ކުޅިވަރު

އަންނަ އަހަރު އޭއެފްސީ ލައިސެންސަށް ދިވެހި ކުލަބުތަކުގެ ރެކޯޑެއް

އޭއެފްސީ ކަޕުން މި އަހަރު ރާއްޖޭގެ އެއްވެސް ކުލަބަކަށް ފުރުސަތު ނުލިބުމުން، އެފްއޭއެމްގެ ކުލަބު ލައިސެންސިން ޑިޕާޓުމެންޓާއި ކުލަބުތަކުން ކުރި މަސައްކަތުން ރާއްޖޭގެ ހަ ކުލަބަށް އަންނަ އަހަރުގެ އޭއެފްސީ ކަޕްގެ ކުލަބު ލައިސެންސް ކަށަވަރު ވެއްޖެ އެވެ.

އޭގެ އިތުރުން ހަތް ވަނަ ކުލަބެއްގެ ގޮތުގައި ށ. ފޯކައިދޫ ފުޓްބޯޅަ ކުލަބަށް އިތުރަށް ފުރިހަމަ ކުރަން ޖެހޭ ކަންތައްތަކާއެކު ލައިސެންސް އޮތީ ލިބޭ ގޮތަށެވެ. ފޯކައިދޫއަށް ދޭ މުހުލަތުގައި އެކަންކަން ހައްލު ކުރުމުން ރާއްޖޭގެ ހަތް ކުލަބަށް އޭއެފްސީގެ ލައިސެންސް ލިބިގެން ދާނެ އެވެ.

އެފްއޭއެމުން ބުނީ ވިކްޓަރީ ފިޔަވައި އަނެއް އަށް ކުލަބުންވެސް ލިޔެކިޔުންތައް ފުރިހަމަ ކޮށްފައިވާ ކަމަށާއި ފ. ނިލަންދޫ ސްޕޯޓްސް ކުލަބަށް ލައިސެންސް ނުލިބުނީ އެ ކުލަބުން ކުޅެފައިވާ މެޗުތަކުގެ އަދަދު މަދުވުމުން ކަމަށެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު ވިދާޅުވީ ވިކްޓަރީއާ އެކި ފަހަރުގެ މަތިން ބައްދަލުކޮށް އެކުލަބަށް ފުރުސަތު ދީފައިވާނެ ކަމަށެވެ. އޭގެ ތެރެއިން ހަތަރު ފަހަރު ވިކްޓަރީގެ ޗެއާމަން ޑރ. އިބްރާހިމް ނާޝިދު ބައްދަލު ކޮށްފައިވާ ކަމަށެވެ. އެއިން ކޮންމެ ބައްދަލުވުމެއްވެސް ނިމިގެން ދަނީ ކަންކަން ހައްލު ކުރާނެ ކަމަށް އުންމީދެއް ދިނުމަށް ފަހުގައި ކަމަށް ޖަވާޒު ވިދާޅުވި އެވެ.

"ވިކްޓަރީ ސްޕޯޓްސް ކުލަބުގައި ފައިސާގެ ކަންކަމުގެ އިތުރަށްވެސް އެބަހުރި އެޑްމިނިސްޓްރޭޓިވްލީ ކުޅުންތެރިންގެ ކޮންޓްރެކްޓަށް ބެލިޔަސް ބަދަލު ގެންނަން ޖެހޭ ކަންކަންވެސް،" ޖަވާޒު ވިދާޅުވި އެވެ. "އެހެންނަމަވެސް މިހާތަނަށް އައިރުވެސް އަޅުގަނޑުމެންނަށް މިއައީ މިއިންވެސް ޗޭންޖެއް ނުފެނި."

ޖަވާ ވިދާޅުވީ އެ ހުރިހާ ކަމެއް ހުއްޓައިވެސް ވިކްޓަރީ ސްޕޯޓްސް ކުލަބަށް ދިވެހި ޕްރިމިއާ ލީގްގައި ވާދަ ކުރަން ފުރުސަތު ނުދިންނަމަ، އަނެއްކާވެސް ބޮޑު ކުލަބަކަށް ފުރުސަތު ނުދިނުމުން އެކަން އެފްއޭއެމްއާ ދިމާލަށް އަންނާނެ ކަމަށެވެ.

"އެހެންވެ އެވަގުތު އަޅުގަނޑުމެންނަށް ފެނުނީ ވިކްޓަރީއަށް ލީނިއަންސީއެއް ދީފައި ކުލަބާއެކު ކަންކަން ހައްލު ކުރަން މަސައްކަތް ކުރުން ކަމަށް، ވިކްޓަރީއާ ބެހޭގޮތުން ޖަވާޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އުސޫލުގެ ތެރެއިން ވިކްޓަރީއަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް ވިކްޓަރީއަށް ކޮށްދެމުންދާ ކަމަށެވެ. އެހެންނަމަވެސް އެހެން ކުލަބުތަކަށް ނުދޭ ފުރުސަތެއް ވިކްޓަރީއަށް ދިނުމަކީ އެހެންކުލަބުތަކަށް ވެވޭ ބޭއިންސާފް ކަމަށް ވެދާނެ ކަމަށް ޖަވާ ވިދާޅުވި އެވެ.

އެފްއޭއެމްގެ ކުލަބު ލައިސެސިންގެ ހެޑް އަބްދުﷲ ޝިބާއު ވިދާޅުވީ ލައިސެންސް ކަށަވަރުވި ކުލަބުތަކުން ކޮށްފައިވާ މަސައްކަތަކީ ވަރަށް ބުރަ މަސައްކަތްތަކެއް ކަމަށާއި އެކަމުގެ ތައުރީފް ކުލަބުތަކަށް ހައްގުވާ ކަމަށެވެ.

މިސަރަހައްދުގެ އެންމެ ވަރުގަދަ ދެ ލީގް ހިމެނޭ އިންޑިއާ އާއި ބަންގުލަދޭޝްއަށް ވުރެ، ލައިސެންސް ލިބުނު ކުލަބުތައް ރާއްޖޭގައި ގިނަކަން ޖަވާޒު ފާހަގަ ކުރި އެވެ. އެގޮތުން އިންޑިއާގެ 19 ކުލަބުގެ ތެރެއިން ހަ ކުލަބަށް ލައިސެންސް ލިބިފައިވާ ކަމަށެވެ. ބަންގުލަދޭޝްއިން ހަ ކުލަބުގެ ތެރެއިން ތިން ކުލަބަށެވެ.

"އަޅުގަނޑުމެން މި ދައްކަނީ ޔޫތު ވޯލްޑްކަޕުގައިވެސް ކުޅެފަ ނެޝަނަލް ޓީމުވެސް އެންމެ ހައި ލެވަލްގައި ޕާފޯމް ކުރަމުންދާ ގައުމުގެ ވާހަކަ، ޖަވާ ވިދާޅުވި އެވެ. "އަޅުގަނޑު މިވާހަކަ މި ފާޙަގަ ކުރީ އަޅުގަނޑުމެންގެ ދިވެހި ކުލަބުތަކުން ކޮށްފައިވާ މަސައްކަތް ފާހަގަ ކުރުމުގެ ގޮތުން."