ބޮލީވުޑް

"ބޫލް ބުލައްޔާ 2" ގައި ތާބޫ ހިމަނައިފި

ކާރްތިކް އާރްޔަން އާއި ކިއާރާ އަދުވާނީ ލީޑް ރޯލު ކުޅޭ "ބޫލް ބުލައްޔާ 2" އިއުލާން ކުރުމުން މި ދެ ތަރިންގެ ފޭނުންތައް ވަރަށް އުފަލުން އުޅެފައި ވެއެވެ. މިއީ ގިނަ ބަޔަކަށް ވަރަށް ކަމުދިޔަ ފިލްމެއް ކަމަށްވާ "ބޫލް ބުލައްޔާ"ގެ ސީކުއަލް އަކަށް ވެފައި ވަރަށް ތާޒާ އެހާމެ ހިތްގައިމު ޖޯޑެއް ފިލްމުގެ ލީޑް ރޯލުން ފެންނާތީ އެވެ.

މިހާރު ފިލްމުގެ ޝޫޓިން ފެށިގެން ކުރިޔަށް ދާއިރު ވަރަށް ހުނަރުވެރި ބަތަލާއެއް ކަމަށްވާ ތައްބޫ ވެސް މި ފިލްމުގެ ކާސްޓާ ގުޅިފައިވާ ކަމަށް ފަހުގެ ޚަބަރުތައް ބުނެ އެވެ.

"ބޫލް ބުލައްޔާ 2" ގައި އެންމެ މުހިއްމު ރޯލެއް ކުޅެނި ވެސް ތައްބޫ ކަމަށް ވެއެވެ. ތައްބޫގެ ބައި ޝޫޓްކުރަން ހަމަޖެހިފައިވަނީ ޖެނުއަރީން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ ޝެޑިއުލްގަ އެވެ. މި ޝެޑިއުލްގެ ޝޫޓީން ކުރިޔަށް ގެންދާނީ ލަންޑަނާއި ރާޖަސްތާނުގައެވެ.

"ބޫލް ބުލައްޔާ 2"ގެ ފުރަތަމަ ފިލްމު "ބޫލް ބުލައްޔާ"ގައި ލީޑް ރޯލު ކުޅެފައިވަނީ އަކްޝޭ ކުމާރާއި ވިދްޔާ ބާލަން އެވެ. ކުރީގެ ފިލްމަކީ ސައިކޮލޮޖިކަލް ތުރިލާ އެކެވެ. އަދި މިފަހަރުގެ ފިލްމުގައި ވެސް އެ ބައި ވަރަށް ބޮޑުވާނެކަމަށް ވެއެވެ.
ފިލްމު ކުޅެން ސޮއިކުރުމަށްފަހު ދިން އިންޓަވިއު އެއްގައި ފިލްމުގެ ބަތަލާ ކިއާރާ ބުނީ "ބޫލް ބުލައްޔާ" އަކީ އޭނާ ބެލި އެންމެ މަޖާ ބިރުވެރ ފލްމު ކަމަށް ވާތީ އޭގެ ސީކުއަލް ކުޅެން ލިބުމުން ވަރަށް އުފާވެފައި ހުރި ކަމަށެވެ.

"ބޫލް ބުލައްޔާ" އަކީ 2007 ގައި ރިލިޒްކުރި ޕްރިޔަދަރްޝަން ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. އެ ފިލްމަކީ މޯހަންލާލް އާއި ޝޯބްނާ 1993ގައި ކުޅެފައިވާ މެލަޔާލަމް ފިލްމެއްގެ ކޮޕީއެކެވެ. ނަމަވެސް މިފަހަރުގެ ފިލްމަކީ އެއްވެސް ފިލްމެއްގެ ކޮޕީއެއް ކަމެއް ފިލްމު އުފައްދާ ފަރާތުން އަދި ބުނެފައެއް ނުވެ އެވެ.

"ބޫލް ބުލައްޔާ 2" ރިލިޒްކުރަން ހަމަޖެހިފައިވަނީ ޖުލައި 31، 2020 ގައެވެ.