ބޮލީވުޑް

އަދިތުޔާ އާއި ދިޝާގެ "މަލަންގް" ޖާދޫ ޖައްސައިފި

"އާޝިގީ 2" ފަދަ ރީތި ފިލްމުތައް އުފައްދާފައިވާ ޑައިރެކްޓަރު މޯހިތު ސޫރީގެ އާ ފިލްމު "މަލަންގް" ގެ ފޮޓޯއެއް އިންޓަނެޓުގައި މިހާރު ދައުރުވަމުންދާއިރު އެ ފޮޓޯއިން އެކަނި ވެސް ފިލްމު ވަރަށް ރީތިވާނެ ކަމަށް ބެލެވޭ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އަދިތުޔާ ރޯއި ކަޕޫރާއި ދިޝާ ޕަޓްނީ ލީޑް ރޯލު ކުޅެފައިވާ މި ފިލްމުގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން ދަނީ އަދިތުޔާގެ 34 ވަނަ އުފަން ދުވަހާ ދިމާ ކޮށެވެ. މި ފޮޓޯގައި އަދިތުޔާ އާއި ދިޝާ ފެންނަނީ ބީޗް ޕާޓީއެއްގައި މަޖާ ކުރަނިކޮށެވެ. އެމީހުންގެ ވަށައިގެން ތިބެނީ އެކި ގައުމުތަކުގެ މީހުންނެވެ.

"މަލަންގް" ގައި އަނިލް ކަޕޫރާއި ކުނާލް ކޭމޫ ވެސް ވަރަށް މުހިއްމު ރޯލުތަކެއް ކުޅެ އެވެ.

އަދިތުޔާގެ އެންމެ ފަހުން ރިލީޒްވި ފިލްމަކީ ކަރަން ޖޯހަރްގެ "ކަލަންކް" އެވެ. އެ ފިލްމުގައި މާދުރީ ޑިކްޝިޓް، ވަރުން ދަވަން، އާލިއަ ބަޓް އަދި ސޮނާކްޝި ސިންހާ ވެސް ބައިވެރިވި އެވެ. ނަމަވެސް އެ ފިލްމަށް ދިމާވީ ވަރަށް ބޮޑު ނާކާމިޔާބީއަކާ އެވެ. އެހެންވެ "މަލަންގް" ކާމިޔާބުވުން އަދިތުޔާގެ ފިލްމީ ކެރިއަރަށް ވަރަށް މުހިއްމެވެ.

އަނެއްކޮޅުން ދިޝާ ވަނީ ސަލްމާން ޚާންގެ "ބާރަތު"ގައި ވަރަށް ކުޑަކުޑަ ރޯލެއް އަދާ ކޮށްފަ އެވެ. މި ފިލްމަކީ ވަރަށް ކާމިޔާބު ފިލްމަކަށް ވަނީ ވެފަ އެވެ. އަދި ދިޝާ އާ މެދު ސަލްމާން ހިތްހަމަޖެހުނު ވަރުން ސަލްމާން އަލަށް ފެށި "ރާދޭ"ގެ ލީޑް ރޯލު ވެސް މިހާރު ދިޝާ އަށް ވަނީ ދީފަ އެވެ.

"މަލަންގް"ގެ ފޮޓޯ ކަމުގޮސްގެން ކޮމެންޓްކުރި ގިނަ މީހުން ބުނާ ގޮތުގައި ދިޝާ އާއި އަދިތުޔާގެ ކެމިސްޓްރީ ވަރަށް ރަނގަޅުކަން މި ފޮޓޯއިން އެކަނިވެސް ޔަގީން ކުރެވިފައިވާ ކަމަށެވެ. ފިލްމުގެ ޝޫޓިން މިދިޔަ މަހު ވަނީ ނިންމާލާފަ އެވެ. ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ލޯބިވެރިންގެ ދުވަސް ކަމަށްވާ ފެބްރުއަރީ 14 ވަނަ ދުވަހު އެވެ.