ހަބަރު

ފުއާދު އައްޔަން ކުރަން މަޖިލީހުން ރުހުން ދީފި

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރު ކަމަށް އެ ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު އައްޔަން ކުރަން ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އީސީއަށް ފުއާދު އައްޔަން ކުރަން ރުހުން ދިނުމަށް ފާސްކުރީ މަޖިލީހުގެ މިއަދުގެ ޖަސްލާގައި އެ ކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 70 މެންބަރުންގެ އިއްތިފާގުންނެވެ.

ފުއާދު އައްޔަން ކުރަން ރުހުން ލިބުމަށް ބޭނުންވާ ވަރަށް ވޯޓު ހަމަވުމުން އެހެން ނަމަކަށް ވޯޓަކަށް ނާހަ އެވެ. ފުއާދުގެ އިތުރުން އީސީގެ ނައިބު ރައީސް އަމްޖަދު މުސްތަފާއާއި ވެސް ތަޅުމަށް ފޮނުވި އެވެ.

އީސީގެ މެންބަރު ކަމަށް 10 ބޭފުޅަކު ވަނީ ކުރިމަތިލެއްވިއިރު، އޭގެ ތެރެއިން މަޖިލީހަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވީ ހަތަރު ބޭފުޅެއްގެ ނަމެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މި ހަތަރު ބޭފުޅުންގެ ނަން ދިރާސާ ކުރުމަށް ފަހު، ކޮމިޓީން ވެސް އެންމެ ގިނަ މާކްސް ދެއްވީ ފުއާދަށެވެ.

ފުއާދަކީ މީގެ ކުރިން ވެސް އީސީގެ މެންބަރު ކަން ކުރެއްވި ބޭފުޅެކެވެ. އެ ގޮތުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އޭނާ ހުންނެވީ އެ ކޮމިޝަންގެ ރައީސް ކަމުގަ އެވެ.

އެ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު އޮޅުވާލި ކަމުގެ ތުހުމަތު ކުރެވުނެވެ. އެ މައްސަލާގައި ފުއާދަށް ވެސް ބައެއް ތުހުމަތުތައް ކުރެވުނެވެ. ނަމަވެސް ފުއާދު އޭރު އެ ތުހުމަތުތައް ދޮގު ކުރެއްވި އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން އުވާލި އެވެ. އަދި ފަހުން ވެސް އެ ބުރު ބޭއްވުމުން އައިސްފައި ވަނީ އެއް ނަތީޖާއެކެވެ.

އީސީގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލީ އެ ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާގެ ދައުރު އަންނަ މަހުގެ 24 ވަނަ ދުވަހު ހަމަވާތީ އެވެ. އެހެންކަމުން އަމްޖަދުގެ މަގާމު އެ ދުވަހު ގެއްލޭނެ އެވެ.