ނުވަ ވަނަ ފިލްމު އެވޯޑްސް ހަފުލާ މިރޭ އޮންނާ އެވެ. ހަފުލާއަށް ވަގުތު ކުޑަތަންވަމުންދާއިރު އެވޯޑްސްގެ މުހިންމު ކެޓަގަރީތަކުން ވާދަކުރާ ތަރިންގެ ނަންތައް ވަނީ ޔަގީންވެފަ އެވެ. މޮޅު ފިލްމަށް ވާދަކުރާ ފަސް ފިލްމު ވެސް ވަނީ އިއުލާނު ކޮށްފަ އެވެ.
ކޮންމެ އަހަރެއްގެ ވެސް ފިލްމް އެވޯޑަށް ފާޑުކިޔާ ބަޔަކު އުޅެއެވެ. ފިލްމް އެވޯޑްސްގެ އިންސާފުވެރި ކަމާމެދު ސުވާލު އުފައްދާ މީހުން އުޅެ އެވެ. ފިލްމުތަކަށް އިންސާފުކުރާ ފަނޑިޔާރުން ޒާތީ ވެގެން ކަންކަން ނިންމާ ކަމަށް ތުހުމަތު ކުރެއެވެ. އެކަންކަން ކުރަމުންދަނީ ބައެއް ޑައިރެކްޓަރުންނެވެ. އަދި ބައެއް އެކްޓަރުންނެވެ.
ބައެއް ފަހަރު ވަކި ފިލްމަކުން އެކްޓަރުންނަށް އެވޯޑް ނުލިބިގެން އެއީ އިންސާފު ނޫން ކަމަށް ބުނެއެވެ. އަދި ބައެއް ފިލްމުތަކަށް ލިބޭ އެވޯޑް މަދުވެގެން ވެސް އެއީ ބޭއިންސާފެއް ކަމަށް ބުނެއެވެ.
މިފަހަރުގެ ފިލްމު އެވޯޑްސްއާ ގުޅިގެން ވެސް މިފަދަ ވާހަކަތައް ދަނީ ފެތުރެމުންނެވެ. ފަނޑިޔާރުންތިބީ ޒާތީވެފައި ކަމަށް ދަނީ ބުނަމުންނެވެ.
މިފަހަރުގެ ފިލްމު އެވޯޑުގައި ފިލްމުތަކަށް އިންސާފު ކޮށްފައި ވަނީ ދާއިރާއިން ތައުލީމު ހާސިލް ކުރައްވާފައިވާ ހަތް ބޭފުޅެކެވެ.
އެއީ ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ) އާއި އައިމިނަތު ނަޖީބާއި ފާތުމަތު ލީޒާ އާއި އައިމިނަތު އިނާސް އާއި އަހުމަދު އަހުސަނާއި ނޫރާ އިބްރާހިމް ޒާހިރު އަދި ޝާރިފް އަލީ އެވެ.
ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ) ވިދާޅުވީ ފިލްމުތަކަށް އިންސާފު ކުރެވޭނެ ގޮތް ލިޔުމުން ބަޔާން ކޮށްފައިވާ ކަމަށާ އެކަމާއި ގުޅޭ އުސޫލެއް އޮތީ އެކުލަވާލާފައި ކަމަށެވެ. އަދި އުސޫލުތަކާއި ޚިލާފަށް އެއްވެސް ފަނޑިޔާރަކު އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.
ޓެޑްރީ ވިދާޅުވީ އެއްވެސް ފަނޑިޔާރަކަށް ނަތީޖާ ބަދަލު ނުކުރެވޭނެ ކަމަށާ އަދި ނުފޫޒު ފޯރުވުމުގެ ފުރުސަތު ވެސް ފަނޑިޔާރަކަށް ނޯންނާނެ ކަމަށެވެ.
"އުސޫލާ ޚިލާފު އެއްވެސް ކަމެއް ކޮށްފައެއް ނުވާނެ އެއްވެސް ޖޫރީއަކު. ކޮންމެ ފިލްމެއް ވެސް މި ބަލަނީ ހުރިހާ މެންބަރުންގެ ހާޒިރުގައި. އަދި އޭގެ ފަހުން ފަނޑިޔާރުންނަށް ފެނުނު އެއްޗަކާމެދު އިލްމީ ނަޒަރަކުން އެބަ ވާހަކަ ދައްކަން ހޭދަކުރަން ތިރީސް މިނެޓް. އެ ހުރިހާ ކަމެއް އޮޑިޓްފާމުން ދާނީ ބަލަމުން އަދި ނޯޓް ކުރަމުން. އަދި ހުރިހާ ކެޓަގަރީތަކެއް ފައިނަލް މި ކުރަނީ ވެސް ހުރިހާ ފަނޑިޔާރުން މަޝްވަރާ ކުރުމަށްފަހު. އެ ހާލަތުގައި ކުރިން ދެއްކި ވާހަކަތަކާއި ޚިލާފަށް ވާހަކައެއް ދެކެވޭ ނަމަވެސް އޮޑިޓަރުންނަށް އެކަން ވެސް އެނގޭނެ. އެހެންވީމަ ނަތީޖާ ބަދަލު ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ. އަދި ވަކި ފަނޑިޔާރަކަށް ނުފޫޒު ފޯރުވޭނެ އެއްވެސް ގޮތެއް ނޯންނާނެ." ޓެޑް ވިދާޅުވި އެވެ.
ޓެޑްވަނީ ފިލްމުތަކަށް އިންސާފު ކުރުމުގައި އެއްވެސް ގޯހެއް ހަދާފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ.
ފިލްމް އެވޯޑްސްގައި ވާދަކުރާ ފިލްމުތައް
- ނޭދެން ވަކިވާކަށް - 2017
- ވިޝްކާ - 2017
- ރޭވުމުން - 2018
- މީ ލޯތްބަކީ - 2017
- ބޮސް - 2017
- ތިޔަ - ލޯތްބާ ދުރަށް 2018
- ނޯޓީ ފޯޓީ - 2017
- އިލްނޮއިސް - 2017
- ހައްދު - 2017
- ކަނޑު - އިބިލީސް 2018
- މަލިކާ - 2017
- ދެވަންސޫރަ - 2018
ފިލްމު އެވޯޑްސް ހަފްލާ އޮންނާނީ މި ރޭ 9:00 ގައި އޮލިންޕަހުގަ އެވެ. މި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.