އަމީތާބު

ޑޮކްޓަރުގެ ބަސް ނާހާ އަމީތާބު ދުވާލަކު 18 ގަޑިއިރު ޝޫޓިންގައި

އަމީތާބު ބައްޗަން އަކީ އޭނާ ކުރާ ހުރިހާ ކަމެއް އޭނާގެ ބްލޮގްގައި ލިޔަމުންދާ އެކްޓަރެކެވެ. އެގޮތުން އޭނާ އެންމެ ފަހުން ލިޔެފައިވާ ލިޔުމުގައިވާ ގޮތުން އޭނާ މިހާރު ދަނީ ކޮންމެ ދުވަހަކުވެސް 18 ގަޑިއިރު ޝޫޓިންގް ގައި ހޭދަކުރަމުންނެވެ.

ވަރަށް ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި އޮތުމަށްފަހު ދޫކޮށްލިތާ މާ ގިނަ ދުވަސްތަކެއް ނުވެ މިހާ ބުރަކޮށް އަމީތާބު މަސައްކަތް ފެށި ސަބަބެއް ކަމަށް އޭނާ ބުނަނީ ބަލިވެ އޮތް ދުވަސް ތަކުގެ މަސައްކަތްތައް ފުނިޖެހިފައި ވުމުން ޕްރޮޑިއުސަރުންނަށް ގެއްލުން ވާނެތީ އެވެ.

އަމީތާބު ހޯސްޓްކުރާ ޝޯ "ކޯން ބަނޭގާ ކްރޯޅްޕަތީ"ގެ ވެސް ތިން އެޕިސޯޑް އެއް ދުވަސް މަތިން އަމީތާބު ޝޫޓްކޮށްފައި ވެއެވެ.

ހޮސްޕިޓަލުން ދޫކޮށްލަމުން ޑޮކްޓަރުން ވަނީ އަމީތާބަށް މަސައްކަތްކުރުން ހުއްޓާލައި އަރާމު ކުރުމަށް އިރުޝާދު ދީފަ އެވެ. ނަމަވެސް އަމީތާބު ބުނަނީ މަސައްކަތްކުރުމުން އޭނާއަށް ލޯތްބާއި ހެޔޮ ދުއާ އަދި ހިތްހަމަޖެހުން ލިބޭ ކަމަށެވެ.

އަމީތާބު، 77، އަކީ މިހާރުވެސް ބޮލިވުޑްގެ އެންމެ ބިޒީ އެއް ބަތަލެވެ. ފިލްމުތަކާއި އިޝްތިހާރުތަކުގެ އިތުރުން "ކޯން ބަނޭގާ ކްރޯޅްޕަތީ" ހޯސްޓްކުރާތީ އަމީތާބުގެ ކޮންމެ ދުވަހެއްގެ ގިނަ ވަގުތު ހޭދަކުރަން ޖެހެނީ ޝޫޓިންގް ގައެވެ.