ހަބަރު

ވިލިމާލޭގައި ހަބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ މިއަހަރު ދޭނަން: ރައީސް

Aug 16, 2015

ވިލިމާލާގައި އިމާރާތްތައް ހަބުރިއަށް ހެދުމުގެ ހުއްދަ މިއަހަރު ތެރޭގައި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު ވިދާޅުވެއްޖެ އެވެ. 

ވިލިމާލޭ ހޮސްޕިޓަލް އިފްތިތާހުގެ ކުރުމުގެ ރަސްމިއްޔާތައް މިއަދު ހަވީރު މާލޭގެ އެ އަވަށަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވިދާޅުވީ މީހުން ދިރިއުޅޭ އާބާދީއެއްގެ ގޮތުގައި ވިލިމާލެ ތަރައްގީކުރަން ރައީސް މައުމޫން ފެއްޓެވީ ވެސް ނަމޫނާ ރެސިޑެންސް މޮޑެލްއެއްގެ ގޮތުގައި ކަމަށާއި މި ސަރުކާރުގެ ސިޔާސަތަކީ ވެސް އެއީ ކަމަށެވެ. 

އަދި ވިދާޅުވީ މިފަދަ ރެސިޑެންސް މޮޑެލްއެއްގައ ވިލާތަކުގައި ޖެހޭވަރުގެ އުސް އިމާރާތްތައް އަޅަން ނުޖެހެނު ނަމަވެސް މި އަހަރުގެ ތެރޭގައި ވިލިމާލޭގެ އިމާރާތްތައް ހަބުރިއަށް ނެގުމުގެ ހުއްދަ ދެއްވާނެ ކަމަށެވެ. 

"މިއަދު އަޅުގަނޑު ހައުސިން މިނިސްޓަރާ އެވާހަކަ ދައްކައިފިން. އަދި މިހާރު ނިންމައިފިން ވިލިމާލޭގައި އިމާރާތްތައް ހަބުރިއަށް ނެގުމުގެ ހުއްދަދޭން. އެ ހުއްދަ މި އަހަރުގެ ތެރޭގައި ދޭނަން މި ރަށު ރިއަލް އެސްޓޭޓް އުސޫލުން ވިޔަފާރ ކުރާފަރާތްކަށް އަޅުގަނޑު އެހަބަރު ދަންނަވާލަން،" ރައީސް ޔާމީން ވިދާޅުވި އެވެ. 

ވިލިމާލޭގައި އިމާރާތްތައް ހަބުރިއަށް ނެގުމުގެ ހުއްދަ ދިނުމަށް ރައީސް ނިންމެވި އިރު މާލޭގައި 25 ބުރިއަށް ނެގޭ ގޮތަށް ނިންމައި މިހާރު ވަނީ މާލޭގައި 25 ބުރީގެ އިމާރާތެއް އަޅަން ބީލަމަށްވެސް ލާފައެވެ. 

ވިލިމާލެއަކީ އެންމެ ފުރަތަމަ މީހުން ދިރިއުޅެ، ފަހުން ޖަލަކަށް ބަދަލުކޮށް އަދި އޭގެ ފަހުން ރިސޯޓެއް ހިންގުމަށްފަހު މީހުން އާބާދު ކުރި ރަށެކެވެ. މިހާރު ވިލިމާލޭގައި އިމާރާތް ކުރެވެނީ ހަތަރު ބުރިއަށެވެ.