ޖޭއެސްސީ

ފަނޑިޔާރުންނާ ގުޅޭ އިތުރު 51 މައްސަލައެއް ބަލަނީ

ފަނޑިޔާރަކާއި ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މައްސަލައެއް ނުވަތަ ޝަކުވާއެއް ހުށަހެޅިއްޖެނަމަ އެއްވެސް މަޑުޖެހުމެއް، ލަސްކުރުމެއްނެތި އެ މައްސަލައެއް ބަލާނެ ކަމުގެ އިންޒާރާއެކު އިތުރު މައްސަލަތަކެއް ބަލަން ފަށައިފި އެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖޭއެސްސީގެ ގާނޫނީ ޒިންމާ އެ ކޮމިޝަނަށް ސާފު ކަމަށާއި އެގޮތުން އެކޮމިޝަނަށް މިހާތަނަށް ފަނޑިޔާރުންގެ ތަފާތު 200 މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ. އަދި މިހާރު އެ ކޮމިޝަނުން ހަތަރު ފަނޑިޔާރެއްގެ 51 މައްސަލަ ބަލަމުންދާ ކަމަށެވެ. އެ މައްސަލަތަކުގެ ތެރޭގައި ޖިންސީ ފުރައްސާރައާއި ކޮރަޕްޝަނާއި، ލިބިފައިވާ ބާރުތަކުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކޮށްފައިވާ މައްސަލަތައް ހިމެނޭ ކަމަށެވެ.

ޖޭއެސްސީ އިން ބުނެފައިވަނީ މިހާރު ބަލަމުންދަނީ ސުޕްރީމް ކޯޓުގެ އިސް ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީގެ 18 މައްސަލަ އަކާއި، ފަނޑިޔާރު އަބްދުﷲ އަރީފްގެ 14 މައްސަލައަކާއި، ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ގެ 16 މައްސަލައެއްގެ އިތުރުން ފަނޑިޔާރު އަބްދުލް ގަނީ މުހައްމަދުގެ ތިން މައްސަލަ އެކެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކުގެ ތެރޭގައި ތަކުރާރުކޮށް ރައްޔިތުންގެ މަޖިލީހާއި، ވެރިކަން ހިންގުމުގެ ބާރާއި ދަށު ކޯޓުތަކާއި، އިލެކްޝަންސް ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނާއި އަދި ޖޭއެސްސީގެ މަސައްކަތްތަކަށް ހުރަސް އެޅުމުގެ މައްސަލަތައް ހިމެނޭ ކަމަށް ޖޭއެސްސީ އިން ބުނެ އެވެ.

އދ. ގެ ހާއްސަ މަންދޫބު ގެބްރިއެލާ ނައުލް 2013 ވަނަ އަހަރު ތައްޔާރު ކުރެއްވި ރިޕޯޓާއި ދެކުނު އެފްރިކާގެ ރިޓަޔާޑް ފަނޑިޔާރު ޖޯން ކްރެގްލާ 2019 ވަނަ އަހަރު ތައްޔާރު ކުރެއްވި ރިޕޯޓްގައި ވެސް ފަނޑިޔާރުންގެ މިފަދަ މައްސަލަތަަކުގެ ކަންކަން ފާހަގަ ކުރައްވާފައިވާ ކަމަށާއި އާންމު ރައްޔިތުން މި ޝަކުވާތައް އުފުލާތާ 10 ވަރަކަށް އަހަރުވެދާނެ ކަމަށްވެސް ޖޭއސްސީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.