ގޮތަބަޔާ ރާޖަޕްކަސާ

ގޮތަބަޔަ ރައީސް ކަމުގެ ހުވާ ކުރައްވައިފި

Nov 18, 2019

ސްރިލަންކާގައި ކުރިއަށް ދިޔަ ވާދަވެރި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި، އެ ގައުމުގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ ކޮއްކޯފުޅު ގޮތަބަޔަ ރާޖަޕަކްސަ ރައީސް ކަމުގެ ހުވާ މިއަދު ކުރައްވައިފި އެވެ. ވެރިކަމުގެ ހުވާ ލައި ދެއްވީ ސްރީލަންކާގެ އުއްތަމަ ފަނޑިޔާރު، ޖަޔަންތާ ޖަޔަސޫރިޔާ އެވެ.

ގޮތަބަޔާ ވަނީ އިންތިހާބުގެ 52 ޕަސަންޓް ކާމިޔާބު ކުރައްވާފަ އެވެ. އެއީ 6.9 މިލިއަން މީހުންގެ ވޯޓެވެ. ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ، 16 މިލިއަން މީހުނަށެވެ. އޭގެ ތެރެއިން 80 ޕަސަންޓު މީހުން ވަނީ ވޯޓު ލައިފަ އެވެ. ޖުމްލަ 14 ކެންޑިޑޭޓުން ވާދަކުރި މި އިންތިހާބުގައި ގޮތަބަޔަ އާއި އެންމެ ކައިރިން ވާދަކުރީ، ސަޖިތް ޕްރޭމަދާސާ އެވެ. އޭނާ ވަނީ އިންތިހާބުގެ 48 ޕަސަންޓު ކާމިޔާބު ކޮށްފަ އެވެ.

ހުވާ ކުރެއްވުގެ ރަސްމިއްޔާތުގައި ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހާ ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ގޮތަބަޔައަކީ ކުރިން ލަންކާގެ ކުރީގެ ޑިފެން ސެކްރެޓަރީ އެވެ. އޭނާ އާންމުގެ މެދުގައި މަގުބޫލުވެފައި ވަނީ 25 އަހަރު ވަންދެން ތަމަޅަ ޓައިގަރުންނާއެކު ކުރަމުންދިޔަ ހަނގުރާމަ ނިންމުމަށް ކުރި މަސައްކަތުގެ ސަބަބުންނެވެ.

ރައީސްކަމުގެ މަގާމާ ހަވާލުވެ ވަޑައިގަތުމަށްފަހު، ރައްޔިތުންނާ މުހާތަބު ކުރައްވާ ގޮތަބަޔާ ވިދާޅުވީ، އޭނާ އެންމެ ބޮޑަށް އިސްކަމެއް ދެއްވާނީ، ގައުމީ ސަލަމާތަށާއި، ގައުމުގައި ހަމަޖެހުން ގާއިމްކުރަން ކަމަށެވެ.