ޑރ. އަހުމަދު އަބްދުﷲ ދީދީ

ޖޭއެސްސީގެ ރިޕޯޓަށް ޖަވާބުދާރީވާން ޖެހޭ ގާނޫނީ އަސާސެއް ނެތް: އުއްތަމަ ފަނޑިޔާރު

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަހުގީގެއް ކުރުމަށްފަހު ފޮނުވާފައިވާ ރިޕޯޓަށް ޖަވާބުދާރީވާން ޖެހޭ ގާނޫނީ އަސާސެއް ނޯންނާނެ ކަމަށް ވިދާޅުވެ އެ ކޮމިޝަނަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ، ރައްދު ދެއްވައިފި އެވެ.

ޖޭއެސްސީއިން އުއްތަމަ ފަނޑިޔާރުގެ ގިނަ ސުލޫކީ މައްސަލަތަކެއް ދަނީ ބަލަމުންނެވެ. އޭގެ ތެރެއިން ގިނަ މައްސަލަތަކަކީ ގާނޫނީ އަސާސީއާ ހިލާފަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތައް ކަމަށް ބުނެ އެކުލަވައިލި ރިޕޯޓްގައި ހިމެނޭ މައްސަލަތަކެވެ. އެއިން މައްސަލައެއް ތަހުގީގުކޮށް ނިންމައި ޖޭއެސްސީއިން ވަނީ އުއްތަމަ ފަނޑިޔާރަށް ރިޕޯޓް ފޮނުވާފަ އެވެ.

ނަމަވެސް، އެ ތަހުގީގަށް އުއްތަމަ ފަނޑިޔާރު އެއްބާރުލުން ދެއްވާފައެއް ނުވެ އެވެ. ތަހުގީގަށް ހާޒިރުވާން އެންގި އެންގުމަކީ ބާތިލް އެންގުމެއް ކަމަށް ވިދާޅުވެ، ޖޭއެސްސީއަށް ހާޒިރުވެ ވަޑައިގަތުމަށް އުއްތަމަ ފަނޑިޔާރު އުޒުރުވެރިވަޑައިގެންނެވި އެވެ. އެކަން ހާމަ ކުރައްވައި އުއްތަމަ ފަނޑިޔާރު ބަޔާނެއް ވެސް ނެރުއްވެވި އެވެ. އެ ބަޔާނަކީ ހަގީގަތް އޮޅުވާލުމުގެ ބަޔާނެއް ކަމަށް ބުނެ ޖޭއެސްސީއިން އެ މައްސަލަ ވެސް ވަކި ސުލޫކީ މައްސަލައެއްގެ ގޮތުގައި ބަލަން ނިންމާފަ އެވެ.

ސުޕްރީމް ކޯޓުން ގާނޫނު އަސާސީއާ ހިލާފަށް ނިންމާފައިވާ 15 ކަމެއްގެ މައްސަލަ ބެލުމަށްފަހު ފޮނުވި ރިޕޯޓާ ހަވާލުވެ ވަޑައިގަތުމަށް ވެސް އުޒުރުވެރިވަޑައިގަންނަވާކަން ސިޓީއަކުން އުއްތަމަ ފަނޑިޔާރު މިހާރު ވަނީ ޖޭއެސްސީއަށް އަންގަވާފަ އެވެ.

"އަވަސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އުއްތަމަ ފަނޑިޔާރު ފޮނުއްވެވި ސިޓީގައި ރިޕޯޓާ ހަވާލުވެވެން ނެތް ސަބަބެއް ކަމަށް ވިދާޅުވެފައިވަނީ އެ ތަހުގީގަކީ ބާތިލް އިޖުރާއަތްތަކެއްގެ މައްޗަށް ބިނާކޮށް ހިންގާފައިވާ ތަހުގީގަކަށް ވުމެވެ.

