ޖުމްހޫރީ ދުވަސް

ގާނޫނު އަސާސީއަށް ބޯލަބަން ނުޖެހޭ އެއްވެސް ބާރެއް ނޯންނާނެ: ރައީސް

ގާނޫނު އަސާސީއަށް ބޯލަބަން ނުޖެހޭ އެއްވެސް ބާރެއް ދިވެހި ދައުލަތުގައި ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ 51 ވަނަ ޖުމްހޫރީ ދުވަހާއި ގުޅިގެން މިރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހި ދައުލަތުގައި އޮންނާނީ ދުސްތޫރީ ސިޔާސަތެއް ކަމަށާ އެހެން ކަމުން ގާނޫނު އަސާސީން ނުދޭ ބާރެއް އެއްވެސް މީހަކަށް ލިބިފައި ނޯންނާނެ ކަމަށެވެ. އަދި ދައުލަތުގެ ތިން ބާރުގެ ވެރިން ކަމުގައިވިޔަސް ގާނޫނު އަސާސީއަށްވުރެ މަތީގައި ނުހުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ގާނޫނު އަސާސީ ދެމެހެއްޓުމަކީ އެމަނިކުފާނުގެ އެންމެ އިސް ވާޖިބު ކަމަށާ އެހެންކަމުން ގާނޫނު އަސާސީއާއި ގާނޫނުތަކާއި ޚިލާފަށް އެއްވެސް ކަމެއް ކުރުމުގެ ފުުރުސަތު ހަމަ އެއްވެސް މީހަކަށް ނުދެއްވާނެ ކަމަށެވެ.

"ގާނޫނު އަސާސީގެ ފަސްވަނަ މާއްދާގައި ބުނާ ގޮތުން ދިވެހި ދައުލަތުގައި އޮންނާނީ ދުސްތޫރީ ސިޔާދަތެއް. އޭގެ މާނައަކީ ދިވެހި ދިދައިގެ ދަށުގައި އުޅޭ ހަމަ އެކަކަށްވެސް ގާނޫނު އަސާސީން ނުދޭ ބާރެއް ލިބިފައެއް ނޯންނާނެ. އެއީ އަޅުގަނޑު ކަމުގައިވީނަމަވެސް ނުވަތަ ދައުލަތުގެ އަނެއް ދެ ބާރުގެ ވެރިންކަމުގައިވިޔަސް ގާނޫނު އަސާސީއަށް ވުރެ މަތީގައި ނުހުރެވޭނެ. އަދި ގާނޫނު އަސާސީއަށް ބޯލަބަންނުޖެހޭ އެއްވެސް ބާރެއް ދިވެހި ދައުލަތުގައި ނޯންނާނެ. މާތްﷲގެ ވާގިފުޅާއެކު އަޅުގަނޑު މަސައްކަތް ކުރަމުން މި އަންނަނީ މި ދެންނެވި ހަގީގަތް ގަބޫލުކޮށްގެން ހުރެ ގާނޫނު އަސާސީ ދެމެހެއްޓުމަކީ އަޅުގަނޑުގެ އެންމެ އިސް ވާޖިބުކަމުގައި ދެކި ހުރެ." އުއްތަމަ ފަނޑިޔާރާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްވެސް ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ގާނޫނުތައް ހަދަންވާނީ ރައްޔިތުންގެ ހައްގުތައް ހޯދާދިނުމަށް ކަމަށާ ކޯޓްތަކުންވެސް މަސައްކަތް ކުރައްވާނީ އެގޮތުގެ މަތިން ކަމަށެވެ. އަދި ވެރިކަން ހިންގުމުގެ ހުރިހާ ކަމެއްވެސް ކުރައްވަންޖެހޭނީ ގާނޫނު އަސާސީއާ އެއްގޮތަށް ކަމަށެވެ.

ގާނޫނު އަސާސީގެ ފަސްވަނަ މާއްދާގައި ބުނާ ގޮތުން ދިވެހި ދައުލަތުގައި އޮންނާނީ ދުސްތޫރީ ސިޔާދަތެއް. އޭގެ މާނައަކީ ދިވެހި ދިދައިގެ ދަށުގައި އުޅޭ ހަމަ އެކަކަށްވެސް ގާނޫނު އަސާސީން ނުދޭ ބާރެއް ލިބިފައެއް ނޯންނާނެ. އެއީ އަޅުގަނޑު ކަމުގައިވީނަމަވެސް ނުވަތަ ދައުލަތުގެ އަނެއް ދެ ބާރުގެ ވެރިންކަމުގައިވިޔަސް ގާނޫނު އަސާސީއަށް ވުރެ މަތީގައި ނުހުރެވޭނެ. އަދި ގާނޫނު އަސާސީއަށް ބޯލަބަންނުޖެހޭ އެއްވެސް ބާރެއް ދިވެހި ދައުލަތުގައި ނޯންނާނެ. މާތްﷲގެ ވާގިފުޅާއެކު އަޅުގަނޑު މަސައްކަތް ކުރަމުން މި އަންނަނީ މި ދެންނެވި ހަގީގަތް ގަބޫލުކޮށްގެން ހުރެ ގާނޫނު އަސާސީ ދެމެހެއްޓުމަކީ އަޅުގަނޑުގެ އެންމެ އިސް ވާޖިބުކަމުގައި ދެކި ހުރެ
އިބްރާހިމް މުހައްމަދު ސޯލިހް | ރައީސުލްޖުމްހޫރިއްޔާ

މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ މިވަގުުތު އޮތް އެންމެ ބޮޑު މައްސަލައަކީ ހުރިހާ ބާރުތަކެއް މާލެއަށް ޖަމާކޮށްފައިވުން ކަމަށެވެ. އެކަމަށް ނިމުން ގެނައުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާ ކަމަށާ އެގޮތުން ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް ރަށްރަށުގެ ކައުންސިލްތަކަށް ބާރު ދިނުމަށް ގާނޫނަށް ބަދަލު ގެނައުމަށް ހުށައަޅާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ މިހާރު ހުށައަޅާފައިވާ ބަދަލުތަކާއެކު ލާމަރުކަޒީ ނިޒާމަށް އިންގާލީ ބަދަލެއް އަންނާނެ ކަމަށެވެ.