ހަބަރު

ބަދަލު ގެންނަނީ ގާނޫނުގެ ތެރެއިން، ހުރަހެއް ނާޅަން: ޑީޖޭއޭ

ކޯޓުތަކުގެ އެތެރޭގެ އިދާރީ ކަންކަމަށް ގޮތް ކިޔައި ކޯޓުތަކުގެ އިސް ފަނޑިޔާރުންގެ ޒިންމާއަށް ހުރަސް އަޅަމުންދާ ކަމަށް ވިދާޅުވެ، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ދެއްކެވި ވާހަކަތައް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ދޮގުކޮށްފި އެވެ.

ކުރިން ސުޕްރީމް ކޯޓުގެ ދަށުން ހިންގަމުން ދިޔަ ޑީޖޭއޭ މިފަހުން ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހެއް ދަށުން ވަނީ ޖޭއެސްސީގެ ދަށަށް ގެންގޮސްފަ އެވެ. މިހާރު ޑީޖޭއޭ ހިންގަނީ ޖޭއެސްސީގެ ބެލުމުގެ ދަށުންނެވެ. ޑީޖޭއޭއަކީ ކޯޓުތަކުގެ އިދާރީ ކަންކަން ހަމަޖެއްސުމަށް އެހީތެރިވެދޭ އިދާރާއެކެވެ. މިހާރު ޑީޖޭއޭއިން ދަނީ ކޯޓުތަކުގެ އިދާރީ އުސޫލުތަކަށް ބައެއް ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.

އެކަމަކީ ޑީޖޭއޭއަށް ނެތް ބާރެއް ބޭނުންކޮށްގެން ކޯޓުތަކުގެ އިދާރީ ނިޒާމް ޕެރެލައިޒްކޮށް ފަނޑިޔާރުންގެ ޒިންމާއަށް ހުރަސް އަޅަން ކުރާ ކަމެއްގެ ގޮތުގައި އުއްތަމަ ފަނޑިޔާރު ވަނީ ސިފަ ކުރައްވާފަ އެވެ. އަދި، ވިދާޅުވެފައިވަނީ އެ ކޯޓެއްގެ އެތެރޭގެ އިދާރީ ކަންކަން ބެލެހެއްޓުމުގެ ޒިންމާ އޮންނާނީ ހަމައެކަނި އެ ކޯޓެއްގެ އިސް ފަނޑިޔާރަށް ކަމަށެވެ. އެހެންވެ އުއްތަމަ ފަނޑިޔާރު ވަނީ ޑީޖޭއޭ ގެންނަ ބަދަލުތަކަށް އެއްބާރުލުން ނުދެއްވަން އެ ކޯޓުގެ އެސްޖީއަށް ވެސް އަންގަވާފަ އެވެ.

އެކަމާ ގުޅިގެން ޑީޖޭއޭއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ގާނޫނަށް ގެނައި އިސްލާހާއެކު، މިނިވަންކަމާއެކު ކޯޓުތަކަށް ހިންގުމަށްޓަކައި ގެންނަން ޖެހޭ ބައެއް ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އަހަރުން އަހަރަށް އިތުރުވަމުންދާ ޝަރުއީ ކޭސްލޯޑް އިންފޮމޭޝަން ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ހެޔޮ ގޮތުގައި މެނޭޖްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި، އަވަސްކަމާއި ހަލުވިކަމާއެކު ރައްޔިތުންނަށް އަދުލްއިންސާފު ފޯރުކޮށްދިނުމުގެ މަގުސަދުގައި ކޯޓުތަކުގެ އިދާރީ ކަންކަން ރާވައި ހިންގުމަށްޓަކައި އިދާރީ އިސް މުވައްޒަފުންގެ ގޮތުގައި މުވައްޒަފުން ހަމަޖައްސައި ޝަރީއަތްތައް ހިންގުމުގައި ފަނޑިޔާރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މިކަމަކީ އެއްވެސް ހާލެއްގައި ކޯޓުގެ ހިންގުމާ ހަވާލުވެ ހުންނަވާ އެންމެ އިސް ފަނޑިޔާރުންގެ ހައިސިއްޔަތު ކުޑަކޮށް އަދުލްއިންސާފު ފޯރުކޮށްދިނުމުގައި ފަނޑިޔާރުންގެ ދައުރު ކުޑަކުރުމުގެ ގޮތުން ކޮށްފައިވާ ކަމެއް ނޫންކަން ފާހަގަކުރަން، މި ގެނެވުނު ބަދަލަކީ ކޯޓުތަކުގެ އެފިޝިއެންސީ އިތުރުކޮށް ހަލުވިކުރުމަށްޓަކައި ގާނޫނުން އެކަށައަޅައިފައިވާ ތަރަހައިގެ ތެރޭގައި ގެނެވިފައިވާ ބަދަލެއް،" ޑީޖޭއޭއިން ބުންޏެވެ.

