ކްރިމިނަލް ކޯޓް

ޔާމީންގެ މައްސަލަ އަލުން ބަލަން އަދި ނުނިންމާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތަށް ފަސް ގާޒީންގެ ބެންޗެއް ނަގާފައިވީ ނަމަވެސް މައްސަލަ އަލުން ބެލުމާމެދު އަދި ގޮތެއް ނިންމާފައިނުވާ ކަމަށް ކުރިމިނަލް ކޯޓުން ބުނެފި އެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ މައްސަލަ ބެއްލެވީ ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމެވެ. ނަމަވެސް ގާޒީ ހައިލަމް ވަނީ ކުއްލި ގޮތަކަށް ސަސްޕެންޑްކޮށްފަ އެވެ. ސަސްޕެންޑްކުރީ މައްސަލާގެ ހުކުމް އިއްވުމުގެ އަޑުއެހުން އޮތް ދުވަހު އެ އަޑުއެހުމުގެ ކުރިންނެެވެ.

އޭނާ ސަސްޕެންޑްކުރީ ނަސްރުގެ ދުވަހުގެ ތަހުނިޔާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނެއް ޖަހާފައިވާ ކުރެހުމަކާއެކު ކުރިމިނަލް ކޯޓުގެ އެތެރޭގެ ވައިބާ ގުރޫޕަކަށް ފޮނުއްވި މައްސަލާގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިންނެވެ.

ޖިނާއި އިޖުރާއަތުގެ ގާނޫނުގެ 152 ވަނަ މާއްދާގައި ބުނަނީ މައްސަލައެއްގެ ގާޒީއަކު އެ މައްސަލައެއް ބެލުމަށް ނުކުޅެދިއްޖެ ހާލަތެއްގައި އެ މައްސަލައެއް ދެން ކުރިއަށް ގެންދާނެ ގޮތެއް ކަނޑައަޅުއްވާނީ ހިންގުމާ ހަވާލުވެ ހުންނަވާ ގާޒީ ކަމަށެވެ. ކުރިމިނަލް ކޯޓުގައި މައްސަލަތައް ގާޒީންނާ ހަވާލު ކުރުމުގެ ބާރު ވެސް އޮންނާނީ ހިންގުމާ ހަވާލުވެ ހުންނަވާ ގާޒީއަށެވެ. ގާޒީ އަލީ ރަޝީދާ ހިންގުން ޖޭއެސްސީއިން ހަވާލުކުރީ ގާޒީ ހައިލަމް ސަސްޕެންޑް ކުރުމަށްފަހު އެވެ.

ގާޒީ އަލީ ރަޝީދު މިއަދު ނިންމާފައިވަނީ ރައީސް ޔާމީންގެ މައްސަލާގައި ފަސް ގާޒީންގެ ބެންޗެއް އެކުލަވާލާށެވެ. މިއީ މިފަހުގެ ތާރީހެއްގައި ކުރިމިނަލް ކޯޓުގައި ފަސް ގާޒީންގެ ބެންޗަކުން ބަލާ ފުރަތަމަ މައްސަލަ އެވެ. މި މައުލޫމާތު ކުރިމިނަލް ކޯޓުން ހިއްސާ ކުރުމުން ބައެއް ނޫސްތަކުން ވަނީ ރައީސް ޔާމީންގެ މައްސަލަ އަލުން ބަލަން ނިންމީ ކަމަށް ބުނެ ރިޕޯޓްކޮށްފަ އެވެ.

ނަމަވެސް ކުރިމިނަލް ކޯޓާ ހަވާލާދީ، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން މައުލޫމާތު ދިން ގޮތުގައި މިހާތަނަށް މައްސަލަ އަލުން ބެލުމަށް ނުވަތަ މައްސަލަ މިހާރު އޮތް ހިސާބުން ކުރިއަށް ގެންދިޔުމާމެދު ވެސް ވަކި ގޮތެއް ކަނޑައަޅާފައެއް ނުވެ އެވެ. އެކަމާމެދު ގޮތެއް ކަނޑައަޅާނީ މައްސަލަގެ ބެންޗުން ކަމަށް ވެސް އެ ކޯޓުން މައުލޫމާތުދެ އެވެ.

ރައީސް ޔާމީންގެ ޝަރީއަތް ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ގާޒީ އަލީ ރަޝީދާއި، ގާޒީ އަހުމަދު ޝަކީލާއި މުހައްމަދު ސަމީރާއި އަލީ އާދަމް އަދި ހުސެއިން ފާއިޒް ރަޝާދެވެ.

އެންމެ ފުރަތަމަ މައްސަލާގެ ޝަރީއަތް ފެށިއިރު ވެސް ރައީސް ޔާމީން ބެންޗަކުން މައްސަލަ ކުރިއަށް ގެންދިޔުމަށް އެދިވަޑައިގެންނެވި އެވެ. ނަމަވެސް ގާޒީ ހައިލަމް ނިންމެވީ އެކަނި މައްސަލަ ބެއްލެވުމަށެވެ. ބެންޗަކުން މައްސަލަ ބެލުމަކީ މަތީ ކޯޓުތަކުގެ ހާއްސަ ކަމެއް ކަމަށް އޭރު ގާޒީ ހައިލަމް ވިދާޅުވި އެވެ.

އާންމު ގޮތެއްގައި ބެންޗަކުން ކުރިމިނަލް ކޯޓުގައި މައްސަލަތައް ނުބަލަ އެވެ. އެންމެފަހުން ވެސް ބެންޗަކުން ބެލީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ރިޝްވަތުގެ ދައުވާގެ ޝަރީއަތެވެ. އެ ޝަރީއަތުގައި ވެސް ފަހުން ބެންޗު އުވާލި އެވެ.