ސުޕްރީމް ކޯޓް

އޭއޭސީސީއީއައި ގައި ސުޕްރީމް ކޯޓް ބައިވެރިވެއްޖެ

އެސޯސިއޭޝަން އޮފް އޭޝިއަން ކޮންސްޓިޓިއުޝަނަލް ކޯޓްސް އެންޑް އީކްއިވެލަންޓް އިންސްޓިޓިއުޝަންސް (އޭއޭސީސީއީއައި) ގައި ރާއްޖޭގެ ސުޕްރީމް ކޯޓް ބައިވެރިވެއްޖެ އެވެ.

ސުޕްރީމް ކޯޓުން ބުނީ އޭއޭސީސީއީއައި މެންބަރުކަން ބަލައިގެންފައި ވަނީ "ދަ ތާޑް އިންޑޮނީޝިއަން ކޮންސްޓިޓިއުޝަނަލް ކޯޓު އިންޓަނޭޝަނަލް ސިންޕޯޒިއަމް 2019 ޝޯޓް ކޯސް އެންޑް ކޯލް ފޯ ޕޭޕާ" ގެ ތެރެއިން ބޯޑް މެންބަރުންގެ ބައްދަލުވުމުގައި، އެ އެސޯސިއޭޝަންގެ މެންބަރު ހުރިހާ ގައުމެއްގެ ތާއީދާއެކުގައި ކަމަށެވެ.

މި މަހުގެ ތިން ވަނަ ދުވަހު ފެސި ސިންޕޯޒިއަމް އަންނަ ބުރާސްފައްޗާ ހަމައަށް ކުރިޔަށް ދާނެ އެވެ.

ސުޕްރީމް ކޯޓުން ބުނީ މި ބައްދަލުވުމަށް ހުށަހަޅަން ޖެހޭ ރިމާކްސް ރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ ފަރާތްޕުޅުން ހުށަހެޅުއްވީ އެ ބައްދަލްވުމުގައި ބައިވެރިވެވަޑައިގެންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ކަމަށެވެ.

މި ބައްދަލުވުމުގައި ފަނޑިޔާރު އަޒްމިރާލްދާ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި ދުސްތޫރީ މައްސަލަތައް ބެލުމާއި، ވަކިން އަސާސީ ހައްގުތަކާއި މިނިވަންކަން ކަށަވަރު ކޮށްދިނުމުގަ އާއި ނެގެހެއްޓުމުގައި އޭއޭސީސީއީއައި ގެ މެންބަރު ގައުމުތަކުގެ ތަޖުރިބާތަކަކީ ރާއްޖެއިން ފިލާވަޅު ލިބިގަނެވޭނެ އަދި ރާއްޖެއަށް ފައިދާ ކުރާނެ ތަޖުރިބާތަކެއްކަމަށް ވިދާޅުވިއެވެ.

އިންޑޮނީޝިޔާގެ ބާލީގައި ކުރިއަށްދާ މި ބައްދަލުވުންތަކުގައި، ސުޕްރީމް ކޯޓުގެ ފަރާތުން ފަނޑިޔާރު އަޒްމިރާލްދާގެ އިތުރުން ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.