ބޮލީވުޑް

ކުރީގެ ބަތަލާ ރާކީ ގުލްޒާރު އެނބުރި ސްކްރީނަށް

ރާކީ ގުލްޒާރު ގިނަ ބަޔަކު ހަނދާން ހުންނަނީ "ކަބީ ކަބީ މެރެ ދިލްމޭ ޚަޔާލު އާތާހޭ" މި ލަވައިންނެވެ. މިއީ ރާކީގެ ފިރިމިހާ ގުލްޒާރު އޭނާއަށްޓަކައި ލިޔުނު ލަވައެކެވެ. ފިލްމު "ކަބީކަބީ" ގައި މި ލަވަ ރާކީ އާއެކު ތަމްސީލު ކޮށްފައި ވަނީ އަމީތާބު ބައްޗަން އާއި ޝަޝީ ކަޕޫރެވެ.

ހިންދީ އަދި ބެންގާލީ ގިނަ ފިލްމުތަކެއް ރާކީގެ 25 އަހަރުގެ ފިލްމީ ކެރިއަރުގައި ކުޅެފައި ވެއެވެ. ރާކީ ކުޅެފައިވާ ވަރަށް ގިނަ ފިލްމުތަކަކީ ފިލްމަށް ލޯބިކުރާ މީހުންނަށް ހަނދާން ނައްތާލަން އުނދަގޫ ރީތި ފިލްމު ތަކެކެވެ.

މިހާރު އުމުރުން 72 އަހަރު ފުރިފައިވާ ރާކީ އެންމެ ފަހުން ކުޅެފައިވަނީ 2003 ގައި ނުކުތް ރީތޫޕަރްނޯ ގޯޝްގެ ބެންގާލީ ފިލްމެކެވެ. އޭނާ އެއްގޮތަކަށް ވެސް ފިލްމަކުން ނުފެންނަތާ 16 ވަރަކަށް އަހަރު ވުމަށްފަހު ރާކީ އެނބުރި އަންނަނީ ވެސް ބެންގާލީ އާއި ހިންދީ ބަހުން ތައްޔާރު ކޮށްފައިވާ ފިލްމަކުންނެވެ. އެއީ ގޯތަމް ހައިދަރްގެ "ނިރްބަން" އެވެ. މި ފިލްމު ތައްޔާރުވެ ރިލީޒް ނުކޮށް އޮންނަތާ ގިނަ ދުވަސްތަކެއް ވުމަށްފަހު ނޮވެމްބަރު 9 ވަނަ ދުވަހު ކޮލްކަތާ ފިލްމް ފެސްޓިވަލުގައި ދައްކާފަ އެވެ.

ރާކީ ބުނި ގޮތުގައި ފިލްމަކީ ވަރަށް މިހާރާ ގުޅޭ މައުލޫއަކަށް އުފައްދާފައިވާ ފިލްމެކެވެ. އަދި ހިންދީ ބަހުންނާއި ބެންގޯލީ ބަހުން މި ފިލްމަށް އަޑުއަޅާފައި ވެއެވެ. ނަމަވެސް ފިލްމު ރިލީޒް ނުކޮށް ގިނަ ދުވަސްވީ ސަބަބެއް ނުވިސްނޭ ކަމަށް ރާކީ ބުންޏެވެ.

ކަލްކަތާ ފިލްމު ފެސްޓިވަލުގައި ރާކީ ބައިވެރިވެފައިވަނީ އެއްވެސް ފިލްމީ އިވެންޓެއްގައި އޭނާ ބައިވެރިނުވާތާ ގިނަ ދުވަސްތަކަކަށް ފަހުގަ އެވެ. ރާކީ ބުނީ މި ފެސްޓީވަލް ބާއްވާތާ 25 އަހަރުވެފައި ވިޔަސް މި ނޫނީ ދުވަހަކު ވެސް އޭނާއަށް ފެސްޓިވަލަށް ދައުވަތު ލިބިފައި ނުވާ ކަމަށެވެ.

މި ފެސްޓިވަލުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވީ ޝާހްރުކް ޚާނެވެ. ރާކީ ބުނީ ޝާހްރުކްގެ މަންމަގެ ރޯލު އޭނާ "ބާޒީގަރް" އާއި "ކަރަން އަރްޖުން" ގައި ކުޅެފައިވާ ކަމަށާއި އޭރުއްސުރެ މިހާތަނާ ޖެހެންދެން ވެސް ޝާހްރުކް އަށް ބަދަލެއް ނަންނަ ކަމަށާއި ޝާހްރުކް އަބަދުވެސް އޭނާއަށް ވަރަށް އިހްތިރާމްކޮށް އޭނާ ދެކެ ލޯބިވާ ކަމަށެވެ.

މިފަހަރުގެ އިވެންޓުން ރާކީ ފެނުނު ގިނަ ބަޔަކު ބުނަނީ އޭނާގެ ސިފަޔަށް އައިސްފައި ހުރި ބަދަލުން އެއީ ރާކީ ކަން ދެނެގަންނަން ވެސް އުނދަގޫ ކަމަށެވެ. ހިންދީ ފިލްމަށް ލޯބިކުރާ ގިނަ ބަޔަކު ރާކީ ދަންނަނީ ވަރަށް ޒުވާން ރީތި ބަތަލާއެއްގެ ގޮތުގަ އެވެ. މިހާ މުސްކުޅިވެފައި ހުއްޓާ އޭނާ ފެނިފައިވަނީ ވަރަށް މަދު ބަޔަކަށެވެ.