ދުނިޔެ

އިރާގު މުޒާހަރާ ތެރެއިން އިތުރު ހަތަރު މީހަކު މަރުވެއްޖެ

އިރާގުގެ ސަރުކާރު ކޮންޓްރޯލް ކުރަމުންދާ ސިޔާސީ ޕާޓިތަކާ ދެކޮޅަށް ފާއިތުވި ތިން ހަފުތާގެ ތެރޭގައި ކުރަމުންދާ މުޒާހަރާތައް ކޮންޓްރޯލް ގެއްލި ހަމަނުޖެހުންތަކުގެ ތެރެއަށް އިރާގު މިހާރު ވަނީ ވެއްޓިފަ އެވެ. މުޒާހަރާގެ ބައިވެރިން ގެންދަނީ ތަކުރާރުކޮށް ފުލުހުންގެ އެންގުންތަކާ ހިލާފުވެ ސަރުކާރުގެ މުދާތަކަށާއި ފުލުހުންނަށް ހަމަލާ ދެމުންނެވެ.

މުޒާހަރާގެ ބައިވެރިން ކޮންޓްރޯލްކޮށް މަގުމަތި އަމާން ކުރުމުގެ ގޮތުން ފުލުހުން ދަނީ މުޒާހަރާގެ ބައިވެރިންގެ ގަޔަށް އަމާޒު ކޮށް، ކަރުނަ ގޭސް، ސައުންޑް ބޮމް އަދި ލައިވް ވަޒަން ބޭނުން ކުރަމުންނެވެ. އިއްޔެ ކުރިއަށް ދިޔަ މުޒާހަރާ ކޮންޓްރޯލް ކުރުމުގެ ގޮތުން ވެސް ވަނީ ލައިވް ވަޒަން ބޭނުންކޮށްފަ އެވެ. މުޒާހަރާގެ ބައިވެރިންގެ ގަޔަށް އަމާޒު ކޮށްގެން ދިން ބަޑީގެ ހަމަލާގައި އިއްޔެ ތިން މީހަކު ވަނީ މަރުވެފަ އެވެ.

މުޒާހަރާ ކޮންޓްރޯލް ކުރުމުގެ ނަމުގައި ފުލުހުން ދިން ބަޑީގެ ހަމަލާތަކުގެ ސަބަބުން މިހާތަނަށް ވަނީ 17 މީހަކު މަރުވެފަ އެެވެ. އަދި 100 އަށް ވުރެ ގިނަ މީހުން ޒަހަމް ވުމުގެ ސަބަބުން ފަރުވާދީފަ އެވެ.

ފުލުހުން ބުނީ، އިއްޔެގެ މުޒާހަރާ ކޮންޓްރޯލް ކުރުމަށް ލައިވް ވަޒަން ބޭނުންކުރަން ޖެހުނީ، މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސަން ފެށުމުން މުޒާހަރާގެ ބައިވެރިން ހަތިޔާރު ބޭނުން ކޮށްގެން ހަމަލާދޭން ފެށުމާއި ގުޅިގެން ކަމަށެވެ.