ހަބަރު

ތައިލެންޑުގެ ތަންޔަޕުރާ ހެލްތު ރިސޯޓުގެ ހިދުމަތްތައް ކިޔައިދީފި

ތައިލެންޑުގެ ތަންޔަޕުރާ ހެލްތު އެންޑް ސްޕޯޓްސް ރިސޯޓުން ދޭ ހިދުމަތްތައް ކިޔައި ދޭން މާލޭގައި ސެމިނާއެއް ބާއްވާ މިއަދު އެ މައުލޫމާތުތައް ހިއްސާކޮށްފި އެވެ.

ހޮޓެލް ޖެންގައި މިއަދު ބޭއްވި މި ކޮންފަރެންސްގައި މެޑިކަލް ޓޫރިޒަމަށް ހާއްސަ އެ ރިސޯޓުން ދޭ ހިދުމަތްތަކުގެ މައުލޫމާތު ދެއްވީ އެ ރިސޯޓުގެ ސީނިޔަ ބައެއް ޑޮކްޓަރުންނާއި އޮފިޝަލުންނެވެ. މި ސެމިނާގައި އެ ރިސޯޓުގެ ތިން ބޭފުޅަކު ބައިވެރިވެ ވަޑައިގަތެވެ.

ތަންޔަޕުރާ ހެލްތު އެންޑް ސްޕޯޓްސް ރިސޯޓުގެ ކޯޕްރޭޓް ހެލްތު އެންޑް ލައިފްސްޓައިލް މެނޭޖާ ޑރ. ދިޕާލީ ކަޕަހީ ވިދާޅުވީ އެ ރިސޯޓާ ގުޅޭ ސެމިނާއެއް ރާއްޖޭގައި ބޭއްވީ އެ ރިސޯޓުގެ ސިއްހީ ހިދުމަތް ހޯދަން ދާ ދިވެހިންގެ އަދަދު އިތުރުވުމާ ގުޅިގެން ކަމަށެވެ. އަދި ދިވެހިންގެ ތެރެއިން ޗުއްޓީ އަށް ބެންކޮކަށް ދާ މީހުންގެ ސިއްހީ ކަންކަމުގައި އެހީތެރިވެ ދިނުމަކީ އެ ރިސޯޓުގެ އަމާޒަކަށް ވާތީ ކަމަށެވެ.

އެގޮތުން ދިވެހިންނަށް އާސަންދަ މެދުވެރިކޮށް ބޭސްފަރުވާގެ ހިދުމަތް އެ ރިސޯޓުން ލިބޭނެ ގޮތް ހަދަން އާސަންދައާ މަޝްވަރާ ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މީގެ ކުރިން ވެސް އަޅުގަނޑުމެން މަސައްކަތް ކުރީ ރާއްޖޭގައި. އޭރު ވެސް ވަރަށް ގިނައިން އާދޭ ހަކުރު ބަލީގެ މީހުންނާއި ކްރޯނިކް ހާޓް ޑިސީސަސް ހުންނަ މީހުނާއި މިހެން ގޮސް އެކި ބަލިތަކުގެ މީހުން. ހަގީގަތުގަ ރާއްޖޭގެ މި ފަދަ ގިނަ ބަލި ތަކަށް އެކަށީގެންވާ ފަރުވާއެއް ނުލިބޭ. އެހާގިނަ ފެސިލިޓީސްއެއް ނުހުރޭ. އެހެންވެ، ދިވެހިން ޗުއްޓީއަށް ބެންކޮކަށް ދާއިރު ޑޮކްޓަރަށް ދައްކަން ބޭނުންވޭ. އެހެންވީމަ އަޅުގަނޑުމެންގެ މި ރިސޯޓުން ހާއްސަ އަގު ތަކެއް ވެސް ހުންނާނެ ދިވެހިންނަށް ހާއްސަކޮށް،" އޭނާ ވިދާޅުވި އެވެ.

ތަންޔަޕުރާ ރިސޯޓުން މިއަދު ބޭއްވި ސެމިނާއަށް ދިޔަ މީހުންގެ މެދުގައި ގުރުއަތެއް ނަގައި، ތިން ރޭ އަދި ހަތަރު ދުވަސް ހިމެނޭ ޕެކޭޖެއް ދީފައިވެ އެވެ. މި ދަތުރު ލިބޭ ފަރާތަށް އެ ރިސޯޓުގެ އެކި އެކި ހިދުމަތްތަށް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ލިބޭނެ އެވެ.

ތަންޔަޕުރާ ހެލްތު އެންޑް ސްޕޯޓްސް ރިސޯޓް ހުންނަނީ، ބެންކޮކްގެ ޕުކެޓުގެ ނެޝަނަލް ފޮރެސްޓް އާއި ޖެހިގެންނެވެ.