މިފްކޯ

"ފަސްމީރު"ގެ އާ އުފެއްދުންތަކެއް ތައާރަފުކޮށްފި

މިފްކޯއިން ފަސްމީރު ބްރޭންޑުގެ އާ އުފެއްދުމެއް ރާއްޖޭގެ ބާޒާރަށް ތައާރަފު ކޮށްފި އެވެ.

ސަރުކާރުގެ މަސް ކުންފުންޏަށް 26 އަހަރު ފުރުން ފާހަގަ ކުރަން ފަރުކޮޅުފުށީގައި ރޭ ބޭއްވި ހަފުލާގައި އެ ކުންފުނީގެ "ފަސްމީރު" ބްރޭންޑުގެ ދަށުން ތައާރަފު ކޮށްފައި ވަނީ ދަޅު މަހުގެ އާ ދެ ބާވަތަކާއި ޕައުޗް ނުވަތަ ޕެކެޓް މަހުގެ ދެ ސައިޒެކެވެ.

ފަސްމީރު ދަޅު މަހުގެ ސީރީޒަށް އަލަށް ތައާރަފު ކޮށްފައި ވަނީ ހިކި މިރުހާއެކު ހުންނަ ޗަންކް ކަނޑު މަސް ތެޔޮ އެޅި ދަޅު މަހާއި އަސޭ މިރުސް އަޅާފައި ހުންނަ ދަޅު މަހެވެ. މީގެ އިތުރުން ދެން ތައާރަފު ކޮށްފައި ވަނީ އެއް ކިލޯގެ ޕައުޗް މަސް ޕެކެޓާއި 500 ގްރާމުގެ ޕައުޗް ޕެކެޓެވެ.

މި ފަހަރު ތައާރަފު ކުރި ދަޅު މަހަކީ ކުޅިކޮށް ކާ މީހުންނަށް ހާއްސަ އުފެއްދުމެކެވެ. އަދި ޕައުޗް ޕެކެޓަކީ ރެސްޓޯރެންޓް އަދި ކެފޭ ތަކާއި ގޭގޭގައި ވެސް ގިނަ ދުވަހު ބޭނުން ކޮށްލެވޭ ގޮތަށް މޮޅު ޕެކިންގައި ބަންދުކޮށްފައިވާ އުފެއްދުން ތަކެކެވެ.

ފެލިވަރު "ފަސްމީރު" ބްރޭންޑުގެ ދަޅު މަހަކީ ރާއްޖޭގައި އެންމެ މަގުބޫލު އެއް އުފެއްދުމެވެ. އަދި މި އުފެއްދުން އެ ކުންފުނިން ދަނީ ދުނިޔޭގެ ބޮޑެތި ސުޕަ މާކެޓުތަކުގައި ވެސް ވިއްކަމުންނެވެ.