ސަލްމާން ހާން

މަސައްކަތް މަދުކުރަން ސަލްމާން ވިސްނަނީ

ފިލްމީ މަސައްކަތް މާ ބާރު ސްޕީޑްގައި ކުރަމުން ދާތީ ފިލްމުތަކުގެ އޮއްޓަރު ދެރަ ކަމަށް ގަބޫލު ކުރެވިގެން ފިލްމީ މަސައްކަތް މަދުކުރަން ސަލްމާން ޚާން ގަސްތުކޮށްފި އެވެ.

ކުޅޭ ފިލްމުތައް މަދު ކުރުމަށް ފަހު ސަލްމާން ބޮޑަށް ފޯކަސް ކުރަން ގަސްތު ކުރަނީ އޭނާ ކުޅޭ މަދު ފިލްމުތަކުގެ އޮއްޓަރު ރަނގަޅުކޮށް މޮޅު ފިލްމުތައް އުފެއްދުމަށެވެ. މިއީ ވަރަށް ކުރިއްސުރެ އާމިރު ޚާން ގެންގުޅެމުން އައިސްފައިވާ އުސޫލެކެވެ.

ސަލްމާންގެ ވިސްނުން ބަދަލުވީ 2018 ގައި ނުކުތް އޭނާގެ "ރޭސް 3" އަށް ކްރިޓިކްސް އާއި ބެލުންތެރިން ކިޔާފައިވާ އެއްޗެތީގެ ސަބަބުންނެވެ. ސަންޖޭ ލީލާ ބާންސާލީގެ "އިންޝާﷲ" ގައި ބައިވެރިވާން ސަލްމާން ނިންމީ ވެސް މި ސަބަބާ ހުރެ އެވެ. ނަމަވެސް ބާންސާލީ އާއި ސަލްމާންގެ މެދުގައި ޖެހުނު މައްސަލައަކާ ހުރެ މި ފިލްމު ފެށޭގޮތެއް ނުވި އެވެ.

މިހާރު އޭނާ ކުޅެމުންދާ "ރާދޭ" އަކީ ބާންސާލީގެ ފިލްމު ހުއްޓުމުން ފެށި ފިލްމެކެވެ. މި ފިލްމުގެ ކޮންޓެންޓް ރަނގަޅު ކުރުމަށް ވެސް ސަލްމާން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެއެވެ.

ޕްރޮޑިއުސަރު ސާޖިދު ނަދިއަދްވާލާ އާއެކު "ކިކް 2"ގެ މަސައްކަތް ސަލްމާން ވަރަށް އަވަހަށް ފަށަން ހަމަޖެހިފައިވާއިރު އެ ފިލްމަކީ ވެސް ކޮންޓެންޓްގެ ގޮތުން ވަރަށް ރަނގަޅު ފިލްމަކަށް ހެދުމުގެ މަޝްވަރާތައް މިހާރުވެސް ސަލްމާން ދަނީ ޕްރޮޑިއުސަރާއި އެ ނޫން ވެސް ފިލްމާ ގުޅުން ހުރި މީހުންނާއެކު ކުރަމުންނެވެ.

އެހެންކަމުން ކުރިޔަށް އޮތް ދުވަސްތަކުގައި ސަލްމާންގެ ފިލްމުތައް ބެލުންތެރިންނާ ހަމަޔަށް އަންނަލެއް މަދުވާނެކަމަށް ބެލެވެ އެވެ. ނަމަވެސް އޭނާގެ ފޭނުންނަށް އޮތް އުފާވެރި ޚަބަރަކީ ސަލްމާން ކުޅޭ ފިލްމުތައް މިހާރަށް ވުރެ މޮޅުވާނެކަމުގެ އުންމީދެވެ.