ހަބަރު

ލ. ގަމުގައި ފެނަކައިގެ އާ އޮފީހެއް ހުޅުވައިފި

Nov 5, 2019

ލ. ގަމުގައި ފެނަކަ ކޯޕަރޭޝަންގެ އާ އޮފީހެއް މިއަދު ހުޅުވައިފި އެވެ.

މި އޮފީސް ހުޅުވައިދެއްވީ އިކޮނިމިކް މިނިސްޓަރު އަދި ގަމު ދާއިރާގެ ކުރީގެ މެންބަރު ފައްޔާޒު އިސްމާއިލެވެ.

އޮފީސް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ގަމު ދާއިރާގެ މިހާރުގެ މެންބަރު މުހައްމަދު ވިސާމާއި ފެނަކައިގެ އެމްޑީ އަހުމަދު ސައީދު މުހައްމަދާއި ޑެޕިއުޓީ އެމްޑީ އިބްރާހިމް ވަހީދު އަދި ޗެއާމަން މުހައްމަދު ރަޝީދު ވެސް ބައިވެރިވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ވިދާޅުވީ އަމާޒަކީ ގަން އެއް ނެޓްވޯކަކުން ގުޅާލުން ކަމަށެވެ. ގަމުގެ ރައްޔިތުންނަށް ތައުރީފުކުރަމުން މެންބަރު ވިސާމް ވިދާޅުވީ ގަމުގެ ރައްޔިތުން ވަނީ މީގެ ކުރިންވެސް އެއްބައިވަންތަކަމުގެ މިސާލު ދައްކާދީފައި ކަމަށެވެ.

"އަވަށު އޮފީސްތަކުގެ ބަދަލުގައި، މަރުކަޒީ އެއް އޮފީސް ހަދައިގެން، ލ. ގަމުގެ ރައްޔިތުން ކުރިންވެސް ވަނީ އެއްބައިވަންތަކަމުގެ މިސާލު ދައްކާފަ. އަވަށުތެރެޔަށް ދުންއަރުވާ އިންޖީނުތައް ނިއްވާލައި، މަރުކަޒީ އެއް އިންޖީނުގެ އަށް މިފަހަރު ބަދަލުކުރާނަން. މުޅި ގަން އެއް ނެޓްވާރކްއަކުން ގުޅާލާނަން. ލ. ގަމުގެ ރައްޔިތުން ގުޅިގެން ކުރަމުންދާ މަސައްކަތުގެ ފޮނިމީރުކަން ލިބޭނެ." ވިސާމް ވިދާޅުވިއެވެ.

ގަމުގައި ފެނަކައިގެ ތިން އޮފީހެއް ތިން އަވަށުގައި ހުރެ އެވެ. ތިން އަވަށައް ކަރަންޓް ދެމުން ދަނީ ތިން އިންޖީނުގެ ގެއިންނެވެ. ނަމަވެސް އެ ތިން އޮފީސް އެއް އޮފީހަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.