އާމިރު ޚާން

ސަލްމާނާއެކު ފިލްމު ނުކުޅެން އާމިރު ނިންމީ ގަޑިޖެހޭތީ

ސަލްމާން ޚާނާއި އާމިރު ޚާން އެކުގައި ކުޅުނު "އަންދާޒް އަޕްނާ އަޕްނާ" ރިލީޒް ކުރިތާ 25 އަހަރު ފުރުން ދާދިފަހުން ވަނީ ފާހަގަ ކޮށްފަ އެވެ. މި ފިލްމަކީ ވަރަށް މޮޅު އެހާމެ ކާމިޔާބު ފިލްމެކެވެ. ޚާއްސަކޮށް އާމިރު އާއި ސަލްމާން ފިލްމުގައި އަދާކޮށްފައިވާ ރޯލަށް ގިނަ ބަޔަކު ވަރަށް ބޮޑު ތަރުހީބެއް ދީފައި ވެއެވެ. އަދި މި ދެ ތަރިން އެކުގައި އިތުރު ފިލްމުތަކެއް ކުޅުމަކީ މި ދެ އެކްޓަރުންގެ ފޭނުން އަބަދުވެސް އެދެމުން އަންނަ ކަމެކެވެ.

ނަމަވެސް "އަންދާޒް އަޕްނާ އަޕްނާ" އަށް ފަހު ސަލްމާނާއެކު ފިލްމެއް ކުޅެން އާމިރު ތައްޔާރެއް ނޫނެވެ. ސަބަބަކީ އޭނާ މާ ލަހުން ޝޫޓިންގްތަކަށް އަންނާތީ އެވެ.

މި ފިލްމު ކުޅުނު ދުވަސްވަރު ސަލްމާން އާއި އާމިރަކީ ވަރަށް ޒުވާން އަދި ފިލްމީ ދުނިޔެއަށް ވަރަށް އާ ދެ ތަރިންނެވެ. ނަމަވެސް އޭރުވެސް ސަލްމާން އުޅެނީ މިހާރުވެސް އުޅޭ ގޮތަށެވެ. ފިލްމު ޝޫޓިންތަކަށް ހާޒިރުވަނީ ކަނޑައެޅިފައި އޮންނަ ގަޑީގެ އެތައް ގަޑިއެއްގެ އިރު ފަހުންނެވެ. ނަމަވެސް އާމިރު އެއާ މުޅިން ތަފާތެވެ. އޭރު ވެސް އާމިރަކީ ވަރަށް ފުރިހަމައަށް ކަންކަން ކުރަން ލޯބިކުރާ އެކްޓަރެކެވެ. އެހެންވެ ފިލްމު ޝޫޓިންގް އަށް ވެސް ބުނެފައި އޮންނަ ގަޑިއަށް ވުރެ މާ ކުރިން އޭނާ ހާޒިރުވެ އެވެ.

ސަލްމާން މާ ލަހުން ޝޫޓިންގް އަށް އައުމަކީ އާމިރު ވަރަށް ރުޅި އަންނަ ކަމެކެވެ. އެހެންވެ "އަންދާޒް އަޕްނާ އަޕްނާ"ގައި ތަޖުރިބާ ކުރަން ޖެހުނު ކަންތައްތަކަށް ބަލައި އިތުރު ފިލްމެއް ސަލްމާނާއެކު ނުކުޅެން އާމިރު ވަނީ ނިންމާފަ އެވެ.

"އަންދާޒް އަޕްނާ އަޕްނާ"ގެ ޑައިރެކްޓަރު ރާޖް ކުމާރު ސަންތޯޝީ އަށް އެފިލްމު ނިންމާލެވިފައިވަނީ ތިން އަހަރުންނެވެ. ސަބަބަކީ އެ ފިލްމުގައި ބައިވެރިވި ބަތަލާ އިން ކަމަށްވާ ކަރިޝްމާ ކަޕޫރާއި ރަވީނާ ޓަންޑަން އަދި ސަލްމާން ބިޒީ ކަމުން އެ ފިލްމަށް ދެވުނު ވަގުތު މަދުވެގެންނެވެ.

މި ދުވަސްވަރު ސަލްމާން އުޅެނީ ސޮނާކްޝީ ސިންހާ އާއެކު ކުޅެފައިވާ "ދަބަންގް 3" ޕްރޮމޯޓް ކުރުމުގަ އެވެ. އާމިރު އުޅެނީ "ލާލް ސިންގް ޗައްޑާ" ގެ މަސައްކަތުގައި އަވަދިނެތި އެވެ. މި ފިލްމުގައި މެހެމާން ރޯލަކުން ސަލްމާން ފެނިދާނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައި ވެއެވެ.