ހަބަރު

ޝަހީބް މީޑިއާގެ ތަމްރީނު ކޯސް ނިންމާލައިފި

Nov 15, 2019

ޝަހީބް މީޑިއާގެ ނޫސްވެރިން ތަމްރީނު ކުރުމުގެ ކޯސް ނިންމާލައި ބައިވެރިންނަށް ސެޓްފިކެޓް ދީފި އެވެ.

ރޭ އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގައި ބޭއްވި ރަސްމިއްުޔާތެއްގައި ކޯސް ފުރިހަމަ ކުރި 23 ދަރިވަރަކަށް ވަނީ ސެޓްފިކެޓް ދީފައި ވެއެވެ.

ސާދަ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔަ އަސާސީ ތަމްރީނުތަކުގެ އެ ކޯހުގައި ކިޔައި ދެއްވީ ރާއްޖޭގެ ނޫސްވެރިކަމުގައި މަސައްކަތްކުރި، އަދި މިހާރު ވެސް މަސައްކަތުގައި ތިއްބެވި ތަޖުރިބާކާރު ނޫސްވެރިންނެވެ.

ސެޓްފިކެޓް ދޭން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަހީބް މީޑިއާގެ ސީއީއޯ މުހައްމަދު ޝަހީބު ވިދާޅުވީ، ކޯސް ކުރިޔަށް ގެންދިޔައީ ނޫސްވެރިކަމުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ފަސޭހަ ވާނެ ގޮތްތަށް ބަލައިގަނެގެން ވަށާޖެހޭ އުސޫލަކަށް ކަމަށެވެ. އަދި ކޯހުގެ ބައިވެރިންނަށް ހަބަރު ދެނެގެންނާނެ ގޮތާއި، ހަބަރު ލިޔާނެ ގޮތާއި، އަދި ފީޗާ ރިޕޯޓު ލިޔާނެ ގޮތް ދަސްކޮށްދެވިފައިވާނެ ކަމަށެވެ.

މި ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފައިވަނީ ކޯހުގައި ކިޔަވައިދިން ލެކްޗަރުންނެވެ. އޭގެ ތެރޭގައި ބްރޯޑްކޮމްގެ ކުރީގެ ރައީސް މުހައްމަދު ޝަހީބާއި އަވަސް ނޫހުގެ ޗީފް އެޑިޓަރު މުންޑޫ އާދަމް ހަލީމާއި، މިހާރު ނޫހުގެ މެނޭޖިން އެޑިޓަރު އިސްމާއިލް ނަސީރާއި އިމާދުލަތީފު ހިމެނި ވަޑައިގަންނަވަ އެވެ.