އާލިއާ ބަޓަކީ ކުރު މުއްދަތެއްގެ ތެރޭގައި ބޮލީވުޑްގައި ވަރަށް ކާމިޔާބު ހޯދާފައިވާ ބަތަލާ އެކެވެ. އޭނާގެ ކެރިއަރުގައި މިހާތަނަށް ކުޅެފައިވާ ގިނަ ފިލްމުތައް ބޮޑު ކާމިޔާބެއް ހޯދާފައިވާއިރު އޭނާގެ އެކްޓިން ހުނަރުގެ މޮޅު ކަމުން މިހާތަނަށް ވަރަށް ގިނަ އެވޯޑްތައް ވެސް އާލިއާ ވަނީ ހޯދާފަ އެވެ.
މިހާރު އެކުވެރިއަކާއެކު ލަންޑަންގައި ޗުއްޓީ ހޭދަކުރަމުންދާ އާލިއާ މި ދުވަސްވަރު އިންޓަނޭޝަނަލް ސެލެބްރިޓީ މެނޭޖަރެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޚަބަރު ލިބެ އެވެ.
އާލިއާ ސޮއި ކޮށްފައިވާ ސަންޖޭ ލީލާ ބާންސާލީގެ "ގަންގޫބާއީ" ގެ ޝޫޓިން އަދި ނުފެށޭތީ އާލިއާ ލަންޑަނަށް ޗުއްޓީއަށް ދިޔައީ އޭނާގެ މެނޭޖަރު ވެސް ގޮވައިގެންނެވެ. އަދި މިހާރު އެމީހުން ދަނީ އާލިއާ އަށް އިންޓަނޭޝަނަލް ފިލްމުތައް ހޯދުމަށް ތަފާތު އޭޖެންޓުންނާ ބައްދަލުކޮށް މަޝްވަރާތައް ބާއްވަމުންނެވެ.
އިންޑިއާގެ ނޫހެއްގައިވާ މިރިޕޯޓުގައިވާ ގޮތުން އާލިއާ މިހާރު ބޭނުންވަނީ ބޮލީވުޑާއި ހޮލީވުޑްގައި ބެލެންސްކޮށް މަސައްކަތް ކުރާށެވެ. އަދި ހޮލީވުޑުން ލިބެން ހުރި ފުރުސަތުތައް ހޯދާ ބެލުމަށް މިއީ ވަރަށް ރަނގަޅު ވަގުތެއް ކަމަށް އާލިއާ ގަބޫލު ކުރެ އެވެ.
އައިޝްވަރިޔާ ރާއީ އާއި ޕްރިޔަންކާ ޗޯޕްރާ އަދި ދީޕިކާ ޕަދުކޯން ފަދައިން އިންޓަނޭޝަނަލް ސްޓާރަކަށް ވުމީ އާލިއާގެ ހުވަފެނެކެވެ.
އާލިއާ އާއި އޭނާގެ ލޯބިވެރިޔާ އަދި މަޝްހޫރު ފިލްމީ ބަތަލު ރަންބީރު ކަޕޫރު އަންނަ އަހަރު ކައިވެނި ކުރާ ވާހަކަތަކެއް ވެސް މި ފަހަކަށް އައިސް ދެކެވެމުން ދެއެވެ.
އާލިއާގެ އެންމެ އަވަހަށް ރިލީޒްވާޏް ހަމަޖެހިފައިވާ ފިލްމަކީ ރަންބީރު ކަޕޫރާއެކު ކުޅޭ "ބްރަހްމަޝްތުރާ" އެވެ. މި ފިލްމު ޖެނުއަރީ 2020 ގައި ރިލީޒް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.