ޑރ. އަހުމަދު އަބްދުﷲ ދީދީ

ނޯޓިހާވެސް އުއްތަމަ ފަނޑިޔާރު ހަވާލެއްނުވި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައާއި ގުޅިގެން އެ ކޮމިޝަނުން ފޮނުވި ނޯޓިހާ ހަވާލުވާން އެމަނިކުފާނު ދެކޮޅު ހައްދަވައިފި އެވެ.

ޖޭއެސްސީން މިކަން ހާމަކޮށްފައިވަނީ މިރޭ ނެރެފައިވާ ނޫސްބަޔާނެއްގައެވެ. ޖޭއެސްސީން މި ނޫސްބަޔާން ނެރެފައިވަނީ ޖޭއެސްސީގެ ލިޔުމެއް ހަވާލުކުރުމަށް ކަމަށް ބުނެ ގޮތް ނޭންގޭ މީހަކު އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް ވަންނަން މަސައްކަތްކުރި ކަމަށް ބުނެ ސުޕްރީމްކޯޓްގެ އޮފިޝަލަކާއި ހަވާލާދީ ބައެއް ނޫސްތަކުގައި ޚަބަރުފަތުރަމުންދާތީ ކަން ހިނގާދިޔަ ގޮތް ސާފުކޮށް ދިނުމުގެ ގޮތުންނެވެ.

ޖޭއެސްސީން ބުނީ އެ ކޮމިޝަނުން ބަލަމުންދާ ސުލޫކީ މައްސަލައަކާއި ގުޅިގެން އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެ ކޮމިޝަންގެ މުވައްޒިފަކު ގޮސް އެމަނިކުފާނާއި ނޯޓިސް ހަވާލުކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެގޮތުން އެ މުވައްޒިފު އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް ގޮސް، އެ ނޯޓިސް ހަވާލުކުރުމަށް މަސައްކަތް ކުރުމުން އެ ނޯޓިސްއާ އުއްތަމަ ފަނޑިޔާރު ހަވާލުވެފައި ނުވާކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

"އެގޮތުން މި ކޮމިޝަންގެ މުވައްޒަފު އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅަށް ގޮސް، ނޯޓިސް ހަވާލުކުރުމަށް މަސައްކަތް ކުރުމުން، މުވައްޒަފާ މުޚާތަބުކޮށް ތިޔައި ކޮން ފަރާތެއްތޯ އެއްސެވުމުން، އެ މުވައްޒަފު އޭނާގެ ނަން އުއްތަމަ ފަނޑިޔާރަށް ދަންނަވައި އަދި މުވައްޒަފުގެ އައިޑެންޓިޓީ ކާޑް ދައްކައި، އޭނާއަކީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ ލިޔުމެއް ހަވާލުކުރުމަށް ފޮނުވި މުވައްޒަފެއްކަން އުއްތަމަ ފަނޑިޔާރަށް ދަންނަވާފައިވެއެވެ. އެގޮތަށް މުވައްޒިފު ދެންނެވުމުން، ނޯޓިހާ ހަވާލުވެވަޑައިނުގެން އުއްތަމަ ފަނޑިޔާރު ވަނީ ގެކޮޅަށް ވެންނެވުމަށްފަހު ދޮރު ލައްޕަވާފައެވެ." ޖޭއެސްސީން ނެރުނު ބަޔާނުގައިވެއެވެ.

އެ ކޮމިޝަނުން ބުނީ އުއްތަމަ ފަނޑިޔާރާ ހަވާލުކުރުމަށް މަސައްކަތް ކުރެވުނު ނޯޓިހަކީ ޖޭއެސްސީން ބަލަމުންދާ ސުލޫކީ މައްސަލައަކާއި ގުޅިގެން ތަހުގީގު ކޮމެޓީއަށް ހާޒިރުވުމަށް ފޮނުވުނު ނޯޓިހެއް ކަމަށެވެ.

ޖޭއެސްސީން ބުނީ އުއްތަމަ ފަނޑިޔާރު އެގޮތަށް އަމަލުކުރެއްވި ނަމަވެސް ޖޭއެސްސީން ބަލަމުންދާ ސުލޫކީ މައްސަލައަކާއި ގުޅިގެން ތަހުގީގު ކޮމެޓީއަށް ހާޒިރުވުމަށް އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ އިމާރާތުގައި އުޅުއްވާ އެހެން ފަނޑިޔާރާ ނޯޓިސް ހަވާލުކުރުމުން އެ ނޯޓިހާ ހަވާލުވެވަޑައިގެންފައިވާ ކަމަށެވެ.

ސުލޫކީ މައްސަލަ ބެލުމަށްފަހު ޖަވާބުދާރީވުމަށް ތަހުގީގު ރިޕޯޓް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ފޮނުވުމުން އެއާ ހަވާލުވުމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވަނީ ދެކޮޅު ހައްދަވާފައެވެ.

އުއްތަމަ ފަނޑިޔާރާއި ޖޭއެސްސީއާ ދެމެދު މައްސަލަ ހޫނުވެފައިވާއިރު ޖޭއެސްސީއިން ދަނީ އުއްތަމަ ފަނޑިޔާރުގެ ގިނަ ސުލޫކީ މައްސަލަތަކެއް ބަލަމުންނެވެ.

އެންމެ ފުރަތަމަ ޖޭއެސްސީއިން ބަލަން ފެށީ ސުޕްރީމް ކޯޓުން ގާނޫނޫ އަސާސީއާ ހިލާފަށް ނިންމާފައިވާ ކަމަށް ބުނާ މައްސަލަތެކެވެ. އެ މައްސަލަތައް ބަލަން ފަށައި، އެ ކޮމިޝަނަށް ހާޒިރުވާން އެންގެމުން އެކަމާ ދެކޮޅު ހައްދަވައި ބަޔާނެއް ނެރުއްވި އެވެ. އެ ބަޔާނުގައި ޖޭއެސްސީއަށް ނެތް ބާރުތައް ބޭނުން ކުރާ ކަމާއި ޒިންމާއަށް ހުރަސް އަޅައި ޖުޑިޝަރީ ކޮންޓްރޯލް ހޯދަން އުޅޭ ކަމަށް އުއްތަމަ ފަނޑިޔާރު ތުހުމަތު ކުރައްވާފައިވެ އެވެ.

އެ ބަޔާނުގައި ޖޭއެސްސީއަށް ބޮޑެތި ތުހުމަތުތަކެއް ކުރުމާ ގުޅިގެން ޖޭއެސްސީއިން ވަކި ސުލޫކީ މައްސަލައެއް ބަލަން ނިންމި އެވެ. އަދި އޭގެ ފަހުން ސުޕްރީމް ކޯޓުގެ އެސްޖީއަށް ބިރު ދައްކައި އިންޒާރު ދެއްވި ކަމަށް ބުނާ މައްސަލައެއް ވެސް ޖޭއެސްސީއިން ބަލަން ފެށި އެވެ.

އެސްޖީއަށް އިންޒާރު ދިން މައްސަލަ ބަލަން ފެށުމާއެކު ވެސް އުއްތަމަ ފަނޑިޔާރު އެކަން ދޮގު ކުރައްވައި ބަޔާނެއް ނެރުއްވި އެވެ. އެ ބަޔާނުގައި ވެސް ޖޭއެސްސީއަށް އުއްތަމަ ފަނޑިޔާރު ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.