ސިޓީގައި ބުނެފައިވަނީ ފަނޑިޔާރުން އެބައިމީހުންނާ މަތިކޮށްފައިވާ އަދުލު އިންސާފު ގާއިމު ކުރުމުގެ މަސްއޫލިއްޔަތުގެ ތެރެއިން ނިންމާ އެއްވެސް ބާވަތެއްގެ ނިންމުމެއްގެ މެރިޓާ ގުޅުވައިގެން ނުވަތަ އެ ނިންމުން ބިނާކުރި ޝަރުއީ އަދި ގާނޫނީ އަސާސްތަކާ ގުޅުވައިގެން އެފަދަ ނިންމުމެއް ގޯސް ކަމަށް ބުނެ ސުލޫކީ ގޮތުން ފަނޑިޔާރެއްގެ މައްޗަށް އެއްވެސް ސިފައެއްގައި ތައުދީބީ މައްސަލައެއް ބަލައިގަނެ ތައުދީބީ ފިޔަވަޅެއް އެޅުމަކީ ގާނޫނު އަސާސީ އާއި އިސްލާމީ ޝަރީއަތާ ފުށުއަރާ ކަމެއް ކަމަށެވެ. އެކަން ތަފްސީލްކޮށް ސުޕްރީމް ކޯޓުން މީގެ ކުރިން އަމުރެއް ވެސް ނެރެފައިވާ ކަމަށެވެ. ވީއިރު ޖޭއެސްސީއިން ބަލަމުންދާ ސުޕްރީމް ކޯޓުގެ ނިންމުންތަކާ ގުޅޭ މައްސަލަތައް ބެލުމުގެ އިހްތިސޯސް ޖޭއެސްސީއަށް ނޯންނާނެ ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވަނީ ބާތިލު ކަމެއްގެ މައްޗަށް ތަރައްތުބުވެގެން އަންނަ ކޮންމެ ކަމަކީވެސް އޭގެޒާތުގައި ބާތިލުކަމެއް ކަމުގައި ބުނާ ގާއިދާގެ މައްޗަށް ރިއާޔަތްކޮށް ބަލާއިރު، ތިޔަ ކޮމިޝަނުގެ ހަވާލާދެވުނު ރިޕޯޓަށް ޖަވާބުދާރީވާން ޖެހޭނެ އެއްވެސް ގާނޫނީ އަސާސެއް ނޯންނާނެކަން ހަނދުމަކޮށް އަރުވާ ކަމަށެވެ.

އޭގެއިތުރަށް ވިދާޅުވެފައިވާ ގޮތުގައި ޖޭއެސްސީއިން ހިންގާ ގައިރު ދުސްތޫރީ އަދި ގައިރު ގާނޫނީ އިޖްރާއާތުތަކަށް ތަބާވުމަކީ އެ އިޖްރާއާތު ތަކުގައި ހަގީގަތާ ހިލާފަށް ގާނޫނީ ކުލަ ޖެއްސުމަށް އެހީތެރިވެ، ވާގީއީ ހާލަތަކަށް ގާނޫނީ ބުރަދަން ދިނުންކަމުގައި މެނުވީ ނުވާނެކަމުގައި ވާތީ ޖޭއެސްސީގެ ރިޕޯޓަށް ޖަވާބުދާރީވުމަކީ ހަގީގަތުގައި ކޮށްގެން ހުންނެވި ގާނޫނީ ހުވަޔާ ހިލާފު ކަމެއްކަމުގައި މެނުވީ ނުވާނެ ކަމަށެވެ.

މިހާރު ޖޭއެސްސީއިން ކުރަމުންދާ ކަމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށާއި އެއީ އަދުލުއިންސާފަށް ހުރަސް އެޅުމުގެ އަމަލެއްގެ ގޮތުގައި ވެސް އުއްތަމަ ފަނޑިޔާރު ސިފަ ކުރައްވާފައިވެ އެވެ. އެއީ ޖޭއެސްސީގެ މެންބަރުން ފަރްދީ ގޮތުންނާއި ޖަމާއީ ގޮތުން ޖަވާބުދާރީ ކުރެވޭނެކަން ގާނޫނުއަސާސީ އެ އަސާސްތަކެއްގެ މައްޗަށް ބިނާވެގެންވާ މުހިއްމު އަސާސަތަކެއްކަން ވެސް އުއްތަމަ ފަނޑިޔާރު ސިޓީގައި ފާހަގަ ކުރައްވާފައިވެ އެވެ.