އަހުމަދު ސަލީމް (ރެޑްވޭވް)

ފަނޑިޔާރުން ވަކިކޮށްގެން ވާނެ މޮޅެއް ނެތް: ސަލީމް

މިހާރު ތިބި ފަނޑިޔާރުން ވަކިކޮށް އެހެން ބަޔަކު ލައިގެން ވާނެ ވަކި މޮޅެއް ނޯންނާނެ ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ސަލީމް މިހެން ވިދާޅުވީ ސުޕްރީމް ކޯޓުން ކޮށްފައިވާ ބައެއް ހުކުމްތަކާއި، ނިންމާފައިވާ ނިންމުންތަކާއި ގުޅޭގޮތުން ޖޭއެސްސީން ތައްޔާރުކުރި ރިޕޯޓް ޖުޑިޝަރީ ކޮމެޓީން ދިރާސާކޮށް ތައްޔާރުކުރި ރިޕޯޓަށް ބަހުސް ކުރަމުންނެވެ.

ސަލީމް ވިދާޅުވީ ޖުޑިޝަރީ ކޮމެޓީގެ ރިޕޯޓް އެއްކޮޅުން އަނެއްކޮޅަށް ވިދާޅުވެފައިވާ ކަމަށާ އެ ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ފަދަ ފަނޑިޔާރުން މި ގައުމުން ނު ހޯދޭނެ ކަމަށެވެ. ޖުޑިޝަރީ އިސްލާހު ކުރުމުގެ ނަމުގައި ބާރުހުރި ފަރާތްތަކުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އެބަަޔަކު ބޭނުންވާ މީހުން ފަނޑިޔާރުންނަށް ލާން ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.

"އަޅުގަނޑު މި ރިޕޯޓް މުޅިން ކިޔާލާ ނިންމާލިއިރުގައި ހަގީގަތުގައި ފަނޑިޔާރަކަށް ޝަރުތުހަމަވާ އަދި ލެވޭނެ މީހަކު މި ގައުމުގައި ނެތް. އެއީ ތައައްސުބުން އެއްކިބާވެ އަމިއްލަ އެދުމެއް ނެތް، ވަރަށް އިޚްލާސްތެރި، އެކަހަލަ މީހަކު އަޅުގަނޑަކަށް ހިއެއް ނުވޭ މި ގައުމަކުން މިހާރަކު ހޯދޭން ހުރި ހެނެއް... އަޅުގަނޑުމެން ހިނގާ ބުނަމާ އޭރެއްގަ ބާރު އޮންނަ ފަރާތަކުން ބޭނުންވާ ބަޔަކު ޖުޑިޝަރީއަށް ލާ ގޮތަކަށް ނިންމާ ނިންމުމެ... މިކަހަލަ ގޮތަކަށް ކިޔަމާ... އޭރުން ރަނގަޅު މީހުން ލިބޭނެ. އަދި އެބަޔަކު ބޭނުންވާ ކަހަލަ މީހުންވެސް ލިބޭނެ." ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ބާރު އޮތުމުން ފަނޑިޔާރުން ބަދަލު ކުރެވިދާނެ ކަމަށާ ނަމަވެސް ލަސްތަކެއް ނުވެ، އެ ފަނޑިޔާރުންނަކީ ކުރިން ތިބި ފަނޑިޔާރުންނަށްވުރެ ވެސް ގޯސް ބަޔަކަށް ވެދާނެ ކަމަށެވެ.

އެހެންކަމުން ފަނޑިޔާރުން ވަކި ކުރުމުގެ ބަދަލުގައި އެ ބޭފުޅުން އިސްލާހު ކުރެވޭތޯ ބެލުން މާ މުހިންމު ކަމަށެވެ.

"އެހެންވީމަ މޮޅު ގާޒީން ލާށޭ ކިޔާފައި މޮޅު މީހުން ލާށޭ ކިޔާފައި މިހާރު ތިބި މީހުން ދުއްވާލާފައި ވާނެ އެއްވެސް މޮޅު ގޮތެއް ނޯންނާނެ. އިއްޒަތްތެރި ރައީސް.. ވީހާވެސް ބޮޑަށް ތަމްރީނު ދީގެން ނަމަވެސް އިސްލާހް ކުރެވޭތޯ ބަލަންވީ."