ހަބަރު

ޖޭއެސްސީގެ ރިޕޯޓާ އުއްތަމަ ފަނޑިޔާރު ހަވާލެއް ނުވި

ސުލޫކީ މައްސަލަ ބެލުމަށްފަހު ޖަވާބުދާރީވުމަށް ތަހުގީގު ރިޕޯޓް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ފޮނުވުމުން އެއާ ހަވާލުވުމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ދެކޮޅު ހައްދަވައިފި އެވެ.

ޖޭއެސްސީއިން މިއަދު ސުޕްރީމް ކޯޓަށް ތަހުގީގު ރިޕޯޓެއް ފޮނުވާފައިވާކަން ހާމަކުރި ނަމަވެސް އެއީ ކޮން މައްސަލައަކާ ގުޅޭ ރިޕޯޓެއް ކަމެއް ނުބުނެ އެވެ.

ރިޕޯޓް ސުޕްރީމް ކޯޓަށް ޖޭއެސްސީއިން ގެންދިޔުމުން އެ ރިޕޯޓާ ހަވާލުނުވެ، ސުޕްރީމް ކޯޓުން ރިޕޯޓް އަނބުރާ ފޮނުވާލާފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އެއީ ގާނޫނީ ގޮތުން ބަލައިގަންނަން ޖެހޭ ރިޕޯޓެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ދެކޭ ކަމަށް ބުނެ އެވެ. ސުޕްރީމް ކޯޓުން ރިޕޯޓް އަނބުރާ ފޮނުވާލުމުން ޖޭއެސްސީއިން ވެސް އެ ރިޕޯޓާ އަލުން ހަވާލުވުމަށް ދެކޮޅު ހަދާފައިވާ ކަމަށްވެ އެވެ.

ނަމަވެސް މިކަމާ ގުޅިގެން އެ ދެ ތަނުގެ ވެސް ބަހެއް ނުލިބުނެވެ.

އުއްތަމަ ފަނޑިޔާރާއި ޖޭއެސްސީއާ ދެމެދު މައްސަލަ ހޫނުވެފައިވާއިރު ޖޭއެސްސީއިން ދަނީ އުއްތަމަ ފަނޑިޔާރުގެ ގިނަ ސުލޫކީ މައްސަލަތަކެއް ބަލަމުންނެވެ.

އެންމެ ފުރަތަމަ ޖޭއެސްސީއިން ބަލަން ފެށީ ސުޕްރީމް ކޯޓުން ގާނޫނޫ އަސާސީއާ ހިލާފަށް ނިންމާފައިވާ ކަމަށް ބުނާ މައްސަލަތެކެވެ. އެ މައްސަލަތައް ބަލަން ފަށައި، އެ ކޮމިޝަނަށް ހާޒިރުވާން އެންގެމުން އެކަމާ ދެކޮޅު ހައްދަވައި ބަޔާނެއް ނެރުއްވި އެވެ. އެ ބަޔާނުގައި ޖޭއެސްސީއަށް ނެތް ބާރުތައް ބޭނުން ކުރާ ކަމާއި ޒިންމާއަށް ހުރަސް އަޅައި ޖުޑިޝަރީ ކޮންޓްރޯލް ހޯދަން އުޅޭ ކަމަށް އުއްތަމަ ފަނޑިޔާރު ތުހުމަތު ކުރައްވާފައިވެ އެވެ.

އެ ބަޔާނުގައި ޖޭއެސްސީއަށް ބޮޑެތި ތުހުމަތުތަކެއް ކުރުމާ ގުޅިގެން ޖޭއެސްސީއިން ވަކި ސުލޫކީ މައްސަލައެއް ބަލަން ނިންމި އެވެ. އަދި އޭގެ ފަހުން ސުޕްރީމް ކޯޓުގެ އެސްޖީއަށް ބިރު ދައްކައި އިންޒާރު ދެއްވި ކަމަށް ބުނާ މައްސަލައެއް ވެސް ޖޭއެސްސީއިން ބަލަން ފެށި އެވެ.

އެސްޖީއަށް އިންޒާރު ދިން މައްސަލަ ބަލަން ފެށުމާއެކު ވެސް އުއްތަމަ ފަނޑިޔާރު އެކަން ދޮގު ކުރައްވައި ބަޔާނެއް ނެރުއްވި އެވެ. އެ ބަޔާނުގައި ވެސް ޖޭއެސްސީއަށް އުއްތަމަ ފަނޑިޔާރު ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.