ޝަރުއީ ދާއިރާ ރިފޯމް ކުރުން

ހައިލަމް ހެއްދެވީ ދޮގެއް، ނުފޫޒެއް ނޯންނާނެ: ސަރުކާރު

ސަސްޕެންޑްކޮށް ފިޔަވަޅު އެޅީ ސަރުކާރުގެ އިސް ބޭފުޅުން ގުޅުއްވައި ކުރި ޑިމާންޑްތަކަށް އެއްބަސްނުވުމުން ކަމަށް ވިދާޅުވެ ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ދެއްކެވި ވާހަކަތައް ސަރުކާރުން ދޮގުކޮށްފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތް ހިންގެވީ ގާޒީ ހައިލަމެވެ. އެ މައްސަލައިގެ ހުކުމް އިއްވުމަށް ގަޑިއިރުތަކަކަށްވެފައިވަނިކޮށް ހައިލަމް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ސަސްޕެންޑްކުރި އެވެ.

ހައިލަމް ސަސްޕެންޑްކުރީ ނަސްރުގެ ދުވަހުގެ ތަހުނިޔާއާ ގުޅިގެންނެވެ. ކުރިމިނަލް ކޯޓުގެ އެތެރޭގެ ވައިބާ ގުރޫޕަކަށް ހައިލަމް ފޮނުއްވި ކުރެހުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްދުގެ ކަރުގައި ޗޭނެއް ޖަހާފައި ހުއްޓެވެ.

ސަސްޕެންޝަނާ ގުޅިގެން ހައިލަމް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތު ކުރެވުނު ހިސާބުން ފެށިގެން އެކިއެކި މަގާމުތަކުގައި ތިބި ފަރާތްތަކުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގާތް މީހުން މެދުވެރިކޮށް ނުފޫޒު ފޯރުވިދާނެ ކަމަށް ހީކޮށް ވަރަށް ގިނަ މަސައްކަތްތައް ކޮށްފައިވާ ކަމަށެވެ. އެ މަސައްކަތް ސަރުކާރުގެ އިސް ބޭފުޅުން އެންމެ ބޮޑަށް ކުރެއްވީ މި މަހުގެ ތިންވަނަ ދުވަހާއި ހަތަރު ވަނަ ދުވަހު ކަމަށެވެ. ހުކުމް އިއްވުމުގެ އަޑުއެހުން އޮތީ ފަސް ވަނަ ދުވަހަށެވެ.

"ސަރުކާރުގެ ވަރަށް އިސް މަގާމުތަކުގައި ތިބި ފަރާތްތަކުން އަޅުގަނޑަށް ސީދާ ގޮތުން މެސެޖްކޮށްގެންނާއި ގުޅައިގެންންނާއި އަޅުގަނޑު ދަންނަ މީހުން މެދުވެރިކޮށް ރައީސް ޔާމީން ޖަލަށްލުމަށް ހުކުމް ކުރާނެ ކަމުގެ ކަށަވަރުކަން ދިނުމަށް އެދުން، އަދި އެގޮތަށް ކަށަވަރުކަން ނުދެވޭނެ ކަމަށް ބުނުމުން އަލްހާންއާއެކު ހިނގި ޓްރާންސެކްޝަންގެ މައްސަލަ ޕޮލިހުގައި އެބަ އޮތްކަމާއި ހުކުމްގެ ކަށަވަރުކަން ނުލިބޭނަމަ އެ މައްސަލަ ބެލޭނެ ކަމުގެ އިންޒާރު ވެސް ދިން، އަދި ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރު ވެސް ދިން،" ހައިލަމް ވިދާޅުވެފައިވެ އެވެ.

ހައިލަމްގެ ވާހަކަތައް ދޮގުކުރައްވާ ރައީސް އޮފީހުގެ ތަރްޖަމާން އިބްރާހިމް ހޫދު ވިދާޅުވީ ސަރުކާރުން ޝަރުއީ ނިޒާމަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށެވެ. އަދި އެއްވެސް ފަނޑިޔާރަކަށް ނުފޫޒު ފޯރުވަން މަސައްކަތް ކޮށްފައިނުވާނެ ކަމަށެވެ.

އަދި ޝަރުއީ ދާއިރާގެ މިނިވަންކަމަށް ހުރަސްއެޅޭ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ ކަމަށް ވިދާޅުވި އެވެ.

ގާޒީ ހައިލަމް ވިދާޅުވީ ރައީސް ޔާމީންގެ މައްސަލައާ ގުޅިގެން ސަރުކާރުގެ ނުފޫޒު ހިނގަމުންދާކަން މިހާރު ކުރިމިނަލް ކޯޓުގެ ހިންގުމާ ހަވާލުވެހުންނެވި ގާޒީ އަލީ ރަޝީދު ހުސެއިންނަށް ވެސް ވަރަށް ރަނގަޅަށް މިހާރު އެނގިވަޑައިގަންނަވާނެ ކަމަށެވެ.

ނަމަވެސް ބައެއް ނޫސްތަކަށް އިންޓަވިއު ދެއްވަމުން ގާޒީ އަލީ ރަޝީދުވެސް ވަނީ ހައިލަމްގެ ވާހަކަތައް ދޮގުކުރައްވާފައެވެ. އަލީ ރަޝީދު ވަނީ ފަނޑިޔާރުންނަށް ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތް ކަމަށް ވިދާޅުވެފައެވެ.

ގާޒީ އަލީ ރަޝީދު މިފަދަ ގޮތަކަށް މީޑިއާތަކަށް އިންޓަވިއު ދެއްވުމުން ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފު އަމަލެއް ކަމަށް ބައެއް ވަކީލުން ގެންދަވަނީ ވިދާޅުވަމުންނެވެ.