ހަބަރު

ދިވެހި ސާފަރުންނަށް ފުރުސަތު ދޭން ތަނބުރުދޫ ސަރުކާރަށް ނަގައިފި

Aug 17, 2015

ރިސޯޓެއް ހަދަން ސިފައިންގެ ވެލްފެއާ ކުންފުންޏަށް ދީފައިވާ ތަނބުރުދޫ، ސާފިން ޕޮއިންޓެއްގެ ގޮތުގައި ބޭއްވުމަށް ޓަކައި އެ ރަށް އަނބުރާ ސަރުކާރަށް ނަަގައިފި އެވެ.

ސިފައިންގެ ވެލްފެއާ ކުންފުނިން ވަނީ އެ ރަށް ތަރައްގީ ކުރުމަށް ސިންގަޕޫރުގެ ޓެލޮސް އިންވެސްޓްމަންޓަށް ކުއްޔަށް ދޫކޮށްފަ އެވެ. އެކަމާ ގުޅިގެން ސާފަރުން ވަނީ މީގެ ކުރިން ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. ތަނބުރުދޫ ކައިރީގައި އޮންނަ ރާޅުގަނޑަކީ ސަފާރީ ޔޮޓްތަކާއި ދިވެހި ބައެއް ޒުވާނުން ރާޅާ އަޅަން ބޭނުން ކުރާ ސަރަހައްދެކެވެ. އެހެން ނަމަވެސް އެ ރަށުގައި ރިސޯޓެއް ހަދައިފި ނަމަ އެތަނުގެ ތިމާވެއްޓަށް ގެއްލުންވެ، ސާފް ޕޮއިންޓް ގެއްލުމުގެ ފުރުސަތު އޮތް ކަމަށް އޭރު ސާފަރުން ބުނެފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން ބުނީ އެ ލީސްއެގްރިމަންޓް ބާތިލްކޮށް ރަށް އަލުން ސަރުކާރަށް ނެގީ އެގްރިމަންޓާ އެއްގޮތަށް އެ ރަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ނުވުމުގެ ސަބަބުން ކަމަށެެވެ. އަދި ސަރުކާރުގެ ސިޔާސަތަކީ ދިވެހި ސާފަރުންނަށް ރާޅާއެޅުމުގެ ފުރުސަތު އެންމެ އެކަށީގެންވާ ގޮތުގައި ދިނުން ކަމަށެވެ. އަދި ތަނބުރުދޫ ބާއްވާނީ މުސްތަގުބަލުގައި ސާފިން މުބާރާތްތައް ފަސޭހަ ކަމާ އެކު ބޭއްވޭ ގޮތަށް ކަމަށް ވެސް ސަރުކާރުން ބުންޏެވެ. މީގެ ސަބަބުން ދިވެހި ރާޅާ އެޅުންތެރިންނަށް ފުރުސަތު ލިބޭނެ ކަމަށް ވެސް މިނިސްޓްރީ އިން ބުންޏެވެ.

"ޕަޓިނާ ތަނބުރުދޫ މޯލްޑިވްސް"ގެ ނަމުގައި ތަރައްގީ ކުރަން ނިންމާފައިވާ އެ ރިސޯޓަކީ 40 ލަގްޒަރީ ވިލާ އާއި 30 އެއްގަމު ކޮޓަރި ހިމެނޭ ގޮތަށް ތަރައްގީ ކުރަން އުޅުނު ރިސޯޓެކެވެ.