ހަބަރު

އުއްތަމަ ފަނޑިޔާރުގެ ތަހުގީގުގެ ރިޕޯޓް ޖޭއެސްސީއިން ފޮނުވައިފި

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ބަލައި ތަހުގީގު ރިޕޯޓް އެ މަނިކުފާނާ ހަވާލު ކުރުމަށް ފޮނުވައިފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުޕްރީމް ކޯޓަށް ތަހުގީގު ރިޕޯޓެއް ފޮނުވާފައިވާކަން ހާމަކުރި ނަމަވެސް އެއީ ކޮން މައްސަލައަކާ ގުޅޭ ރިޕޯޓެއް ކަމެއް ނުބުނެ އެވެ. ޖޭއެސްސީއިން ދަނީ އުއްތަމަ ފަނޑިޔާރުގެ ގިނަ ސުލޫކީ މައްސަލަތަކެއް ބަލަމުންނެވެ.

އެންމެ ފުރަތަމަ ޖޭއެސްސީއިން ބަލަން ފެށީ ސުޕްރީމް ކޯޓުން ގާނޫނޫ އަސާސީއާ ހިލާފަށް ނިންމާފައިވާ ކަމަށް ބުނާ މައްސަލަތެކެވެ. އެ މައްސަލަތައް ބަލަން ފަށައި، އެ ކޮމިޝަނަށް ހާޒިރުވާން އެންގެމުން އެކަމާ ދެކޮޅު ހައްދަވައި ބަޔާނެއް ނެރުއްވި އެވެ.

އެ ބަޔާނުގައި ޖޭއެސްސީއަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވި އެވެ. އެކަމާ ގުޅިގެން ޖޭއެސްސީއިން ވަކި ސުލޫކީ މައްސަލައެއް ބަލަން ނިންމި އެވެ. އަދި އޭގެ ފަހުން ސުޕްރީމް ކޯޓުގެ އެސްޖީއަށް ބިރު ދައްކައި އިންޒާރު ދެއްވި ކަމަށް ބުނާ މައްސަލައެއް ވެސް ޖޭއެސްސީއިން ބަލަން ފެށި އެވެ.