ބޮލީވުޑް

"ބާލާ"ގައި ބޫމީގެ ކެރެކްޓާއަށް ފާޑު ކިއުންތައް

ބޮލީވުޑް ފިލްމުތަކުގައި ކަޅާއި ދޮނުގެ ތަފާތު ކުރުންތައް ބޮޑުކަމުގެ ޝަކުވާ އަބަދުވެސް ގިނަ ބަޔަކު ކުރެ އެވެ. އެންމެ ފަހުން މި ވާހަކައިގެ އަޑު ގަދަވީ މީގެ ހަފުތާއެއްހާ ދުވަސް ކުރިން ނުކުތް އަޔުޝްމާން ކުރާނާގެ "ބާލާ" ގައި ބޫމީ ޕަޑްނޭކަރް ކުޅުނު ކެރެކްޓާގެ ސަބަބުންނެވެ.

އަބަދުވެސް ފިލްމުތަކަށް ނަގަން ބޭނުންވަނީ ދޮން އަންހެން ކުދިންނެވެ. ރީތީ ދޮންވީމަ ކަމަށް ދެކޭ މީހުން ގިނަ ވީމަ އެވެ.

"ބާލާ"ގައި އަޔުޝްމާން އަކީ ވެސް ދޮންވާން ބޭނުންކުރާ ޕްރޮޑަކްޓްތައް އުފައްދާ ކުންފުންޏެއްގައި މަސައްކަތް ކުރާ މީހެކެވެ. އެ ކުންފުނިން ބާއްވާ ސެމިނާ ގައި އޭނާ ވެސް އަންހެނުންނާ މުޚާތަބު ކުރަނީ "ކާންޕޫރުގެ ކަޅު އަންހެނުން" މިގޮތަށެވެ.

ފިލްމުގައި ގިނަ ބަޔަކަށް އެންމެ އަޅައިގަތީ ބޫމީގެ ރޯލެވެ. ބޫމީ ކުޅެފައިވަނީ ވަރަށް ކަޅު އަންހެންކުއްޖެއްގެ ރޯލެވެ. ގިނަ މީހުންނަށް މިކަން މައްސަލައަކަށްވީ ބޫމީ އަކީ ހަގީގަތުގައި ވަރަށް ދޮން އެކްޓަރަކަށް ވެފައި އޭނާ ލައްވާ މި ރޯލު ކުޅުވަން ކަޅު މޭކަޕް ކުރުވާފައި ވާތީ އެވެ. އޭގެ ބަދަލުގައި ހުނަރު ވެރި ހަގީގަތުގައި ވެސް ގައިގެ ކުލަ ތަންކޮޅެއް އަނދިރި ބަތަލާއަކަށް މި ރޯލު ދިނުން މާ ރަނގަޅުވީސް ކަމަށް މި ފިލްމާ ހިތްހަމަނުޖެހޭ މީހުން ބުނެފައި ވެއެވެ.

ކަޅު މީހެއްގެ ރޯލު ވެސް ކުޅެން ޖެހެނީ ކަޅު މޭކަޕް ކޮށްގެން ނަމަވެސް ދޮން މީހެކެވެ. މިއީ ބެލުންތެރިންނަށް އެހާ ބަލައިގަންނަން ފަސޭހަ ކަމަކަށް ނުވި އެވެ. "ބާލާ" ފިލްމެއްގެ ގޮތުގައި މޮޅެވެ. އަދި ބޫމީގެ ކެރެކްޓާ އަކީ ފިލްމުގައި ވެސް ހިމެނޭ އެންމެ ވަރުގަދަ ކެރެކްޓާ އެވެ.

ބުމީ ލައްވާ ކަޅު ކުއްޖެއްގެ ކެރެކްޓާ ކުޅުވުން މީހުންނަށް ބަލައި ނުގަނެވޭ އެންމެ މުހިއްމު އެއް ސަބަބަކީ ފިލްމުގައި އޭނަ ތަމްސީލު ކުރަނީ ކަޅު ހަމަކާއެކު އުފަންވެފައިވާ އެތައް މިލިއަން އަންހެން ކުދިންނެކެވެ. ނަމަވެސް ބޫމީ އަށް ހަގީގަތުގައި މި އަންހެންކުދިން ތަމްސީލެއް ނުކުރެވޭނެ އެވެ. ސަބަބަކީ އޭނާ އަކީ އުފެދުމުގައި ކަޅު މީހަކަށް ނުވާތީ އެވެ. ކަޅު މީހެއްގެ ދިރިއުޅުން ބޫމީ ދިރިއުޅެފައެއް ނެތެވެ. އެ އިހްސާސްތައް ހަގީގަތުގައި އޭނާއަށް ނޭނގޭނެ އެވެ. އޭނާ ކަޅު މީހަކަށް ހެދިފައިވަނީ މޭކަޕް ކޮށްގެންނެވެ.

ދޮން މީހަކު ކަޅު މީހަކަށް ހެދިގެން ކަޅު މީހުން ތަމްސީލުކުރުމުން މިވަނީ ކޯޗަކަށް ހެއްޔެވެ؟ ހަމަ ގައިމުވެސް ފިލްމުން ދޭން ބޭނުންވާ މެސެޖެއް ނުދެވޭނެ އެވެ.

މިފަދަ އެހެން ބައެއް ފިލްމުތައް ވެސް ބޮލީވުޑުން ވަރަށް ފަހުން ރިލީޒްކޮށްފައި އެބަހުއްޓެވެ. މިސާލަކަށް "ސުޕާ 30"ގައި ރިތިކް ރޯޝަންގެ ކެރެކްޓާ އެވެ. ރިތިކް ވެސް އެ ފިލްމުގައި ހުންނަނީ ކަޅު މޭކަޕްކޮށްގެން ގައިގެ ކުލަ އަނދިރިކޮށްފަ އެވެ. އެއީ ހަގީގީ މީހެއްގެ ވާހަކައަކަށް ވާތީ އެމީހާގެ ގައިގައި ހުންނަ ކުލަ ޖެހެންވެގެންނެވެ.

"އުޅްތާ ޕަންޖާބު"ގައި އާލިއާ ބަޓްގެ ކެރެކްޓާ އަކީ ވެސް ކަޅު އަންހެންކުއްޖެއްގެ ކެރެކްޓާއެކެވެ. އެހެންވެ އޭނާވެސް މި ފިލްމުގައި ހުންނަނީ ކަޅު މޭކަޕް ކޮށްގެންނެވެ. މިއީ މައްސަލައެއް ކަމަށް ދެކޭ މީހުން ބުނަނީ ކަޅު މީހެއްގެ ކެރެކްޓާ ކުޅެން ކަޅު އެކްޓަރުންނާ ހަވާލުކުރުން މާ ރަނގަޅުވާނެ ކަމަށެވެ.