަ ވަރަށް ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.

މިއަދު މާލޭގައި ފެށީ ސަރަހައްދީ ގައުމު ތަކުގެ ކުނި މެނޭޖް ކުރުމާއި ބެހޭ ފޯރަމްގެ ހަވާސާގައި ބޭއްވި އަތޮޅު ކައުންސިލްތަކުގެ "ސާފު ރާއްޖެ ސްޓޭޓްމަންޓް" ގައި ސޮއި ކުރުމުގެ ހަފުލާގައި ވާހަަކަފުޅު ދައްކަވަމުން ޖިހާދު ވިދާޅުވީ ސަރުކާރުން މިއަހަރަށް އެކުލަވާލި ބަޖެޓުގައި ރަށްރަށުގެ ކުނި މެނޭޖް ކުރުމާބެހޭ އެކި މަޝްރޫއު ތަކަށް ޚަރަދުކުރުމަށް 26 މިލިއަން ރުފިޔާ ހިމެނި ކަމަށެވެ. އަދި ކުނި މެނޭޖް ކުރުމާއި ބެހޭގޮތުން އަތޮޅުތަކުގައި ހިންގުނު މަޝްރޫއުތަކަށް މިއަހަރުގެ މިހާތަނަށް 14 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު މާލޭގެ މަސައްކަތްތަކަށް 40 މިލިޔަން ރުފިޔާ ޚަރަދުވެފައިވާ ކަމަށެވެ.

ފިނޭންސުގެ ހިސާބުތައް ދައްކާގޮތުން އަތޮޅުތަކުގެ ކުނި މެނޭޖު ކުރަން ދާ ހަރަދުގެ ތިން ގުނަ ހަރަދު ވަނީ މާލޭގެ މަސައްކަތްތަކަށް ކަމަށް ވެސް ޖިހާދު ވިދާޅުވި އެވެ.

"ކުނި މެނޭޖް ކުރުމަށް އަތޮޅުތަކަށް ކުރާ ހަރަދުގެ ތިން ގުނަ ހަރަދުވަނީ މާލެއަށް. އެއީ ވާނެވެސް ގޮތް އާބާދީގެ ތިންބައިކުޅަ އެއްބައި އުޅެނީ މާލޭގައި. އެހެން ކަމުން ކުނި މެނޭޖް ކުރުމަށް ބަޖެޓުން އަހަރެއްގެ މައްޗަށް އެތައްފައިސާއެއް ހަރަދުވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ކުނި މެނޭޖު ކުރުމަށް ހިންގާ މަޝްރޫއުތަކަށް މިހާރު ހަރަދު ކުރަންޖެހޭ މިންވަރަށް ބަލާއިރު، މިކަމަށް އަހަރެއްގެ މައްޗަށް 100 މިލިއަން ރުފިޔާ ބޭނުންވެ އެވެ.

ރަށްރަށުގައި އުފެދޭ ކުނި ނައްތާލުމަށް ކުނި އެންދުމުގެ ބަދަލުގައި އުފެދޭ ކުނި ބޭނުންތެރި ގޮތެއްގައި ނައްތާލެވޭނެ ގޮތްތަކެއް ހޯދަންޖެހޭކަމަށް އިޝާރާތް ކުރައްވާ މިނިސްޓަރު ވިދާޅުވީ ކުނި މެނޭޖްކޮށްގެން އިގްތިސާދީ މަންފާތަކެއް ހޯދިދާނެ ކަމަށާއި އެފަދަ ކަންކަން ކުރުމަށް ރަށު ފެންވަރުގައި މަސައްކަތައް ކުރެވިދާނެ ކަމަށެވެ.

 "ކުންޏަކީ މިހާރު އާމްދަނީ ހޯދިދާނެ ކަމެއް. ކުނިން ކުރިއަށް އޮތްތަނުގައި އާމްދަނީ ހޯދޭނެ. ކުނި ރަނަށް ވެސް ބަދަލުވެގެންދާނެ، އެއީ އަގު ބޮޑު މުދަލަކަށް ހެދިދާނެ. އަތޮޅުތަކުން އެބަޖެހޭ އެ މިސްރާބަށް ދާން،" ޖިހާދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރި ކަމާއެކު ބޭއްވުމަށް ކުރަންޖެހޭ ކަންކަމުގައި ފިނޭންސް މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން ކުރިއަށް އޮތްތަނުގައި ވެސް ލިބޭނެ ކަމަށާއި މާލީ ހާލަތ ތަންދިން މިނަވަރަކުން ރައީސް ޔާމީންގެ އިރުޝާދާއެކު  ހުރހާ އަތޮޅުކުގެ ކުނި މެނެޖް ކުރުމަށް ވެސް ފިނޭންސްގެ އެއްބާރުލުމެއް ދެއްވާނެ ކަމަށެވެ.