ބޮލީވުޑް

ޔާޝް ރާޖް ފިލްމްސްގެ "ޕްރިތުވީރާޖް"ގެ ބަތަލާއަކަށް މަނޫޝީ ޗިލާ

މިސް ވޯލްޑް 2017 ގެ ފަޚުރުވެރި ތާޖު ހާސިލު ކޮށްފައިވާ މާނޫޝީ ޗިލާ ބޮލީވުޑަށް ތައާރަފުކުރާ ވާހަކައަކީ ޔާޝް ރާޖް ފިލްމްސް އިން މިހާތަނަށް ވަރަށް ސިއްރު ކޮށްގެން އުޅުނު ވާހަކަ އެކެވެ. ނަމަވެސް މި ވާހަކަ މިހާރު އެންމެންނަށް އެނގި ޔާޝްރާޖް އިން ވެސް ވަނީ އެ ކުންފުނީގެ "ޕްރިތުވީރާޖް"ގެ ބަތަލާއަކީ މާނޫޝީ ކަން އިއުލާން ކޮށްފަ އެވެ.

އިންޑިޔާގެ ކޮންމެވެސް ހިސާބެއްގައި ކުރީ ޒަމާނެއްގައި ރަސްކަންކުރި ޕްރިތުވީރާޖް ޗައުހާންގެ މައްޗަށް ކުޅޭ މި ފިލްމުގެ ބަތަލަކީ އަކްޝޭ ކުމާރެވެ. ޕްރިތުވީރާޖްގެ ރޯލު އަކްޝޭ ކުޅޭއިރު މާނޫޝީ ކުޅެނީ ޕްރިތުވީރާޖްގެ އަނބިމީހާ ސަންޔޯގިތާގެ ރޯލެވެ.

މި ފިލްމު ޑައިރެކްޓްކުރަނީ ޑރ. ޗަންދުރަޕްރަކާޝް ދިވޭޑީ އެވެ. ޑައިރެކްޓަރު ބުނި ގޮތުގައި އެމީހުން މާނޫޝީ ޚިޔާރުކުރީ ވަރަށް ގިނަ މީހުންގެ އޮޑިޝަން ހެދުމަށްފަހު އެވެ. މި ރޯލަށް ބޭނުންވީ ވަރަށް ތާޒާ، އާ، ރީތި މޫނެކެވެ. އެގޮތުން އެމީހުންނަށް އެންމެ ރަނގަޅު މޫނަކަށް ފެނުނީ މާނޫޝީ އެވެ. މި ރޯލު މާނޫޝީ އަށް ދިނީ އެތައް ފަހަރަކު އޮޑިޝަން ހެދުމަށްފަހު އޭނާ އެ ރޯލަށް މުޅިން ފިޓްވާކަން ޔަގީންކޮށްފަ ކަމަށް ވެސް ޑައިރެކްޓަރު ބުންޏެވެ.

އޭނާ ބުނި ގޮތުގައި މިހާރު މާނޫޝީ ދަނީ ހަފުތާއަކު ހަ ދުވަހު ރިހާސަލް ހަދަމުންނެވެ. އަދި ފާއިތުވީ ނުވަ މަސް ދުވަހުއްސުރެ ޔާޝްރާޖް ފިލްމްސް އިން މާނޫޝީ ފިލްމީ ދުނިޔެއަށް ތައާރަފްކުރުމަށްޓަކައި ދޭންޖެހޭ އެކި ޓްރޭނިންތައް ދީ ތައްޔާރުކުރަމުން އައިސްފައިވަކަމަށް ވެސް ޑައިރެކްޓަރު ބުންޏެވެ.

ޔާޝްރާޖް ކަހަލަ ގަދަރުވެރި ފިލްމު ކުންފުންޏަކުން އޭނާއަށް ފުރަތަމަ ބްރޭކް ދިނުމުން އުފަލުން ގޮސް ބުނާނެ އެއްޗެއް ވެސް ނޭނގޭ ކަމަށް އިންޑިޔާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި މާނޫޝީ ބުންޏެވެ.

މާނޫޝީ ބުނި ގޮތުގައި މިއަދާ ޖެހެންދެން ވެސް އޭނާގެ ހަޔާތަކީ ފެއަރީ ޓޭލް އެއް ފަދަ އެއްޗެކެވެ. މިސް. އިންޑީއާގެ މަގާމު ހޯދުމަށްފަހު މިސް. ވޯލްޑްގެ ތާޖު ވެސް ލިބިފައި ވެއެވެ. އަދި އޭނާ ހިންދީ ފިލްމަށް ތައާރަފްކުރުމުގެ ޒިންމާ ވެސް ނަގާފައިވަނީ އިންޑިޔާގައި މިވަގުތު އޮތް އެންމެ މަޝްހޫރު ފިލްމު ކުންފުނިން ކަން މާނޫޝީ އުފަލާއެކު ފާހަގަ ކުރި އެވެ.