ޑީޖޭއޭގެ އަމާޒަކީ ރައްޔިތުންނާ ގާތުން ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް ކޯޓުތަކުގެ ހިންގުން ބައްޓަންކުރުމަށްޓަކައި ކޯޓުތަކުގެ އިދާރީ ހިންގުން އެއް ގޮތްކޮށް ހުރިހާ މަރުހަލާއެއްގެ ކޯޓުތަކުން ވެސް ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ހަލުވިކަމާއި ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށް ބުންޏެވެ.

އުއްތަމަ ފަނޑިޔާރު ޑރ. ދީދީ މީގެކުރިން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ކޯޓުތަކުގެ އިދާރީ މުވައްޒަފުންނާއި އިދާރީ ނިޒާމަކީ ފަނޑިޔާރުންގެ ބާރު ނުހިނގާ ނިޒާމަކަށް ވެއްޖެނަމަ އޭގެ ސަބަބުން ފަނޑިޔާރުންގެ މަސައްކަތަށް ގިރާ ނުކުރެވޭނެ ފަދަ ހުރަސްތަކެއް ކުރިމަތިވެގެން ދާނެ ކަމަށެވެ. އަދި ކޯޓުތަކުގެ އިދާރީ އަދި ނިޒާމީ އިންޓެގްރިޓީ ގެއްލި ކޯޓާއި ފަނޑިޔާރުންގެ މަސައްކަތް ނުކުރެވޭނެ ފަދަ މާހައުލެއް އުފެދޭނެ ކަމަށެވެ.

ސުޕްރީމް ކޯޓުގެ އިދާރީ ނިޒާމާ ބެހޭ ސިޔާސަތުތަކާއި އުސޫލުތައް ކަނޑައަޅައި އެކަށައެޅުމާއި އެ ސިޔާސަތުތަކާއި އުސޫލުތަކާ އެއްގޮތަށް ކޯޓު ހިންގުމުގެ ކަންކަމަކީ އުއްތަމަ ފަނޑިޔާރަށް ގާނޫނުތަކުން ދީފައިވާ ބާރެއްކަން އެނގެން އޮންނަ ކަމަށާއި އެއާ ހިލާފަށް އެކަން ކުރަން އުޅުމަކީ ގާނޫނާ ހިލާފު ޣައިރު ދުސްތޫރީ އަމަލެއްކަން ވަރަށް ސާފު ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވެ ބަޔާން ނެރުއްވީ ޑީޖޭއޭއަށް ހުރަސް އަޅަން ސުޕްރީމް ކޯޓުން އުޅޭ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިންނާއި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މައްސަލައެއް ވެސް ބަލަމުންދާ ދަނޑިވަޅެއްގަ އެވެ. އެ ދެ ތަނުން އެ މައްސަލަ ބަލަން ނިންމީ ޑީޖޭއޭގެ ބާރު ކަނޑުވާލަން ޖުޑީޝަލް ކައުންސިލުން އުޅޭ ކަމަށް ބުނެ އެވެ.