ގައުމީ ފިލްމު އެވޯޑްސްގައި މި އަހަރު އެވޯޑް ދޭން ނިންމާފައިވާ ކެޓަގަރީޓަކު ނޯމިނޭޝަންތައް މިރޭ އިއުލާނު ކުރުމަށް ނިންމައިފި އެވެ.
އާޓްސް އެންޑް ކަލްޗާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު ވިދާޅުވީ ގައުމީ ފިލްމް އެވޯޑްސްގެ ނޮމިނޭޝަންތައް މިރޭ 10:00 ޖަހާއިރު ވީޓީވީ މެދުވެރިކޮށް އިއުލާނުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެވޯޑްސްގައި ވާދަކުރާ ފިލްމުތައް
- ނޭދެން ވަކިވާކަށް (2017)
- ވިޝްކާ (2017)
- މީ ލޯތްބަކީ (2017)
- ބޮސް (2017)
- ނޯޓީ ފޯޓީ (2017)
- އިލްނޮއިސް (2017)
- ހައްދު (2017)
- މަލިކާ (2017)
- ވަކިން ލޯބިން (2018)
- ރޭވުމުން (2018)
- ތިޔަ ލޯތްބާ ދުރަށް (2018)
- ދެވަންސޫރަ (2018)
- ކުރު ފިލްމު - ކަނޑު އިބިލީސް (2018)
ނުވަވަނަ ފިލްމު އެވޯޑްސް ހަފްލާގައި އެވޯޑް ދިނުމުގައި ފިލްމުތަކަށް އިންސާފު ކުރަން މި އަހަރު ހަތް ފަންޑިޔާރުން ތިބޭ ޕެނަލެއް އެކުލަވާލާފައި ވެއެވެ. ޕެނަލްގައި ހިމެނެނީ ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ) އާއި އައިމިނަތު ނަޖީބާއި ފާތުމަތު ލީޒާ އާއި އައިމިނަތު އިނާސް އާއި އަހުމަދު އަހުސަނާއި ނޫރާ އިބްރާހިމް ޒާހިރު އަދި ޝާރިފް އަލީ އެވެ.
މިދިޔަ އަހަރު އެވޯޑްސް ނުބާއްވަ އެވެ. އެހެންކަމުން މި އަހަރުގެ އެވޯޑް ހަފްލާގައި އެވޯޑްތަކަށް މިދިޔަ އަހަރުގެ ފިލްމުތަކުގެ އިތުރަށް 2017 ވަނަ އަހަރުގެ ފިލްމުތައް ވެސް ވާދަ ކުރެ އެވެ. އެއީ 12 ފީޗާ ފިލްމަކާއި ކުރު ފިލްމެކެވެ.
މި އަހަރުގެ އެވޯޑްސްގެ ޓައިޓަލް ސްޕޮންސާއަކީ ބައިސްކޯފް އެވެ. ކޯސްޕޮންސާއަކަށް އެސްޓީއޯ ހަމަޖައްސާފައިވާއިރު، އޮންލައިން މީޑިއާ ޕާޓްނަރަކީ އަވަސް އޮންލައިން އެވެ.
އެވޯޑް ނައިޓް އޮންނާނީ މިމަހުގެ 15 ވަނަ ދުވަހުގެ ރެއެވެ.