ހަބަރު

4 ފަނޑިޔާރަކު ޕެޓީ ކޭޝް ނަގައިގެން ފަރީއްކުޅުވާ މައްސަލައެއް އޭސީސީއަށް

ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރަކު، އެ ކޯޓުގެ ޕެޓީ ކޭޝް ނަންގަވައިގެން މެންދުރުގެ ފަރިއްކޮޅު ހަމަޖައްސަވާ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފި އެވެ.

ސުޕްރީމް ކޯޓުގެ އިދާރީ ކަންކަމަށް ހަމަޖައްސާފައިވާ ޕެޓީ ކޭޝް ނަންގަވައިގެން ފަރިކުޅުވާ ކަމުގެ ތުހުމަތު ކޮށްފައިވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދު އަދި ފަނޑިޔާރު އަބްދުﷲ މުހައްމަދު ޣަނީގެ މައްޗަށެވެ.

އަމިއްލަ ފަރާތަކުން އޭސީސީއަށް ހުށަހަޅާފައިވާ މައްސަލާގައި ބުނެފައިވަނީ ހަތަރު ފަނޑިޔާރުން ވެސް މެންދުރުގެ ފަރިއްކޮޅު ހަމަޖައްސަވަނީ ވޭނަކާއެކު މުވައްޒަފަކު ހުޅުމާލެއަށް ފޮނުވައިގެން ބޮންބޭ ދަރުބާރު ކިޔާ ރެސްޓޯރެންޓަކުން ކަމަށެވެ. އަދި އެ ބޭފުޅުން ފަރިއްކުޅުވަނީ ކޯޓު ތެރޭގައި ކަމަށް ވެސް ބުނެފައިވެ އެވެ.

ޕެޓީ ކޭޝްއަކީ ފަރިއްކުޅުވުމަށް ބޭނުން ކުރާ ފައިސާއެއް ނޫން ކަމަށާއި އެއީ ހުއްދަ ކަމަކަށް ނުވާތީ ސުޕްރީމް ކޯޓަށް އަލަށް އައްޔަން ކުރެއްވި ތިން ފަނޑިޔާރުން އެ ފަރިއްކުޅުގައި ބައިވެރިވެވަޑައިނުގަންނަވާ ކަމަށް ވެސް މައްސަލާގައި ކޯޓުގެ މުވައްޒަފަކާ ހަވާލާދީ ބުނެފައިވެ އެވެ.

އަދި ކޮންމެ ދުވަހަކު ކޯޓު މުވައްޒަފަކު ކޯޓުގެ ވޭނެއްގައި ހުޅުމާލެއަށް ފޮނުވުމަކީ ވެސް ކޯޓުގެ ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ހިފުންކަން މައްސަލާގައި ފާހަގަކޮށްފައިވެ އެވެ. އެހެންވެ، އެ މައްސަލަ ބަލައިދޭން އޭސީސީގައި ވަނީ އެދިފަ އެވެ.

އޭސީސީއަށް ހަތަރު ފަނޑިޔާރުންގެ މައްސަލައެއް ހުށަހަޅާފައިވާއިރު އެ ފަނޑިޔާރުންނާ ގުޅޭ ސުލޫކީ މައްސަލަތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ދަނީ ބަލަމުންނެވެ.